ބެއިޖިން : ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލަނީ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ޕާކިސްތާނުން އެމެރިކާއަށާއި އިންޑިޔާއަށް ދޭ ވަރުގަދަ މެސެޖެއްކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ސިފަކޮށްފިއެވެ.

ގީލާނީގެ ދަތުރުފުޅާ ދިމާކޮށް "އެމެރިކަން އިންސްޓިޓިއުޓް ފޯ އިންޓެލިޖެންސް ސްޓަރޑީސް" އިން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން ގީލާނީގެ ޗައިނާ ދަތުރުފުޅަކީ އާދައިގެ ދަތުރުފުޅެއްނޫނެވެ. އެއީ ބޮޑު ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އިޤްތިސާދީ، ޢަސްކަރީ، ޢިލްމީ، ޓެކްނޮލޮޖީ އަދި ތަރައްޤީއާބެހޭ ސްޓްރެޓީޖިކް އެއްބަސްވުންތަކެއްގައި ދެޤައުމުގެ މަސްއޫލުވެރިން ސޮއިކުރަައްވާފައިވާއިރު ފައިސާގެ ގޮތުން ބަލާނަމަ މިއެއްބަސްވުންތަކުގެ ޖުމްލަ އެތަށް ބިލިޔަން ޑޮލަރަކުން ގުނާލެވެއެވެ.

ޗައިނާއަކީ އޭޝިޔާގައި އިޤްތިސާދީ ގޮތުންނާއި ޢަސްކަރީ ގޮތުން އެންމެ ބާރުގަދަ ޤައުމެވެ. ދުނިޔެއަށްބަލާއިރު ޗައިނާއަކީ ދުނިޔޭގެ އިޤްތިސާދީ ދެވަނަ ބާރު ކަމަށްވާއިރު ޗައިނާއަކީ އިންޑިޔާއާވެސް ވާދަވެރިކަމެއް ގެންގުޅޭ ޤައުމެކެވެ. އަދި ޗައިނާއަކީ ޢަސްކަރީ ގޮތުން ދުނިޔޭގެ ތިންވަނަ ބާރެވެ.

އެމެރިކަން އިންސްޓިޓިއުޓްގެ ރިޕޯޓް ބުނާގޮތުން ގީލާނީގެ މިދަތުރުފުޅުން އެމެރިކާއަށާއި އިންޑިޔާއަށް ޕާކިސްތާން ދޭންބޭނުންވާ އެއްމެސެޖަކީ، ޕާކިސްތާނުގެ އަމްނަށް ނުރަައްކާވާނަމަ މިދެޤައުމާ ނުލާވެސް ސަރަޙައްދީ ފެންވަރުގައި ޕާކިސްތާނަށް ކުޅެވޭނެ އެތަށް ރޯލެއް އެބަހުރި ކަމާއި، ޖެހޭނެ އެތަށް ކާޑެއް އެބައޮތް ކަމެވެ.
އަދި ޕާކިސްތާނުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ވަސީލަތްތައް ހޯދަން އޮތް ހަމައެކަނި ޤައުމަކީ އެމެރިކާ ނޫންކަމާއި ސަރަޙައްދުގެ ބާރުގެ ތިލަފަތް ހަމަހަމަ ކުރުމުގައިވެސް ޕާކިސްތާނުގެ ދައުރު ކުޑަނޫންކަމުގެ މެސެޖް ދިނުމަކީ ޕާކިސްތާނުގެ އެއް މަޤްސަދެވެ.

ޗައިނާއަކީ އެޤައުމަކާމެދު ހުރިހާ ގޮތަކުންވެސް އެމެރިކާ އެންމެ ބޮޑަށް ޖެހިލުންވާ ޤައުމެވެ. ޕާކިސްތާނާއި ޗައިނާގެ ގުޅުންތަކާމެދު އިންޑިޔާވެސް ކަންބޮޑުވެއެވެ. މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި ޕާކިސްތާނަކީ އެމެރިކާ ހެއްދިއެއްޗެއް ހެދިގެން ތާއަބަދަށް އޮންނާނެ ޤައުމެއް ނޫންކަމާއި ޗައިނާއަކީ މުސްތަޤްބަލްގެ ސުޕަރޕަވަރކަން އެމެރިކާއަށް ހަނދާންކޮށް ދިނުމަކީ ޕާކިސްތާނުގެ މަޤްސަދްތަކުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ.

އެމެރިކާއާއި އިންޑިޔާގެ ގާތްވަމުންދާ ގުޅުންތަކަކީ ޕާކިސްތާނާއި ޗައިނާ ކަންބޮޑުވާ ގުޅުންތަކެކެވެ. އެހެންކަމުން މިގުޅުންތަކަށް ޕާކިސްތާން އަބަދުވެސް ފާރަލައެވެ. އެމެރިކާ، މާޒީގައި ޕާކިސްތާން ގެންގުޅެފައިވަނީ ފެނުކެއްކި ބޮއްޔެއްގެ ފެންވަރުގައެވެ. ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ޕާކިސްތާނުގެ ބޭނުން އެމެރިކާއަށް ބޮޑުވީމާ ޕާކިސްތާންވަރެއް އެމެރިކާ އަކަށްނެތެވެ. ނަމަވެސް ސޮވިއެޓް ޔުނިޔަން ރޫޅޫމުން ޕާކިސްތާން ދޫކޮށްލުމަށްފަހު އެމެރިކާ، އިންޑިޔާއާ ގާތްވާން ފެށިއެވެ.

އެއަށްފަހު އަލްޤާޢިދާއާއި އުސާމާ ބިންލާދިންގެ މައްސަލަގަނޑު ފެންމަތިވުމުން އަނެއްކާ ޕާކިސްތާނުގެ ބޭނުން އެމެރިކާއަށް ޖެހިއްޖެވެ. ނަމަވެސް އުސާމާ އަވަހާރަ ކޮށްލެވިއްޖެ ކަމަށް ކަމަށް އެމެރިކާ އިޢްލާންކުރުމާއި އަފްޣާން ހަނގުރާމަ ކާމިޔާބު ނުވުމާއެކު އެޤައުމުން ފައިބަން އެެމެރިކާ ނިންމުމާއި ތާލިބާނުންނާއެކު ސުލްޙަވުމަށް އެމެރިކާ ނިންމި ނިންމުމަކީ އެމެރިކާގެ ސުލޫކަށާއި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެކެވެ. މިބަދަލުތަކުގެ ސަބަބުން އެެމެރިކާގެ ކުރިމަތީގައި އަނެއްކާވެސް ފެނުކެއްކި ބޮއްޔަށް ވެދާނެ ކަމުގެ ބިރު ޕާކިސްތާން އިޙްސާސް ކުރެއެވެ.

ޕާކިސްތާނުފަދަ އާބާދީބޮޑު ޤައުމެއްގެ ތަރައްޤީ އަށް ބޭނުންވާ ހުރިހާ ކަމެއް ޗައިނާއަށް ކޮށް ނުދެވިދާނެއެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެެމެރިކާމެދުވެރިވެގެން ހޯދައިދޭ ބޮޑެތި ލޯންތައް ޗައިނާއަށް ހޯދައިނުދެވިދާނެއެވެ. ނަމަވެސް ޗައިނާއޮތީ ޕާކިސްތާނަށް ބޭނުންވާ ގިނަކަންތައްތައް ފަސޭހައިން ކޮށްދެވޭފަދަ ބާރުގަދަ ޙާލަތެއްގައެވެ. ޕާކިސްތާނުގެ ދަނޑުވެރިކަމާއި ސިނާޢަތު ތަރައްޤީ ކޮށްދެވޭފަދަ ލެވެލްއެއްގައެވެ.

އެހެންކަމުން އެެމެރިކާ، އަފްޣާނިސްތާނުން ފޭބުމަށްފަހު އެމެރިކާގެ އަޅާލުން ޕާކިސްތާނަށް ނުލިބުނު ނަމަވެސް ޗައިނާއާ ގުޅުންތައް ބަދަހިކޮށްފިނަމަ ޕާކިސްތާނަށް ލިބޭ ހުސްކަން ފިލުވާލުމުގައި ޗައިނާއަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް އެމެރިކަން އިންސްޓިޓިއުޓްގެ ރިޕޯޓް ބުނެއެވެ.