03 Jul 2016, 00:09
ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުދިން ބައިތިއްބާ ތިން މަރުކަޒަކަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ޒިޔާރަތްކުރައްވާ އެ ކުދިންގެ ހާލު ބައްލަވާލައްވައިފި އެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމައި މިދިޔަ ހަފްތާ ތެރޭގައި ހަވާލުވެ ވަޑައިގަތް މިނިސްޓަރު ޒެނީޝާ ވަނީ ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާ"އަށާއި "އަމާން ހިޔާ" އަދި ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށް ޒިޔާރަތްކުރައްވާ އެ މަރުކަޒު ތަކުގައި ދިރިއުޅޭ 153 ކުދިންގެ ހާލު ބައްލަވާލައްވާފައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 85 ކުދިން ދިރިއުޅެމުންދާއިރު، ވިލިމާލެ ކުޑަދިންގެ ހިޔާގައި 51 ކުދިން އަދި އަމާން ހިޔާގައި 17 ކުދިން ދިރިއުޅޭ ކަމަށެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފިޔަވަތި' ޖެންޑާ މިނިސްޓަރު ޒެނީޝާ މިއަދު ކުރެއްވި ޒިޔާރަތުގައި އެތަނުގައި ދިރިއުޅޭ ބައެއް ކުދިންނާއެކު --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިންގެ ތެރެއިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި ގާއިމުކުރެއްވި ފިޔަވަތި އަށް މިނިސްޓަރު ޒެނީޝާ ވަނީ ޒިޔާރަތްކުރެއްވި މިއަދު އެވެ.
ޒިޔާރަތުގައި އެ ތަނުގެ ހާލަތު ބައްލަވާލައްވައި އެތަނަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެފައިވެ އެވެ.
ޖެންޑާ މިނިސްޓަރު ޒެނީޝާގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވެސް ބައިވެރިވެވަޑައިގަތެވެ.
ޖެންޑާ މިނިސްޓަރު ޒެނީޝާގެ އެ ޒިޔާރަތުގެ ފޮޓޯތަކެއް ޖެންޑާ މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. ފޮޓޯތަކުގައި އެ މަރުކަޒުގައި ދިރިއުޅޭ ކުދިންނާ ވަރަށް ގާތްކޮށް ސަކަރާތް ޖައްސަވާ ސަމާސާ ކުރައްވާ މަންޒަރު ފެނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިންގެ ތެރެއިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި ގާއިމުކުރެވި ހިދުމަތް ދެމުންދާ ފިޔަވަތީގައި މިވަގުތު 85 ކުދިން ދިރިއުޅެމުންދެ އެވެ.