03 Jul 2016, 10:44
ޔޫރޯގައި އަލަށް ވާދަކުރަމުންދާ އައިސްލެންޑް ޓީމަކީ ހުރިހާ ގޮތަކުން ބެލިޔަސް ތަފާތު އަދި ހާއްސަ ޓީމެކެވެ. އެ ޓީމަކީ ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި އެންމެ އަވަހަށް ކަޓާނެ ޓީމުތަކުގެ ތެރޭގައި ކުރިން ފާހަގަކޮށްލެވުނު ޓީމެކެވެ. ނަމަވެސް ކުރިން ކުޑަ ޓީމެއްގެ ގޮތުގައި ފާހަގަކުރެވުނު ޓީމު މިހާރު ވެފައިވަނީ ބޮޑު ޓީމަކަށެވެ.
ޔޫރޯގައި ބޮޑެތި ޓީމުތަކަށް ނުރައްކާތެރި އުކުޅުތައް ދައްކާލުމަށްފަހު، ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ އައިސްލެންޑުން މިރޭ، އަމިއްލަ ފަސްގަނޑުގައި ކުޅޭ ފްރާންސާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗަށް ނުކުންނަ އިރު، ފްރާންސުން އައިސްލެންޑުގެ ކަންތައްތަކަށް ބަލައިލަން ޖެހެ އެވެ. އައިސްލެންޑު ކައިރީގައި ފަސޭހަކޮށްލުމުގެ ބަދަލުގައި ފްރާންސުން ބައެއް ކަންތައްތަކާ މެދު ވިސްނާލަން ޖެހެ އެވެ. އެހެންނޫންނަމަ، ފްރާންސްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެ އެވެ.

އިނގިރޭސިން އަތުން މޮޅުވި މެޗަށްފަހު، އައިސްލެންޑް ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
މީގެ ހަތަރު އަހަރު ކުރިން އައިސްލެންޑް އޮތީ ފީފާ ރޭންކިންގެ 130 އަށް ވުރެ ދަށުގައެވެ. އައިސްލެންޑް ވެފައިވަނީ ބޮޑު މުބާރާތެއްގައި ވާދަކުރާ އެންމެ ކުޑަ ގައުމަށެވެ. މި ފަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި އައިސްލެންޑުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އާއި ހަންގޭރީ ހިފަހައްޓާލައި، އޮސްޓްރިއާ އަތުން މޮޅުވެފަ އެވެ.
- ފުޓްބޯޅަ ކުޅުންތެރިންގެ ގޮތުގައި އައިސްލެންޑްގެ 21،500 ކުޅުންތެރިން ރަޖިސްޓަރީ ވެފައިވާ އިރު، އެ ގައުމުގެ އާބާދީ އަކީ 330،000 އެވެ.
- ފުޓްބޯޅަ ކުޅުމަށް އައިސްލެންޑުގައި 11 ފުޓްބޯޅަ ދަނޑު ހިމެނެ އެވެ. އެ ދަނޑުތަކުގައި ޗޭންޖިން ރޫމާއި، މެޑިކަލް ފެސިލިޓީތަކާއި ކުޅިބަލަން ތިބެވޭނެ ތަންތަން އެކުލެވެ އެވެ. އެ ދަނޑުތަކުގެ ތެރެއިން ބައެއް ދަނޑުތަކަށް ކުޅިބަލަން ތިބެވެނީ ގާތްގަނޑަށް 1000 ސަޕޯޓަރުންނަށެވެ. މީގެ ހަ އަހަރު ކުރިން އައިސްލެންޑަށް ކުރިމަތިވި ފައިސާގެ ދަތިތަކާ ހުރެ، ދަނޑުތައް ތަރައްގީ ކުރުމަށް މާ ބޮޑު ކަމެއް ކުރެވިފައެއް ނުވެ އެވެ.ޔޫރޯގައި ވާދަކުރާ އައިސްލެންޑް ޓީމަށް ސަޕޯޓް ކުރުމަށް އެ ގައުމުގެ ރައްޔިތުން ސްކްރީނުން މެޗު ބަލަން އެއްވެފައި ---

- އައިސްލެންޑުގެ ކޯޗަކީ ހައިމާ ގޯލްގްރިމްސަން އެވެ. އޭނާ އެ މަގާމާ 2013 ވަނަ އަހަރު ހަވާލުވި ފަހުން ވެސް ޕާޓް ޓައިމްކޮށް ޑެންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ. އޭނާއާއެކު ކޯޗެއްގެ ގޮތުގައި ސްވިޑަންގެ ލާސް ލެގާބެކް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ޔޫރޯ އަށް ފަހު އޭނާ މަގާމުން ވަކިވާނެ އެވެ.އައިސްލެންޑުގެ ކޯޗު ހައިމާ ހޯލްގްރިމްސަން: އޭނާ އަކީ ޕާޓް ޓައިމް ޑެންޓިސްޓެއް --- ފޮޓޯ: އޭޕީ

- އައިސްލެންޑުގެ ކާމިޔާބާ ބެހޭ ގޮތުން އައިސްލެންޑުގެ ކޯޗު ބުނީ، "ރަނގަޅު ކުޅުންތެރިންނާ ނުލައި ކާމިޔާބެއް ނުހޯދޭނެ. އެކަމަކު 10-15 އަހަރުގެ ތެރޭގައި އައިސްލެންޑުގެ ކޯޗުން ވަނީ ރަނގަޅު ކުޅުންތެރިންތަކެއް ތައްޔާރުކޮށްފައި. އެ ކޯޗުންނަށް ތައުރީފު ހައްގު. އޭގެ ތެރެއިން 70 ޕަސެންޓަކީ ޔޫއެފާ ބީ ލައިސަންސް އޮންނަ ކޯޗުން. އަދި 23 ޕަސެންޓަކީ އޭ ލައިސަންސް އޮންނަ ކޯޗުން. އެންމެ 16 ރަނގަޅު އަންހެން ކުޅުންތެރިޔަކު ފިރިހެން ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ،"
- އައިސްލެންޑުން ވަނީ ފުޓްބޯޅައިގެ ބޮޑެތި ޓީމުތަކަކަށް ލަނޑުދީފަ އެވެ. ޔޫރޯގެ ދެވަނަ ބުރުގައި ވަރުގަދަ އިނގިރޭސިން ލަދުގަންނަވާލި އިރު، އެ ޓީމުން ވަނީ ޔޫރޯ އަށް ކޮލިފައިވުމުގައި ވަރުގަދަ ހޮލެންޑަށް އުނދަގޫ ޖައްސުވައިފަ އެވެ.
- ޔޫރޯގައި ވާދަކުރާ އައިސްލެންޑުގެ ޓީމަށް ސަޕޯޓް ކުރުމަށް ޓީމާއެކު ފްރާންސަށް ދަތުރުކޮށްފައިވަނީ އެ ގައުމުގެ 30،000 ރައްޔިތުންނެވެ. އަދި ގައުމުގައި އައިސްލެންޑް ޓީވީން ހަންގޭރީއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު އެ ގައުމުގެ އާބާދީގެ 98.6 މީހުން ބަލާފައިވެ އެވެ. އައިސްލެންޑުގެ ގައުމީ ދަނޑަށް ވަދެވެނީ 15،000 ސަޕޯޓަރުންނަށެވެ.ޔޫރޯގެ ދެވަނަ ބުރުގައި އައިސްލެންޑް އަތުން ބަލިވުމުން އިނގިރޭސި ޓީމުގެ ބައެއް ކުޅުންތެރިން މާޔޫސްވެފައި --- ފޮޓޯ: އޭޕީ

- މީގެ ކުރިން އައިސްލެންޑުގެ 16 ކުޅުންތެރިޔަކު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކަށް ކުޅުނު ނަމަވެސް، މިހާރު އެ ލީގަށް ކުޅެމުންދާ ހަމައެކަނި ކުޅުންތެރިޔަކީ ސްވަންސީ ސިޓީ އަށް ކުޅެމުންދާ ގިލްފީ ސިގާޑްސަން އެވެ.
- އައިސްލެންޑުގެ އެއް ނަންބަރު ގޯލްކީޕަރު ހަނޭސް ހޯލްޑޯސަން އަކީ ފިލުމު ޑައިރެކްޓަރެކެވެ. އޭނާ ވަނީ އެ ގައުމުން 2012 ވަނަ އަހަރުގެ "ޔޫރޯވިޝަން ސޯންގް ކޮންޓެސްޓް" އަށް ތައްޔާރު ކުރި ލަވަ ޑައިރެކްޓްކޮށްފަ އެވެ. ހޯލްޑަސަން ވަނީ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އަތުން 1-1 ލަނޑުން އެއްވަރުވި މެޗުގައި ޕޯޗުގަލްގެ އަށް ހަމަލާއެއް މަތަކޮށްފަ އެވެ. ހޯލްޑަސަން ފުޓްބޯޅަ ކުޅުމާ ދުރަށް ދިއުމުން އައިސްލެންޑުގެ ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ "ސަގާފިލްމް" އިން އޭނާ އަށް ވަޒީފާ ދިނުމަށް ތައްޔާރެވެ.އައިސްލެންޑުގެ އެއް ނަންބަރު ގޯލްކީޕަރު ހަނޭސް ހޯލްޑޯސަން: އޭނާ އަކީ ފިލްމު ޑައިރެކްޓަރެއް --- ފޮޓޯ: އޭޕީ

- ޔޫރޯގައި ދަނޑު ތެރެއިން އެންމެ ފާހަގަކޮށްލެވުނު އައިސްލެންޑުގެ ސަޕޯޓަރަކީ ކޮމެންޓޭޓަރެކެވެ. އޮސްޓްރިއާ އަތުން ފަހު ވަގުތު މޮޅުވި މެޗުގައި ކޮމެންޓޭޓަރު ގުޑްމުންޑާ ބެނެޑިކްސަންގެ ފޯރިގަދަ ކޮމެންޓަރީ ސޯޝަލް މީޑިއާގައި މަޝްހޫރުވެގެންދިޔަ އެވެ. އެ މެޗަށްފަހު، އޭނާ ވަނީ އައިސްލެންޑަށް ގޮސް އޭނާގެ ރަސްމީ ވަޒީފާ ކަމަށްވާ ކޭއާރް ރޭކްޖަވިކްގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުން ވަކިވެފަ އެވެ. އެ ކްލަބަކީ އައިސްލެންޑްގެ އެއްވަނަ ޑިވިޝަނުގައި ވާދަކުރަމުންދާ ކްލަބެކެވެ.
ޔޫރޯގެ ކުއާޓާ ފައިނަލުގައި ފްރާންސާ ދެކޮޅަށް އައިސްލެންޑް ނުކުންނާނީ މިރޭ 12:00 ގައެވެ.



