ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ މިރޭ ގުޅިވަޑައިގަތުން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބޭތަން ފެނިގެންދާ ކަމަށާއި އަގުލަބިއްތު ފުރިހަމައަށް ލިބުމުން އެމްޑީޕީގެ ވައުދުތައް މެކުހަށް ޖަހާފައި ކުރިއަށް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރްޕީގައި ހުންނަވައިގެން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އަލީ ވަހީދު ސަރުކާރު ހިންގާ އެމްޑީޕީއާ މިރޭ ގުޅިވަޑައިގަތުމާ ގުޅިގެން، ރައީސް ނަޝީދު ވިދާޅުވީ މިއަދާ ހަމަޔަށް ސަރުކާރުގައި އެމްޑީޕީން ދެމިތިބި އިރު، ފެނިގެންދިޔައީ އެމްޑީޕީއަށް މަޖިލީހުގެ އަޣުލައްބިއްޔަތު ނުލިބި އޮތްތަން ކަމަށާއި ނަމަވެސް މިހާރު ފެނިގެންދަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭތަން ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުން ލިބޭ މެޖޯރިޓީގެ ބޭނުން ހިފަންޖެހޭނީ ޒިންމާދާރު ކަމާއެކު ކަމަށާއި އަގުލަބިއްޔަތެއްގެ އެންމެ ބޮޑު އެއް މައްސޫލިއްޔަތަކީ ބައި މަދު މީހުންނަށް އިހްތިރާމް ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އަގުލަބިއްޔަތު ލިބުމާއެކު އެމްޑީޕީގެ މެނިފެސްޓޯގައިވާ ވައުދުތައް މެކުހަށްޖަހާފައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ދަތުރު ފަށާ މިއަދާ ހަމަޔަށް އާދެވުނު އިރު، މި ވަނީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބި. އެހެން ނަމަވެސް މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެ އަގުލަބިއްޔަތު ލިބެމުން އަންނަތަން، ލިބިއްޖެތަން، ލިބޭތަން. އަޅުގަނޑު މިރޭ ދަންނަވާލަން އޮތް ވާހަކައަކީ ލިބޭ އަޣުލަބިއްޔަތުގެ ބޭނުން ހިފާންޖެހޭނީ ޒިންމާދާރުކަމާ އެކީގައޭ. އަޅުގަނޑު މިރޭ ދަންނަވާލަން އޮތް ވާހަކައަކީ އަގުލަބިއްޔަތެއްގެ އެންމެ ބޮޑު އެއް މައްސޫލިއްޔަތަކީ މަދުބައި މީހުންނަށް އިހްތިރާމް ކުރުން. މަޖިލީހުގެ އަގުލަބިއްޔަތު މި ޕާޓީއަށާއި ސަރުކާރަށް ލިބުނީތީވެ، ޕާޓީގެ ވައުދުތައް ކުރިއަށް ވުރެ މާ ބާރަށް، މެކުހަށްޖަހާ އަޅުގަނޑުމެނަށް ކުރިއަށް ގެންދެވޭނެ ކަމީ ޝައްކު ހިނގާކަމެއް ނޫން" ވައުދުތައް މެކުހަށް މި ނަމުގައި މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑީއާރްޕީ އާއި އެމްޑީޕީގެ ފިކުރު ތަފާތުވި ކަމުގައި ވިޔަސް، ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅުނު އަލީ ވަހީދަށް ހަރުފަތަކަށްފަހު ހަރުފަތަކުން ގޮސް ޕާޓީގެ އެންމެ މައްޗަށް އެރޭނެ އިންތިޒާމް އެމްޑީޕީގައި ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ އެންމެ ބޮޑު މައްސޫލިއްޔަތަކީ ޒުވާނުންނަށް ސިޔާސީ މައިދާނުގައި އަދަގޮނޑީގައި ނުޖެހި، ކުރިއެރޭގެ ފުރުސަތު ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވަހީދު އެމްޑީޕީއާ ގުޅުމުން، އޭނާއަށް އަމާޒުވެދާނެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މީހަކު ދެ ގޮތް ވުމަކީ ތިމާ އަށް ގެއްލުމެއް ލިބެންޖެހޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ އެކަން ކުރުމުން މުޅި މުޖުތަމައުމަށް ފައިދާވާނެ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ އިގްތިސާދީ އިޖްތިމާއީ ޕްރޮގްރާމް ހިންގުމުގައި އަލީ ވަހީދުގެ ބޭނުން ސަރުކާރުން ކުރާނެ ކަމަށެވެ.

"އަޅުގަނޑުދަންނަށް އަލީ ވަހީދަށް އަޅުގަނޑަކީ އެއްވެސް އިރެއްގައި ނޭފަތު ކުރިއާ ހިސާބަށް ބަލާ މީހެއް ނޫން. އަޅުގަނޑަށް އިނގޭ އަލީވަހީދުގެ ޒުވާން ކަމަށާއި އަދި އޭނާގެ ވިސްނުން ތޫނު ކަމަށާއި އޭނާގެ ގާބިލްކަން. އަޅުގަނޑުމެންގެ އިގްތިސާދީ އިޖްތިމާއީ ޕްރޮގްރާމް ހިންގުމުގައި އަލީ ވަހީދުގެ ބޭނުން ކުރެވޭނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކެއް ހިނގާކަމެއް ނޫން،"

ޑޮލަރުގެ ވިއްކާ ރަސްމީ ރޭޓް ބަދަލު ވުމާ ގުޅިގެން، ބާޒާރުގައި ތަކެތީގެ އަގު ބޮޑު ވުމާ ގުޅިގެން ސަރުކާރަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އިގްތިސާދީ ބަދަލު ގެނައުމުގައި މި ސަރުކާރު ފަހަތަކަށް ނުޖެހޭނެ ކަމަށާއި ސިޔާސީ ނިޒާމް ބަދަލު ކުރި ގޮތަށް ރާއްޖޭގެ އިގްތިސާދު ވެސް ބަދަލު ކުރާނެ ކަމަށެވެ.

"ސަރުކާރުގެ ދަރަނި ފޫބެއްދުމަށްޓަކާ އާދައިގެން ވިޔަފާރި ބޭންކް ތަކުން ޓްރެޝަރީ ބިލް ވިއްކާ ފައިސާ ހޯދައިގެން އެ ދަރަނި ފޫބައްދައި ސަރުކާރުގެ ދުވަހުން ދުވަހުގެ ހަރަދު މިދެންނެވި ލޯނުން ހަމަޖެއްސީމާ އިގްތިސާދު ހީނަރުވަނީ ވަރަށް ބޮޑަށް. އާންމު ވިޔަފާރިއަށް ބޭންކްތަކުގައި ހުރި ފައިސާ ސަރުކާރުން ބޭނުން ކުރީނީ، ބޭނުން ކުރީމާ އާންމު ވިޔަފާރި ހީނަރުވެދަނީ. ވަޒީފާގެ ފުރުސަތު ދިނުމަށް އިގްތިސާދު ކުރިއަރާ ދިއުމަށް ބާޒާރު ހަލުވި ވުމަށް ބޭނުންވަނީ އާންމު ވިޔަފާރި ކުރިއަރަން. އާންމު ވިޔަފާރި ކުރިއެރޭނީ ބޭންކުން އެފައިސާ ލިބުނީމާ. ބޭންކުން އެފައިސާ ލިބޭނީ ސަރުކާރުގެ ހަރަދު، ސަރުކާރުގެ ދަރަނި ކުޑަވީމަ. ސަރުކާރުގެ ދަރަނި ކުޑަ ކުރުމަށް ސަރުކާރުގެ އާންމުދަނީ އިތުރު ކުރަންޖެހޭ ކަމީ އަޅުގަނޑުމެންގެ ހިތުގައި މިއަދު ޝައްކެއް އޮތް ކަމެއް ނޫން، އެހެންވީމާ އަޅުގަނޑުމެންޖެހޭނީ ޓެކްސްނަގަން،"

ރައީސް ވިދާޅުވީ އެމްޑީޕީން ބޭނުންވާ އަނެއް ދިވެހިރާއްޖެއަށް ދެވޭނީ ސަރުކާރުގެ ހަރަދާއި އާމްދަނީ އެއްވަރުކޮށް ޓެފިސިޓެއް ނޯންނާނެ ގޮތަކަށް އަމަލު ކުރުމުން ކަމަށެވެ.