ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ މީހާގެ މައްސަލާގައި އޭނާގެ އާއިލާއާ ސުވާލު ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް ދިނުމަށް ސްރީލަންކާގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ލަހިރު މަދުޝަންކަ ނަމަކަށް ކިޔާ "ސްނައިޕަރު" މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހައްޔަރު ކޮށްފައިވާ އިރު، އޭނާގެ ބަންދުގެ މުއްދަތު 22 ފަހަރު އިތުރު ކޮށްފައިވެ އެވެ.

ލަންކާގެ ސަންޑޭޓައިމްސް ނޫހުން މިއަދު ބުނި ގޮތުގައި، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި ލަހިރުގެ އާއިލާއާ ސުވާލު ކުރުމަށް ދިވެހި ފުލުހުން ބޭނުންވާތީ، ފުލުހުންގެ ފަރާތުން ދިވެހި ސަރުކާރުން ވަނީ ލަންކާ ސަރުކާރުގައި އެކަން ހަމަޖައްސައިދިނުމަށް އެދިފަ އެވެ.

އެހެން ނަމަވެސް ލަންކާ ސަރުކާރުން ވަނީ މިކަން ކުރުމަށް ދެކޮޅު ހަދައިފަ އެވެ. ލަންކާ ސަރުކާރުން މިގޮތަށް ނިންމީ، އެގައުމުގެ ބަންޑާރަ ނައިބު ޖަޔަންތަ ޖަޔަސޫރިޔާ ދެއްވި ގާނޫނީ ލަފާގެ ދަށުންނެވެ. އެ ލަފާގައި ބުނާ ގޮތުން، ބޭރުގެ ތަހުގީގީ ފަރާތަކުން ލަންކާގެ ރައްޔިތަކާ ސުވާލުކޮށް، ބަޔާނެއް ނެގުމަށް ލަންކާގެ ގާނޫނުތަކުން ތަނެއް ނުދެ އެވެ.

ސަންޑޭޓައިމްސް އިން ބުނާ ގޮތުގައި، ރާއްޖޭގައި ފުލުހުންގެ ބަންދުގައި ހުރި ލަހިރުއަށް އޭނާގެ އާއިލާއާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެނީ ކޮންމެ ދެ ހަފްތާއިން އެއް ހަފްތާއަކު، ފަސް މިނިޓުގެ ވަގުތުކޮޅަކަށެވެ.

ލަންކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލައިދީ އެ ނޫހުން ބުނާ ގޮތުގައި، ބަންދުގައި ހުރި "ސްނައިޕާ"އަށް އޭނާގެ އާއިލާއާ ވާހަކަ ދެއްކުމަށް ގިނަ ވަގުތު ދިނުމަށް ލަންކާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރުގައި ވަނީ އެދިފަ އެވެ.

ހިކިމަސް ގަންނަން ރާއްޖެއައި ކަމަށް ބުނާ ލަންކާ ސްނައިޕަރުގެ މައްސަލާގައި އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށް ލަންކާއިން ބުނާ އިރު، އެގައުމުގެ ސަރުކާރުން ވަނީ އޭނާ އަކީ އެއްވެސް އަސްކަރީ ތަމްރީނެއް ލިބިފައިނުވާ މީހެއް ކަމަށް ބުނެފަ އެވެ.

އަދި ހައްޔަރުކޮށްފައިވާ ސްނައިޕަރުގެ މަންމަ ބުނާ ގޮތުން، އޭނާގެ ދަރިފުޅު ރާއްޖެއަށް އައީ ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށް ބަޔަކު ބުނުމުންނެވެ.

ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ، ސުނައިޕަރެއް ކަމަށް ބުނެ ފުލުހުން ހައްޔަރުކުރީ ހިކިމަސް ގަންނަން ރާއްޖެ އައި މީހެއް ނޫން ކަމަށެވެ. އަދި އެ މައްސަލައަކީ ވަރަށް ވަރުގަދަ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.