02 Jul 2016, 21:59
ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އަށް ފަހު، ބޮރޫޝިއާ ޑޯޓްމަންޑްގެ ހެންރިކް މިކިތާރިޔަން ވެސް މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރަން ތައްޔާރުވެއްޖެ އެވެ.
އުމުރުން 27 އަހަރުގެ ފޯވަޑް މިކިތާރިޔަން ވަނީ މިދިޔަ ސީޒަނުގައި ޑޯޓްމަންޑް ކުޅުނު 52 މެޗުން 23 ލަނޑު އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ.
ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ހޯސޭ މޮރީނިއޯ ވަނީ އިބްރަހިމޮވިޗް އާއި ޑިފެންޑަރު އެރިކް ބެއިލީގެ ސޮއި ވެސް ހޯދައިފަ އެވެ.
ޑޯޓްމަންޑްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މަޝްވަރާތަކަަކަށްފަހު އާމެނިއާގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.
"މި ޓްރާންސްފާއަކީ އަހަރެމެންނަށް އާ ޗެލެންޖެއް. ޔުނައިޓެޑުން އަހަރެމެންނަށް ވަރަށް ރަނގަޅު ހުށަހެޅުމެއް ހުށަހެޅި. އަހަރެމެން އެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލައިފި ނަމަ، 2017 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ގޮތުގައި ކުޅުންތެރިޔާ ދާނެ،" ޑޯޓްމަންޑުގެ ހާންސް ޔޯކިން ވަޓްޒްކޭ ބުންޏެވެ.
މިކިތާރިޔަންގެ ފުޓްބޯޅަ ކެރިޔަރު ފަށާފައިވަނީ އާމެނިއާގެ ޕިޔުނިކުން 2006 ވަނަ އަހަރު އެވެ. އެއަށްފަހު ޑޯޓްމަންޑާ ގުޅުމުގެ ކުރިން ޔޫކްރޭނުގެ މަޓަލުއާ ޑޮނެސްކާއި ޝަޚްތަރު ޑޮނެސްކަށް ވެސް އޭނާ ކުޅެފައިވެ އެވެ.
ފޯވަޑެއްގެ މަގާމުގެ އިތުރުން މިކިތާރިޔަން އަކީ އެޓޭކިން މިޑްފީލްޑަރެއް އަދި ވިންގަރެއްގެ މަގާމަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ 298 ކްލަބު މެޗުން 104 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ އާމޭނިއާ ގައުމީ ޓީމަށް 59 މެޗު ކުޅެފަ އެވެ.