މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ޕޯޗުގަލް އާއި ހަންގޭރީ ބައްދަލު ކުރި މެޗުގެ ކުރިން، މެޗާ ގުޅޭ ގޮތުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ސުވާލު ކުރި ނޫސްވެރިއެއްގެ މައިކު އަތުލައި ކޯރަށް އެއްލައިލުން ވެގެންދިޔައީ މީޑިއާތައް ކައްކުވައިލި ހަބަރަކަށެވެ.

ރޮނާލްޑޯ މައިކު އެއްލައިލީ މުބާރާތުގައި ޕޯޗުގަލް އަށް ރަނގަޅު ނަތީޖާތަކެއް ނުހޯދުމުގެ އިތުރުން ރޮނާލްޑޯ އަށް ވެސް އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކޭތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އަދި މައިކު އެއްލައިލުން ވެގެން ދިޔައީ އޭނާ އަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތައް އިތުރުވި ކަމަކަށެވެ.

ފްރާންސްގެ ލިއޯން ސިޓީގައި ޕޯޗުގަލްގެ ޓީމު ތިބޭ ހޮޓާ ކައިރިން ޓީމުގެ ކުޅުންތެރިންނާ އެކު ރޮނާލްޑޯ ހިނގާފައި ދަނިކޮށް މެޗާ ގުޅޭ ގޮތުން ސުވާލު ކުރީ ޕޯޗުގަލްގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ ސީއެމްޓީވީގެ ރިޕޯޓަރެކެވެ.

ހަބަރުތައް ބުނާ ގޮތުން، އެ ސްޓޭޝަނަކީ ރޮނާލްޑޯއާ ކޮންމެސް މައްސަލައެއް ޖެހިފައިވާ ސްޓޭޝަނެކެވެ. ފަހަރުގައި ރޮނާލްޑޯ މައިކު އެއްލައިލީ އެ ސަބަބާ ހުރެ އެވެ.

ނަމަވެސް، ރޮނާލްޑޯ މައިކު އެއްލައިލުމަކީ އެ ސްޓޭޝަނަށް މާ ބޮޑު މައްސަލައަކަށް ނުވި އެވެ. އެ ސްޓޭޝަނުން މިހާރު ވަނީ ދެ ޑައިވަރުން ފޮނުވައިގެން ކޯރުން މައިކު ނަގައިފައެވެ.

ސީއެމްޓީވީ އިން ބުނީ މައިކު ނީލަމުގައި ވިއްކާލަން ނިންމާފައިވާ ކަމަށެވެ. އަދި މައިކު ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރުމަށް ނިންމާފައި ވަނީ، ޕޯޗުގަލްގެ ފުންޗަލް ސިޓީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.

ފުންޗަލް އަކީ ރޮނާލްޑޯ އުފަންވި ސިޓީ އެވެ.