21 May 2011, 08:53
ވޮޝިންގޓަން : އިރާޤާއި އަފްޣާނިސްތާނުގައި ހަނގުރާމަ ކުރަމުންގެންދާ އެމެރިކާ ސިފައިންގެ ގިނަބަޔަކަށް ނުރައްކާތެރި ބަލިތައް ޖެހިފައިވާ ކަމަށާއި މީގެތެރޭގައި ފުއްޕާމެޔަށް ޖެހޭ މުޅިން އާ ބައްޔެއްވެސް ހިމެނޭކަން ކަމާބެހޭ ސަރވޭއަކުން ހާމަވެއްޖެވެ.
އިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ފެށި ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ސިފައިންގެ ބައެއް މީހުންގެ ހަށިގަނޑުން ސާންޕަލްތައް ނަގައިގެން އެމެރިކާގެ ބްރޫކް ޔުނިވަރސިޓީ މެޑިކަލް ސެންޓަރުން ކުރި މިސަރވޭން ހާމަވާގޮތުގައި އެމެރިކާ ސިފައިންގެ އެހެންމީހުންނާ އަޅާބަލާއިރު އިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ސިފައިންނަށް ސިއްހީ އަދި ނަފްސާނީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މީގެތެރޭގައި ނޭވާލާން އުނދަގޫވެ ހާސްވާގޮތްވުމާއި އެތެރެހަށީގެ ބަލިތަކާއި ހިތްބިރު ގަތުމާއި ޝައްކާއި ވަހްމުގެ ޝިކާރައަކަށް ވުންފަދަ ޖިސްމާނީ އަދި ނަފްސާނީ އެތަށް ބައްޔެއް ހިމެނެއެވެ. އަދި އިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ސިފައިންގެ ބައެއް މީހުންގެ ހަށިގަނޑުން ފުއްޕާމޭގެ މުޅިން އާބައްޔެއް ފެނިފައިވާކަންވެސް އެސެންޓަރުން ވަނީ ހާމަކޮށްފަ އެވެ.
އިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ސިފައިންގެ ތެރެއިން އެތަށް ހާސްބަޔަކަށްވަނީ އަތްފައި ފައިބުރިވުންފަދަ ޖިސްމާނީ ދާއިމީ ނުކުޅެދުންތެރިކަމާވެސް ކުރިމަތިލާންޖެހިފަ އެވެ.
އެދެޤައުމުގައި ހަނގުރާމަކޮށްފައިވާ އެމެރިކާ ސިފައިންނަށް ބަލިތައްޖެހޭ ސަބަބުތަކުގެ ތެރޭގައި އެދެޤައުމުގެ ފަސްގަނޑުގައި އެމެރިކާ ބޭނުންކުރާ ނުރައްކާތެރި ބައެއް ހަތިޔާރުތަކުން ލީކުވާ ވިހައިގެ މާއްދާތައް ހިމެނޭކަން މިކަން ދިރާސާކުރައްވާ ޑޮކްޓަރުން ފާހަގަ ކުރައްވައެވެ.
މީގެއިތުރުން، އާދަޔާ ޚިލާފު ބިރުވެރި މާހައުލެއްގައި ހިތްދަތިކަމާއެކު ދިގުމުއްދަތަކަށް ހަނގުރާމަކުރަން ޖެހުމާއި މިދެޤައުމުގެ ކުށެއްނެތް ޢާންމު ރައްޔިތުން އެއްވެސް ސަބަބަކާނުލައި މަރަންޖެހުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކާއި ހަނަފަސް ސަހަރާގެ ހިމުންވެއްޔާއި ހިރަފުހުގެ ތެރޭގައި އުޅުމުން ކުރިމަތިވެފައިވާ އެތެރެހަށީގެ މައްސަލަތައް ހިމެނޭކަންވެސް އެފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.
ކުވައިތު ހަނގުރާމައިގާ ބައިވެރިވި އެމެރިކާ ސިފައިންނަށްވެސް ގޮތްނޭންގޭ ނުރައްކާތެރިބައްޔެއް ޖެހުނުކަން އެމެރިކާ ސިފައިންގެ މެޑިކަލް ރިޕޯޓްތަކުން ވަނީ ހާމަވެފަ އެވެ.
ޢިރާޤާއި އަފްޣާނިސްތާނަށް އަރައިގަނެ އެމެރިކާ ކުރަމުންގެންދާ ހަނގުރާމަތަކުގައި އެދެޤައުމުގެ ދޮޅު ލައްކައަށްވުރެ ގިނަ ޢާންމުން މަރާލެވިފައިވާކަން ރިޕޯޓްތަކުން ހާމަވާއިރު މިއީ ސެޕްޓެމްބަރ 11 ގައި އެމެރިކާއަށް ދިން ޙަމަލާތަކުގައި މަރުވި މީހުންނަށްވުރެ އެތަށް ސަތޭކަ ގުނަ އިތުރު ޢަދަދެކެވެ. -- ޔޫބީއައި