03 Jul 2016, 10:50
އަހަރެން އިސްލާމް ދީނާ ދިމާލަށް ކުރި ދަތުރު ފެށީ އަހަރެންގެ އުމުރުން 14 އަހަރުގަ އެވެ. އޭރު އަހަރެން އުޅޭނީ ގްރޭޑު އަށެއްގަ އެވެ. އޭރު އަހަރެންނާ އެކު ސްކޫލުގައި ރަފައެލް ނަމަކަށް ކިޔަ ކުއްޖަކު އުޅެ އެވެ. އިސްލާމް ދީނާ ބެހޭ ގޮތުން އޭނާ އަށް އެނގޭ ކުޑަކުޑަ މައުލޫމާތުކޮޅެއް އަހަރެންނަށް އޭނާ ކިޔައިދިނެވެ.
ދެން ގްރޭޑު ނުވައެއްގައި ވެސް އެހެން ކުއްޖަކާ ދިމާވި އެވެ. ނަމަކީ ލެނާޑް އެވެ. އޭނާ ބައެއް ފަހަރު ބުނާ ގޮތުގައި އޭނާއަކީ މުސްލިމެކެވެ. އިސްލާމް ދީނާ ބެހޭ މައުލޫމާތު ލިޔެފައިވާ ކަރުދާހެއް އޭނާ އަހަރެންނަށް ދިނެވެ. އެ ކިޔާލުމުން ކޮންމެވެސް ވަރެއްގެ ޝައުގެއް އަހަރެންގެ ހިތުގައި އުފެދުނެވެ.
އަހަރެމެން ދެ މީހުން ބައެއް ފަހަރު ކްލާހުގެ އެންމެ ފަހަތުގައި އިށީނދެގެން ދުނިޔޭގެ އެކި ކަހަލަ މައްސަލަތަކާ ބެހޭ ވާހަކަތައް ދައްކަމެވެ. އަހަރެންނަކީ ކަޅު ނަސްލުގެ މީހަކަށް ވެފައި، ދޮން މީހުންނަކީ މާ "މޮޅު" ބައެއް ކަމަށް ދުނިޔޭގައި ދެކެމުން ދާތީ، ދުނިޔޭގައިވާ ހުރިހާ އިޖްތިމާއީ އަދި އިގްތިސާދީ މައްސަލައެއްގެ ޒިންމާ އެމީހުންގެ ބޮލުގައި އަޅުވަން ޖެހޭނެ ކަމަށް އަހަރެމެން ބުނަމުން ދިޔައިމެވެ. އޭރު އަހަރެންނަށް ވިސްނިފައި އޮތީ އިސްލާމް ދީނަކީ ހަމައެކަނި ކަޅު ނަސްލުގެ މީހުންގެ ދީނެއް ކަމަށެވެ.
އެކަމަކު ފަހުން ވިސްނެން ފެށި އެވެ. އިސްލާމްދީނަކީ ސުލްހަވެރި ދީނެކެވެ. ދޮން ނަސްލުގެ މީހުންނާ މެދު ރުޅިވެރިކަމެއް ވަކި ބަހައްޓާކަށް ނުޖެހެ އެވެ. ނަސްލާއި ދީނާ އެއްވެސް ގުޅުމެއް ނޯވެ އެވެ. އަދި ދުނިޔޭގައި ބަޔަކު ހިންގާ ޖަރީމާއަކާ ދީނަކާ ވެސް ގުޅުމެއް ނޯންނަކަން އަހަރެންނަށް ވިސްނެން ފެށި އެވެ.
އަހަރެން ކުރީގައި ހުރީ ނަސާރާއެއްގެ ގޮތުގަ އެވެ. ނަމަވެސް ނަސާރާ ދީނަކީ ދުނިޔަވީ ހަގީގަތްތަކާ ވެސް ފުށުއެރުންތަކެއް ހުންނަ ދީނެކެވެ. އެހެންކަމުން އަހަރެން އެ ދީން ދޫކޮށްލަން ނިންމީމެވެ. އެއާ އެކު އިސްލާމް ދީނަށް އަހަރެންގެ ހިތް މާ ބޮޑަށް ޖެހުނެވެ.
އަދިވެސް ސްކޫލު ދައުރެވެ. އަހަރެންނާ ދިމާވި ބައެއް އާ ރަހުމަތްތެރިންގެ ބަސް ގަބޫލުކޮށް، އަހަރެން ކީރިތި ޤުރްއާނު މުސްހަފެއް ގަތީމެވެ. އެ ކިއީމެވެ. އޭގެ ތަރުޖަމާ ލިޔެފައި ވަނީ މާ ރަނގަޅަކަށް ނޫނެވެ. އެހެން ނަމަވެސް މިއީ އިސްލާމް ދީނުގެ ހަގީގަތް ހޯދުމަށް އަހަރެންނަށް ސައްހަ ގޮތުގައި ކުރެވުނު އެންމެ ފުރަތަމަ މަސައްކަތޭ ވެސް ބުނެވިދާނެ އެވެ.
ހަފްތާތަކެއްގެ ތެރޭގައި އަހަރެންނަށް އިސްލާމީ އަގީދާ ގަބޫލު ކުރެވެން ފެށުނެވެ. ނަމަވެސް ޝަހާދަހުގެ ދެކަލިމައެއް ނުކިޔަމެވެ. އަހަރެންނަށް މިސްކިތަށް ދިއުމަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ. އަހަރެންގެ މަންމަ އޮތީ އެކަން މަނާ ކޮށްފަ އެވެ.
އިސްލާމް ދީނަށް އޮތް ޝައުގު އަހަރެންގެ މަންމައަށް ފަޅާ އެރި އެވެ. އަހަރެން އިސްލާމް ނުވާނެ ގޮތެއް ހެދުމަށް މަންމައަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި އެވެ. ނަސާރާ ފާދިރީއެއް ކައިރިއަށް ތިން ފަހަރަކު ގެންދިޔަ އެވެ. ނަމަވެސް ވީ ކަމެއް ނެތެވެ. އަހަރެންގެ އިސްލާމީ އަގީދާ ގުޑާ ވެސް ނުލި އެވެ.
އަހަރެންގެ މައިންބަފައިން ވަނީ ވަރަށް ކުރީގައި ވަރިވެފަ އެވެ. ދީނާ ބެހޭ ބަހުސްތައް ކުރުމަށް ފަހު، އެންމެ ފަހުން މަންމައަށް ކެތް ނުކުރެވުނެވެ. އަހަރެން ބައްޕަ ކައިރީގައި ދިރިއުޅެން ދިއުމަށް މަންމަ އެންގި އެވެ. ބައްޕަގެ އެއްވެސް މައްސަލައެއް ނެތެވެ. އަހަރެން ސްކޫލު ނިންމުމަށް ފަހު ދިޔައީ ބައްޕަ ކައިރީގައި އުޅޭށެވެ.
ރަނގަޅަށް ނަމާދު ކުރަން އަހަރެން ދަސް ކުރީމެވެ. އަދި 1995 ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު، އަހަރެން ދިރިއުޅޭ ސިޓީގެ އިސްލާމީ މަރުކަޒަށް ގޮސް ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމް ވީމެވެ.