ބަންގުލަދޭޝްގެ ގައުމީ އެއާލައިން ބިމާން ބަނގުލަދޭޝް އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ބަނގްލަދޭޝްގެ ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި ބިމާން ބަނގްލަދޭޝް އެއާލައިނާ ހަވާލައިދީ ދަ ޑެއިލީ ސްޓާއިން ބުނީ، އެއާލައިނުން އިތުުރު މަތިންދާ ބޯޓުތަކެއް ގެނައުމާ އެކު، މީގެ ކުރިން ދަތުރުތައް ކުރުން މެދުކަނޑާލާފައިވާ ބައެއް މަންޒިލުތަކަށާއި އާ މަންޒިލުތަކަކށް ދަތުރުތައް ފަށާނެ ކަމަށެވެ.

އެގޮތުން، ބަންގުލަދޭޝްގެ ވެރިރަށް ޑާކާއިން މާލެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް ބިމާންއިން ބުނެފައިވެ އެވެ. މި ދަތުރުތައް ފަށާނެ ކަމަށް ބުނެފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ.

ބިމާންއިން ދަތުރުތައް މާލެއަށް ފެށުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަނީ މާލެއާ ޑާކާއާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ. ނޮވެމްބަރު 2012 ގައި ފެށި އެ ދަތުރުތައް، ހަފްތާއަކު ތިން ފަހަރު ކުރެ އެވެ.

ރާއްޖޭގެ އިތުރުން، ޗައިނާގެ ގުއަންޖޯއަށާއި ސްރީލަންކާގެ ކޮލޮމްބޯގެ އިތުރުން ޖަޕާނުގެ ނަރީޓާއަށް ވެސް ދަތުރުތައް މި އަހަރުގެ ފަހުކޮޅު ފެށުމަށް ބިމާން އިން ނިންމާފައިވެ އެވެ.

މެދުކަނޑާލާފައިވާ މަންޒިލްތަކުގެ ތެރެއިން އަލުން ދަތުރުތައް ފަށަން އެ އެއާލައިންސް އިން ނިންމާފައި ވަނީ އިންޑިއާގެ ނިއު ދިއްލީ އަށާއި ހޮންގްކޮންގަށެވެ. އެ ދެ މަންޒިލަށް ވެސް ދަތުރުތައް ފަށަން ނިންމާފައި ވަނީ އަހަރުގެ ފަހުކޮޅެވެ.

މީގެ އިތުރުން ބަންގުލަދޭޝްގެ ސިވިލް އޮތޯރިޓީ ކެޓަގަރީ އެކަކަށް އަޕްގުރޭޑް ވެއްޖެނަމަ އަންނަ އަހަރުގެ ތެރޭގައި އެ އެއާލައިން އިން ނިއު ޔޯކަށް ކުރާ ދަތުރުތައް އަލުން ފެށުމަށް ވެސް ދަނީ ރާވަމުންނެވެ.

މެދު އިރުމައްޗާއި ޔޫރަޕް އަދި އޭޝިއާގެ ހަތް ޑޮމެސްޓިކް އަދި 15 ބައިނަލްއަގްވާމީ މަންޒިލްތަކަށް ދަތުރުކުރާ ބައިމާން އެއާލައިންސް އިން ދަތުރުތަކުގައި ބޭނުންކުރުމަށް ބޮއިންގް 300 ގެ މަރުކާގެ މަތިންދާ ބޯޓުން ފެށިގެން ޑޭޝް 8 މަރުކާގެ 14 ފްލައިޓެއް ބޭނުންކުރެއެވެ.