ވޮޝިންޓަން (ޖުލައި): އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހުންނެވި އިރު ސަރުކާރުގެ ރަސްމީ ބޭނުންތަކަށް އަމިއްލަ އީމެއިލް ބޭނުން ކުރެއްވި މައްސަލާގައި އެފްބީއައި އިން ހިލަރީ ކްލިންޓަންއާ ސުވާލުކޮށްފި އެވެ.

އަމިއްލަ ސާވާއިން އެއްވެސް ސިއްރު މައުލޫމާތެއް ބޭނުންކޮށްފައިވޭތޯ ބެލުމަށް އެފްބީއައި ހިލަރީއާ އިއްޔެ ސުވާލުކޮށްފައިވާ އިރު ހިލަރީ ވަނީ އަމިއްލަ އެކައުންޓުން ފޮނުވި މެއިލްތަކުގެ ތެރޭގައި އޭރު ސިއްރު މައުލޫމާތުގެ ގޮތުގައި ކަނޑައަޅާފައިވާ މައުލޫމާތު ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަމިއްލަ އީމެއިލް އެޑްރެހެއް ހަދާފައި ވަނީ ފަސޭހައަކަށް ކަމަށް ވިދާޅުވެފަ އެވެ.

އެމައްސަލައާ ގުޅިގެން ސްޓޭޓް ޑިޕާންޓްމެންޓުން ވަނީ އަމިއްލަ އީމެއިލް ބޭނުން ކުރެއްވުމުގައި ހިލަރީ އާއި އެހެން ޔޫއެސް ސެކްރެޓަރީން ވަނީ ސަލާމަތީ މިންގަނޑުތަކަށް އިހުމާލުވެފައިވާ ކަމަށް މީގެ ކުރިން ނިންމާފަ އެވެ. އަދި ޖަސްޓިސް ޑިޕާންޓްމެންޓުން މިހާރު ދަނީ އެއީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅޭނެތޯ ބަލަމުންނެވެ.

އެފްބީއައި އިން ހިލަރީއާ ސުވާލުކޮށްފައި ވަނީ ހިލަރީގެ މައްޗަށް ދައުވާ ކުރަން ނިންމާނީ އެފްބީއައި އާއި ޕްރޮސިކިއުޓަރުން ނިންމާ ގޮތަކަށް ބައްލަވާފަ ކަމަށް އެޓާނީ ޖެނެރަލް ލޮރެޓާ ލިންޗް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް ލިންޗް އޭގެ ކުރިން ހިލަރީގެ ފިިރިކަލުން ބިލް ކްލިންޓަންއާ ބައްދަލު ކުރެއްވުމާ ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ހިލަރީގެ ކެމްޕެއިނަށް އީމެއިލްތަކުގެ މައްސަލައިގެ ސަބަބުން ބުރޫ އަރާފާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މީގެ ކުރިން ނަގާފައިވާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ގޮތުގައި އެ މައްސަލައިގެ ސަބަބުން ހިލަރީއަކީ އިތުބާރު ކުރެވޭ ވެރިއެއް ކަމަށް ގަބޫލު ކުރާ އެމެރިކާ ރައްޔިތުންގެ އަދަދު ވަނީ މަދުވެފަ އެވެ. (ބީބީސީ)