ކެޓްރީނާ ކައިފް އަކީ ސޯޝަލް މީޑިއާގައި އެއްވެސް ވަރަކަށް ނޫޅޭ ބޮލީވުޑްގެ މަދު ފަންނާނުންގެ ތެރެއިން އެކަކެވެ.

ނަމަވެސް ސޯޝަލް މީޑިއާގެ ބާރު ކެޓްރީނާއަށް ވެސް ވިސްނިއްޖެ އެވެ. މިހާރު ކެޓްރީނާ އަންނަނީ ސޯޝަލް މީޑިއާ އަށް ތައާރަފުވުމަށް ތައްޔާރުވަމުންނެވެ.

ހަބަރުތައް ބުނާގޮތުން، ކެޓްރީނާގެ އުފަންދުވަހު އޭނާ ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާ އާ ގުޅޭނެ އެވެ. އަދި ސޯޝަލް މީޑިއާ އަށް ތައާރަފުވެ އެންމެ ފުރަތަމަ ވެސް ކުރާނެ މަސައްކަތަކީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބާރު ބާރު ދޭކޯ" ގެ ޕްރޮމޯޝަންގެ މަސައްކަތް ކަމަށް ބެލެވެ އެވެ.

ކެޓްރީނާގެ ގާތް ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ކެޓްރީނާ ސޯޝަލް މީޑިއާ އާ ގުޅެން ނިންމީ އޭނާގެ ސަޕޯޓަރުންނާ ގުޅުން ބަދަހިކޮށް، އެކިއެކި ކަންކަމުގައި އޭނާ ދެކޭގޮތް ހާމަ ކުރުމަށެވެ.

އެގޮތުން ފުރަތަމަ ހުޅުވާނީ ފޭސްބުކް އެކައުންޓެއް ކަމަށާއި، އިންސްޓަގްރާމް އަދި ޓުވިޓާ އެކައުންޓު ހުޅުވާނީ އޭގެ ފަހުން ކަމަށްވެ އެވެ.

ކެޓްރީނާގެ އުފަން ދުވަހަކީ ޖުލައި މަހުގެ 16 ވަނަ ދުވަހެވެ. މިއީ އޭނާ އަށް 33 އަހަރު ފުރޭ އަހަރެވެ.