02 Jul 2016, 23:31
ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފަދައިން، އޭނާއަކީ ވެސް ވަރުގަދަ އަޒުމެއްގައި ހުރި ކުޅުންތެރިއެއްކަމަށް އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފިއެވެ.
ރޮނާލްޑޯއާއެކު ކުރިން ރެއާލަށް ކުޅުނު މިޑްފީލްޑަރު ބުނީ، ރޮނާލްޑޯއާ އެއްވަރަށް ލަނޑު ޖަހަން ފެންބޮވައިގެންފައި ނެތް ނަމަވެސް އޭނާއަކީވެސް ކުރާ ކޮންމެ ކަމެސްވެސް ވަރަށް ރަނގަޅަށް ކުރާން ބޭނުންވާ މީހެއްކަމަށެވެ.
އެޓޭކިން މިޑްފީލްޑަރެއްގެ ހުންނަން ޖެހޭ ހުރިހާ ސިފައެއް ލިބިފައިވާ އޮޒިލްއަށް މިފަހަކަށް އައިސް ގޯލް ކުރިމަތީގައި ރަނގަޅު ނިންމުންތަކެއް ނިންމާލެވިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް ދަނީ އަމާޒުވަމުންނެވެ.
އަނެއްކޮޅުން ލަނޑުޖެހުމުގައި ދެވަނައެއް ނެތް ރޮނާލްޑޯއަށް މިފަހަރުގެ ޔޫރޯގައި އެހާ ރަނގަޅު ކުޅުމެއް ނުދެއްކި، އޭނާގެ ޓީމުގެ އެހެން ކުޅުންތެރީން ލަނޑު ޖަހަމުން ދިއުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރާއި އަދި ފާޑުކިޔުންތައް ވަނީ ރޮނާލްޑޯއަށް ވެސް ކުރިމަތިވެފައެވެ.
އޮޒިލް ބުނީ، ގަބޫލުކުރަން ދަތި ނަމަވެސް އޭނައާ ރޮނާލްޑޯއާ ދެމީހުންގެ އެއްގޮތް ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ.
"ރޮނާލްޑޯއަކީ ވަރަށް އަޒުމުވަރުގަދަ މީހެއް، ހަމަ އަހަރެންނަކީވެސް އެފަދަ މީހެއް،" ރޮނާލްޑޯއާ އެ ދެމީހުން އަޅައިކިޔަައި ފްރާންސްގެ ޓީވީއަކުން ސުވާލުކުރުމުން އޮޒިލް ބުންޏެވެ.
"އަހަރެންނަކީީ ދަނޑުމަތީގައި ކަންކަން ވަރަށް ފުރިހަކައަށް ކުރަން ބޭނުންވާ މީހެއް. އަދި އަހަރެން ކުރާ ކޮންމެ ކަމަކުން ވެސް ކާމިޔާބު ހޯދަން ބޭނުންވާ މީހެއް."
އޮޒިލް ބުނީ، ރޮނާލްޑޯއާއެކު ރެއާލަށް އޭނާ ކުޅުނު އިރު، ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ރޮނާލްޑޯއަކީ އަބަދުވެސް މޮޅުވާން ބޭނުން މީހެއް ކަމަށާއި އަދި އޭނާއަކީ މޮޅުވެގެން ދުވަހަކުވެސް ހިތްފުރޭ ކުޅުންތެރިއެއް ނޫންކަމަށެވެ.
"އެއީ ފަރިތަކުރުންތަކުގައި ވިޔަސް. ދުވަހަކުވެސް ހިތެއް ނުފުރޭނެ. އަބަދުވެސް އިތުރަށް މޮޅުވާން ބޭނުންވާނެ. އެހެން ކުޅުންތެރީންނާ ޚިލާފަށް އޭނާ އަބަދުވެސް ބޭނުންވާނެ ބައިވަރު ޓްރޮފީތައް ހޯދަން،" ކުރީގެ ޓީމްމޭޓާ ބެހޭގޮތުން އޮޒިލް ބުންޏެވެ.
"ތެދަށް ބުނަންޏާ އަހަރެންނަކީ ލަނޑުޖަހަން ރޮނާލްޑޯ ހާ ފެންބޮވައިގެންފައި ހުންނަ މީހެއް ނޫން. އެކަމަކު އެއީ އާދައިގެ ކަމެއް. ރޮނާލްޑޯއަކީ އެޓޭކަރެއް. އަހަރެން ދެކޭ ގޮތުގައި ލަނޑު ޖެހުމާއި ލަނޑު ޖަހަން އެހީތެރިވެދިނުން ހަމަހަމަ. އެ ދެކަންތަކުން ވެސް މެޗުން މޮޅުވުމަށް އެހީތެރިވެދޭނެ."
މިފަހަރުގެ ޔޫރޯގައި ޖަރުމަނު ކުޅުނު ހަތަރު މެޗެއްގައި އޮޒިލް ކުޅެފައިވާއިރު އޭނާއަށް އަދި ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެއް ލަނޑު އެޓީމު ކާމިޔާބުކޮށްފައި ވެއެވެ.
އޮޒިލްގެ ހުރިހާ ވެސް ވިސްނުމެއް މިވަގުތު ހުރީ މިރޭ 12:00ގައި ފްރާންސްގެ ބޯޑޯގައ،ި އިޓަލީއާ ދެކޮޅަށް ޖަރުމަނު ކުޅޭ ޔޫރޯ 2016 ކުއާޓާ ފައިނަލް މެޗުން އިޓަލީ ބަލިކޮށް ޖަރުމަަނަށް ސެމީގެ ޖާގައެއް ހޯދައިދިނުމަށެވެ.