03 Jul 2016, 11:51
މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް ގުޅިގެން، އެކުވެ މަޖާކޮށްލަން އުފެއްދި ވަރުނުލާ ބޮޑުބެރު ގްރޫޕަކީ މިއަދު އާއްމުންގެ މެދުގައި މަގްބޫލް ބޮޑުބެރު ގްރޫޕެކެވެ. ތަފާތު ލަވަތަކެއް ހުށަހަޅައިދީފައިވާ އެތައް ބައެއްގެ ލޭ ކައްކުވާލާފައިވާ ގާބިލް ގްރޫޕެކެވެ.
ސެޕްޓެމްބަރު 1، 2010 ވަނަ އަހަރު ވުޖޫދަށް އައި އެ ގްރޫޕުން ފުރަތަމަ ބެރުޖަހަން ފެށީ ރާޅުނގަޑު ސަރަހައްދުގައި އޮންނަ މާހެފުން ކަހަލަ ކުޑަ ހަފްލާތަކުގަ އެވެ. ކޮންމެވެސް ތަނަކުން ބެރެއް ހޯދައިގެން ބެރުޖަހަން ފެށި އެ ބޭންޑުގައި އޭރު ގިނަ ވާނީ 18 އަހަރުން ދަށުގެ ނޫކަށި ފުރަގައިގެ 20 ވަރަކަށް ޒުވާނުންނެވެ.
ވަރުނުލާ ބޮޑުބެރު ގްރޫޕުގެ ބައެއް މެމްބަރުން: މިހާރު އެ ގްރޫޕް ވަނީ ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް ރީބުރޭންޑް ކޮށްފައި
ވަރުނުލާ ގްރޫޕް ވުޖޫދަށް އައިތާ ހަ އަހަރު ވެފައިވާ އިރު އެ ގްރޫޕް ރީބްރޭންޑްކޮށް "ރާޅުގަނޑު ބޮޑުބެރު ގްރޫޕް"ގެ ނަމަށް ނަން ބަދަލުކޮށް މަސައްކަތް މިއަދު މިވަނީ ވަރުގަދަ ކޮށްފަ އެވެ. ބަދަލު އައީ ހަމައެކަނި ބޭންޑުގެ ނަމަށެވެ. ތިބި ޒުވާން ޖޯޝުގަދަ ޓީމަކަށް ބަދަލެއް ނާދެ އެވެ.
"މާލޭ ވަރުނުލާ ރާޅުނގަޑު ސަރަހައްދަކީ ކުރިން ރާޅާ އަޅާ ޒުވާނުންގެ މެދުގައި މަގްބޫލް ތަނެއް. ނަމަވެސް މިހާރު އެ ސަރަހައްދުގައި އެހެން މަޝްރޫއަކަށް ތަރައްގީ ކުރަމުންދާތީ، ރާޅުނގަޑުގެ ނަން އުވިދިޔަ ނުދިނުމަށް ރާޅުނގަޑުގެ ނަމަށް ބޭންޑް ރީބްރޭންޑްކުރީ،" ގްރޫޕް ރީބްރޭންޑް ކުރި ސަބަބު ކިޔައިދެމުން ފައުންޑާ މެމްބަރު ހައްމާދު ރަޝީދު (ހަމްޕު) ބުންޏެވެ.

ވަރުނުލާ ބޮޑުބެރު ގްރޫޕުގެ ބައެއް މެމްބަރުން: މިހާރު އެ ގްރޫޕް ވަނީ ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް ރީބުރޭންޑް ކޮށްފައި
އުމުރުން ކިތަންމެ ހަގު ނަމަވެސް ވަރުނުލާ އިން ވަނީ ބޮޑުބެރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވޭތުވެ ދިޔަ އަހަރުތަކުގައި ހޯދައިފަ އެވެ. ޓީވީއެމް އިން ބާއްވަމުން އަންނަ ބޮޑުބެރު ޗެލެންޖުގައި މިދިޔަ އަހަރު އެ ގްރޫޕުން ވަނީ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ.
ރާއްޖޭގައި ނަގާކިޔާ މަޝްހޫރު ބޮޑުބެރު ގްރޫޕްތަކާ ވާދަކުރަމުން އަންނަ ވަރުނުލާ އިން ވަނީ ބައިނަލްއަގްވާމީ ފަސްގަނޑުތަކުގައި ވެސް ރާއްޖެ ތަމްސީލުކޮށްފަ އެވެ. އެގޮތުން މިސްރުގެ ގާހިރާގައި ބޭއްވި ބައިނަލްއަގްވާމީ ޑްރަމް ފެސްޓިވަލްގައި އެ ގްރޫޕުން ވަނީ ދެ އަހަރު ބައިވެރިވެފަ އެވެ.

ވަރުނުލާ ބޮޑުބެރު ގްރޫޕުގެ ބައެއް މެމްބަރުން: މިހާރު އެ ގްރޫޕް ވަނީ ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް ރީބުރޭންޑް ކޮށްފައި
މީގެ އިތުރުން، 2013 ވަނަ އަހަރު ޖަޕާން އާޓް އެގްޒިބިޝަންގައި މުނިފޫހިފިލުވުމުގެ ބައިގައި ބެރުޖެހުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތަކާއި ސަރުކާރުގެ ފަރާތުން ކޮރެއާގައި ބޭއްވި ކޮރެއާ އެކްސްޕޯގައި ވެސް އެ ގްރޫޕުން ވަނީ ބައިވެރިވެ ހުނަރު ދައްކާލައިފަ އެވެ.
"މޯލްޑިވިއަން އައިޑޮލް" އިން ތިން ވަނަ އަށް ދިޔަ މުހައްމަދު އިޝާނު ވެސް މެމްބަރެއްގެ ގޮތުގައި ހިމެނޭ ވަރުނުލާ އިން މިހާރު ވެސް އަންނަނީ ރާއްޖޭގެ ތިން ރިސޯޓެއްގައި ގަވާއިދުން ހުށަހަޅައިދެމުންނެވެ.
ވަރުނުލާ ބޮޑުބެރު ގްރޫޕުގެ ބައެއް މެމްބަރުން: މިހާރު އެ ގްރޫޕް ވަނީ ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް ރީބުރޭންޑް ކޮށްފައި
ވަރުނުލާ ރީބްރޭންޑުކޮށް "ރާޅުނގަޑު"ގެ ނަމުގައި މިއަދު ނުކުމެފައިވާއިރު ފައުންޑާ ހަމްޕު ބުނީ، އެ ގްރޫޕުން މިއަހަރުގެ ތެރޭގައި "ބޮޑުބެރުގެ ރަހަ އެކުލެވިގެން ޒަމާނީ ލަވަތަކެއް ހިމަނައިގެން ވީޑިއޯ އަލްބަމެއް ނެރެން ތައްޔާރުވަމުންދާ ކަމަށެވެ.
މީގެ އިތުރުން، ގްރޫޕް ރީބްރޭންޑްކުރުމަށް ފަހު ވަރުނުލާ އާއްމުންގެ ތެރެއަށް ފުރަތަމަ ފެނިގެންދާނީ ވަޅު އީދު ދުވަސް ޔޫތް މިނިސްޓްރީން މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގަ އެވެ. އެހެންކަމުން ވަރުނުލާގެ އަޑެއް މި އަހަރުގެ ކުޑަ އީދުގައި އަތޮޅުތެރެއިންނެއް ނީވޭނެ އެވެ.
"ކޮންމެ އީދެއްވެސް ދާނީ ހަމަ ފުލްކޮށް. ރަށްރަށުން ލިބޭ ތަރުހީބު ވަރަށްބޮޑު. ހާއްސަކޮށް ބ. އޭދަފުއްޓަކީ ވަރުނުދާ ވަރަށް ލޯބިވާބައެއް އުޅޭ ވަރަށް ބޮޑު ފޭން ބޭސް ރަށެއް،" ހަމްޕު ބުންޏެވެ.