02 Jul 2016, 23:50
ފުވައްމުލަކަށާއި އައްޑޫ ސިޓީއަށް ބަހުގެ ހިދުމަތް ދިނުމަށްޓަކައި ގެންދިޔަ 13 ބަހަކީވެސް ޒަމާނީ ފެންވަރުގެ ބަސްތަކެއް ކަމަށާއި މިމަހުގެ 13 ވަނަ ދުވަހު ހިދުމަތްދޭން ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
ބައެއް ބަސްތައް އައްޑުއަށް ބޭލުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ޖުނައިދު ވިދާޅުވީ، އައްޑުއާއި ފުވައްމުލަކަށް ގެންގޮސްފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ ބަސްތައްކަމަށެވެ. އެގޮތުން އޭގައި އޭސީއާއި ޓީވީވެސް ހުންނާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
އައްޑުއާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފެށުމަކީ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަމަށް ޖުނައިދުވަނީ ވިދާޅުވެފައެވެ.

ބަހުގެ ހިދުމަތް ދިނުމަށް އައްޑޫއަށް ގެންދިޔަ ބަސްތައް ހަވާލުކުރަނީ : މިމަހު 13 ގައި ބަހުގެ ހިދުމަތް ފަށާނެ ކަމަށް އެމްޕީއެލްއިން ބުނޭ -- ފޮޓޯ// އެމްޕީއެލް
މީގެކުރިންވެސް އައްޑޫގައި ބަހުގެ ހިދުމަތް ދީފައިވެ އެވެ. އޭރު ބަހުގެ ހިދުމަތް ދިން އެމްވީކޭއިން އެމަސައްކަތް ހުއްޓާލާފައިވަނީ މާލީ ދަތިތަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުން އޭރުވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
އައްޑޫގެ އިތުރުން ރާއްޖޭގައި މިހާރު އެންމެ ރަނގަޅުފެންވަރުގެ ބަހުގެ ހިދުމަތެއް ދެމުން އަންނަނީ ހުޅުމާލޭގަ އެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ވަނީ މެޓްރޯ ބަހުގެ ހިދުމަތް ފަށައިފައެވެ.