މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސް 29 އަހަރަށް ފަހު އެ ކްލަބު ދޫކޮށްލައިފި އެވެ.

ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމުގައި ހުރި ގިގްސް އެ ކްލަބު ދޫކޮށްލާފައިވަނީ، ހޯސޭ މޮރީނިއޯ ކޯޗުކަމަށް އައުމަށްފަހު އެވެ.

ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސް: އޭނާ ވަނީ އެ ކްލަބުގައި 29 އަހަރު ހޭދަކޮށްފައި ---

ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ގިގްސް އެ ކްލަބުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި ފަހުން މަސައްކަތް ކޮށްފައިވާ އިރު، ޔުނައިޓެޑް ދޫކޮށްލުމަށްފަހު ކޯޗިން ކެރިޔަރުގައި ކުރިއަށްދާނެ ވަކި ރޭވުމެއް އަދި ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.

"ޔުނައިޓެޑްގައި ކުޅުންތެރިއެއް އަދި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 29 ސީޒަނު ހޭދަކުރި އިރު، އަހަރެންނަށް އެނގުނު އެއްޗަކީ ކްލަބުގެ އެންމެ މުހިއްމު ކަމަކީ ކާމިޔާބު ހޯދުން ކަމުގައި. ކްލަބުން ބޭނުންވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެޓޭކިން އަދި ހިތްގައިމު ފުޓްބޯޅައެއް ކުޅުން. މެންޗެސްޓާ ޔުނައިޓެޑުން އުންމީދުކުރޭ ކާމިޔާބު ހޯދުމަށް އަދި ކްލަބަށް ކާމިޔާބު ހައްގު. އަހަރެންގެ އުމުރުން 14 އަހަރުން ފެށިގެން މި ކްލަބަކީ އަހަރެންގެ ހަޔާތް. މި ނިންމުމަކީ އަހަރެންނަށް ފަސޭހަ ނިންމުމެއް ނޫން. ވަރަށް ވިސްނާފައި އަހަރެން ނިންމި ނިންމުމެއް މިއީ،" ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުން ވަކިވުމަށްފަހު އުމުރުން 42 އަހަރުގެ ގިގްސް ނެރުނު ބަޔާނުގައި ބުންޏެވެ.

ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސް: އޭނާ ވަނީ އެ ކްލަބުގައި 29 އަހަރު ހޭދަކޮށްފައި ---

އޭނާ ބުނީ، ކްލަބު ދޫކޮށް ދަނީ ހާއްސަ ހަނދާންތަކާ އެކު ކަމަށާއި އެކަންކަމާއެކު ކުރިމަގުގައި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މިއީ ކްލަބާ ދުރަށް ދާންވީ އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް ގިގްސް ބުންޏެވެ.

ޔުނައިޓެޑުގެ އެކަޑަމީއާ ގިގްސް ގުޅުނީ އޭނާގެ އުމުރުން 14 އަހަރުގައެވެ. ޔުނައިޓެޑުގެ ސީނިއާ ޓީމާއެކު އޭނާ ފުރަތަމަ ފެނިގެންދިޔައީ 1991 ވަނަ އަހަރުގެ މާޗް މަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެ ކްލަބާއެކު އޭނާ ވަނީ 13 ފަހަރު ޕްރިމިއާ ލީގާއި، ހަތަރު ފަހަރު އެފްއޭ ކަޕާއި ހަތަރު ފަހަރު ލީގު ކަޕާއި، ނުވަ ފަހަރު ކޮމިއުނިޓީ ޝީލްޑާއި، ދެ ފަހަރު ޗެމްޕިއަންސް ލީގާއި، ޔޫއެފާ ސުޕަރ ކަޕަކާއި، އިންޓަކޮންޓިނެންޓަލް ކަޕަކާއި، ފީފާ ކްލަބު ވޯލްޑް ކަޕެއް ވެސް ކާމިޔާބުކޮށްފަ އެވެ.

ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސް: އޭނާ ވަނީ އެ ކްލަބުގައި 29 އަހަރު ހޭދަކޮށްފައި ---

ޔުނައިޓެޑާއެކު ގިގްސް ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު ދުވަސް އޮތް ނަމަވެސް، އޭނާ މަގާމުން ވަކިވެފައިވަނީ މޮރީނިއޯގެ އެސިސްޓަންޓެއްގެ ގޮތުގައި ރުއި ފާރިއާ ހަމަޖެއްސުމުގެ ހަބަރުތަކެއް ދައުރުވަމުން ދަނިކޮށެވެ.

އެ މަގާމުން ވަކިވުމަށްފަހު، ގިގްސް ވަނީ ޔުނައިޓެޑަށް ޝުކުރު އަދާކޮށް ކޯޗު މޮރީނިއޯ އަށް މަރުހަބާ ކިޔައިފަ އެވެ. އަދި މޮރީނިއޯ އަކީ ކްލަބުގެ ކޯޗުކަމަށް ގެންނަން އެންމެ ރަނގަޅު ކޯޗުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކޯޗުންގެ ތެރޭގައި ހިމެނޭ ކާމިޔާބު ކޯޗެއް ކަމަށް ވެސް ގިގްސް ބުންޏެވެ.

ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސް: އޭނާ ވަނީ އެ ކްލަބުގައި 29 އަހަރު ހޭދަކޮށްފައި ---

ޔުނައިޓެޑްގެ ކޯޗިން ސްޓާފެއްގެ ގޮތުގައި 2013 ވަނަ އަހަރުގެ ޖުލައި މަހު ގިގްސް ހަމަޖެއްސީ އެ ކްލަބަށް ކުޅެމުން ދަނިކޮށެވެ. ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުރި ޑޭވިޑް މޮއިސް މަގާމުން ވަކިކުރުމާ ގުޅިގެން ހަތަރު މެޗެއްގައި ވަގުތީ ކޯޗެއްގެ ގޮތުގައި ގިގްސް މަސައްކަތްކުރި އެވެ. އޭރު ވެސް އޭނާ ކުޅުން ހުއްޓާލައިފައެއް ނުވެ އެވެ. އޭނާ ކުޅުން ހުއްޓާލާފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ލުއިސް ވެން ހާލްގެ އެސިސްޓަންޓެއްގެ ގޮތުގައި ހަމަޖެއްސާފައި ވަނިކޮށެވެ. އޭނާ ވަނީ ޔުނައިޓެޑަށް 963 މެޗު ކުޅެ، 168 ގޯލު ކާމިޔާބުކޮށްފަ އެވެ.