02 Jul 2016, 23:57
ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ފުރަތަމަ ފަހަރަށް ދިވެހި ޚުޠުބާއަކާއެކު މިއަހަރު ފިތުރު އީދު (ކުޑަ އީދު) ނަމާދު ކުރާނެ އެވެ.
ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއްރަޝީދު މިރޭ ސަން އަށް ވިދާޅުވީ، ދިވެހި ޚުޠުބާއަކާއެކު މިއަހަރުގެ ކުޑަ އީދު ނަމާދު އެއް ޖަމާއަތެއްގައި ސޯސަންވިލާގައި ފުރަތަމަ ފަހަރަށް ކުރާން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އީދު ޚުތުބާ ދެއްވާނީ އައްޝައިހް އަލީ ޝަރީފު ކަމަށެވެ. ސޯސަންވިލާގެ ގޯތިތެރޭގައި ޖަމާއަތުގައި އީދު ނަމާދުކުރަން ނިންމާފައިވާއިރު، ލަންކާގައި ދިރިއުޅޭ ދިވެހި ހުރިހާ ރައްޔިތުންނަށް އެދުވަހުގެ އީދު ނަމާދަށް ދައުވަތުދޭ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ގައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރާ ގިނަ ދުވަސްތަކެއް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ ސޯސަންވިލާގައި މިއަހަރުގެ ކުޑަ އީދުގައި ވެސް ބޮޑެތި ހަރަކާތްތަކެއް ވަނީ ރާވާފައެވެ.
އެގޮތުން މިހާތަނަށް ލަންކާގައި ބާއްވާ އެންމެ ވަރުގަދަ ޝޯވ ވެސް މިއަހަރު ބާއްވަން އެ ސެންޓަރުންދަނީ ތައްޔާރުވަމުންނެވެ.
އަބްދުއް ރަޝީދު ވިދާޅުވީ، މިއަހަރުގެ ޝޯވގައި ރާއްޖޭގައި ފުރަތަމަ ބޭއްވި މޯލްޑިވިއަން އައިޑަލްގެ ދެވަނަ ހޯދި ޝަލަބީ އިބްރާހިމް އާއި މުބާރާތުގެ ތިން ވަނަ ހޯދި މުހައްމަދު އިޝާން ބައިވެރިވާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަބްދުލް ހައްނާނު އާއި އިބްރާހިމް ނިފާރު (ތިއްތި) އަދި މުހައްމަދު ފަޒީލް ގެ ހުށަހެޅުންތަކަކާއެކު މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީދާ ގުޅިގެން ބާއްވާ ބޮޑު ޝޯވ އާއެކު އެ ސެންޓަރުގައި އީދު ކުޅިވަރުތައް ވެސް ބާއްވަން ނިންމާފައިވާއިރު، އެ ހުރިހާ ހަރަކާތަކަށް ވެސް ލަންކާގައި ތިބި ހުރިހާ ދިވެހިންނަށް ވަނީ ދައުވަތު އަރުވާފައެވެ.