އަނިޔާވެރި ބައިގަނޑަކުން ބަރުމާގެ އުތުރުގައި ހުންނަ މިސްކިތެއްގައި ރޯކޮށްލައިފި އެވެ. މިއީ އަށް ދުވަހުގެ ތެރޭގައި މުސްލިމުންނަށް އަމާޒުކޮށްދިން މިފަދަ ދެވަނަ ހަމަލާ އެވެ.

ކަޗިން ސްޓޭޓްގެ ޕަކޭންޓް އަވަށުގައި މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ބުދިސްޓުންގެ އަނިޔާވެރި ބައިގަނޑެއް އެ އަވަށަށް ވަދެގަނެ މިސްކިތެއްގައި ރޯކޮށްލި އިރު އެގައުމުގެ ފުލުހުންނަކަށް އެކަމެއް ނުހުއްޓުވުނެވެ. ނަމަވެސް އެ އަވަށުގައި އެގައުމުގެ ފުލުހުން ދަނީ ފޯރިމަރަމުންނެވެ.

ފުލުހުން ބުނީ، އެ ހަމަލާއާ ގުޅިގެން ބުދިސްޓުންގެ އަނިޔާވެރި ބައިގަނޑުން ފުލުހުންނަށް ވެސް ހަމަލާދީފައިވާ އިރު، ރޯކޮށްލި މިސްކިތް ކައިރިއަށް އަލިފާން ނިއްވާ ލޮރީ ވައްދަން ހުރަސްއެޅި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

"އެ މައްސަލަ ފެށުނީ ބުދިސްޓުންގެ ފައްޅިއެއް ކައިރީގައި މިސްކިތެއް އަޅާފައި ހުރުމުން، އެ މިސްކިތް ތަޅާލަން މުސްލިމުން ދެކޮޅު ހެދުމުން،" ލޯކަލް ފުލުހުންގެ އޮފިސަރު މޮއޭ ވިން ވިދާޅުވި އެވެ.

މިޔަންމާގެ މިސްކިތެއްގައި ބުދިސްޓުންގެ ބަޔަކު ރޯކޮށްލާފައިވާ އިރު، ދެ ހަފްތާ ކުރިން އެގައުމުގެ މެދު ތެރޭގައި އޮންނަ އޮންނަ އަވަށެއްގައި ހުރި މިސްކިތަކަށާއި ސަހަރާއެއްގެ އިތުރުން މުސްލިމް ސްކޫލަކަށް ވަނީ ބުދިސްޓުންގެ ބަޔަކު ގެއްލުންދީފަ އެވެ.

އެ ހާދިސާއާ ގުޅިގެން ގެއްލުންދިން މިސްކިތުގައި ދިރިއުޅޭ މީހުން ޖެހުނީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަވަށްޓެރި އަވަށްތަކަށް ބަދަލުވާންށެވެ.

މިޔަންމާގެ މުސްލިމުންނާއި ބުދިސްޓުންގެ ތެރޭގައި އިތުރު ހަމަނުޖެހުންތަކެއް އުފެދެމުންދާ އިރު، އެގައުމުގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މިޔަންމާގެ ސަރުކާރު ހިންގަވަމުން އަންނަ ނޮބެލް ސުލްހައިގެ އިނާމް ހާސިލްކޮށްފައިވާ އަންގް ސަން ސޫޗީ އަށް އދ. އިން ވަނީ ގޮވާލައި އިންޒާރުދީފަ އެވެ.

މައުލޫމާތު: ބީބީސީ