ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހިތްދަތި ގޮތަކަށް އެންމެ ފަހުގެ ރަނަރަޕް އިޓަލީ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

މިރޭ ޕެނަލްޓީގައި އިޓަލީގެ މައްޗަށް ޖަރުމަނުން ކުރި ހޯދީ 6-5 އިންނެވެ. ޕެނަލްޓީން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު ވެސް 1-1 ލަނޑުން ދެ ޓީމު އެއްވަރުވެފައި އޮތުމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ޖަރުމަނުންނެވެ. ނަމަވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އިޓަލީ އަށެވެ. މަޓިއާ ޑި ޝިގްލިއާ ދިން ބޯޅައަކުން އެޑާ އުފެއްދި ހަމަލާ ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް ވަނީ ދިފާއުކޮށްފަ އެވެ.

ޔޫރޯގެ ކުއާޓާގައި އިޓަލީ އާއި ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ޕެނަލްޓީގައި އިޓަލީ ބަލިކޮށް، ޖަރުމަނުން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ މާރިއޯ ގޮމޭޒް އަށެވެ. ޖޯޝުއާ ކިމިކް ނަގައިދިން ހުރަހަކުން ގޮމޭޒް ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ޖަރުމަނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާރިއޯ ގޮމޭޒް ދިން ބޯޅައަކުން އިޓަލީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ތޯމަސް މުލާ އުފެއްދި ހަމަލާ އެލެސެންޑްރޯ ފްލޮރެންޒީ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޖަރުމަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޖޮނަސް ހެކްޓާ ދިން ބޯޅަ އިޓަލީގެ ޑިފެންޑަރެއްގެ ފައިގައި ޖެހި ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

އޭގެ ދެ މިނެޓްފަހުން ވެސް ޖަރުމަނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ތޯމަސް މުލާ ދިން ރީތި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު އިޓަލީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޮމޭޒް އުފެއްދި ހަމަލާ، ކީޕަރު ޖިއަންލުއިޖީ ބުފަން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 77 ވަނަ މިނެޓުގައި އިޓަލީ އަށް ލިބުނު ޕެނަލްޓީއަކުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިޓަލީ އަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ. އިޓަލީ އަށް އެ ޕެނަލްޓީ ލިބުނީ ޖަރުމަނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑިފެންޑަރު ބޯޓެންގްގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެއްވަރުވުމުން އިތުރު ވަގުތު ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ޖަރުމަނުންނެވެ. އެގޮތުން އިތުރު ވަގުތުގައި އެންމެ ރަނގަޅު ފުރުސަތެއް ހޯދީ ވެސް ޖަރުމަނެވެ. އިޓަލީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖޫލިއަން ޑްރެކްސްލާ އުފެއްދި އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ޔޫރޯގެ ކުއާޓާގައި އިޓަލީ އަތުން ޖަރުމަން މޮޅުވި ޕެނަލްޓީ ހެކްޓާ ފޮނުވާލަނީ: އެ މެޗުގައި ޕެނަލްޓީގައި އިޓަލީ ބަލިކޮށް، ޖަރުމަނުން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

އިތުރު ވަގުތު ހަމަވި އިރު ވެސް 1-1 ލަނޑުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޖަރުމަނުގެ ޓޯނީ ކްރޫސް އާއި، ޖޫލިއަން ޑްރެކްސްލާ އާއި، މެޓްސް ހުމުލްސް އާއި، ޖޯޝުއާ ކިމިކް އާއި، ޖެރޯމް ބޯޓެންގް އާއި ޖޮނަސް ހެކްޓާގެ ޕެނަލްޓީތައް ކާމިޔާބުކުރި އިރު، ތޯމަސް މުލާ އާއި، މެސުޓް އޮޒިލް އާއި، ބަސްޓިއަން ޝުވެންސްޓެއިގާ ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފަ އެވެ.

އިޓަލީގެ ލޮރެންޒޯ އިންސިގްނިއާ އާއި، އަންދްރޭ ބަރްޒަގްލީ އާއި، މާކޯ ޕެރޮލޯ އާއި، އެމަނުއެލް ޖަކަރިނީ އާއި، މަޓިއާ ޑި ޝިގްލިއޯގެ ޕެނަލްޓީތައް ކާމިޔާބުކުރި އިރު، ސިމޯން ޒާޒާ އާއި، ގްޒަޒިއާނޯ ޕެލޭ އާއި، ޖޯޖިއޯ ކިއެލިނީ އާއި، މަޓިއޯ ޑާމިއަން ފޮނުވާލި ޕެނަލްޓީތައް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ޕެނަލްޓީގައި ޖަރުމަނުން 6-5 އިން ކުރި ހޯދި އިރު، ދެ ޓީމުގެ ގޯލު ބަލަހައްޓާފައި ވަނީ ދުނިޔޭގެ އެންމެ މޮޅު ދެ ކީޕަރުން ކަމަށްވާ ޖަރުމަނުގެ މެނުއެލް ނޯޔާ އާއި އިޓަލީގެ ޖިއަންލުއިޖީ ބުފަން އެވެ.

ސެމީގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޖަރުމަނު ނުކުންނަން ޖެހޭނީ ކުއާޓާގައި މާދަމާ ރޭ 12:00ގައި ފްރާންސާއި އައިސްލެންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.