މާލޭ ހުޅަނގު ފަރާތުގައި ތަރައްގީ ކޮށްފައިވާ ރަސްފަންނު މޫދަށް ބަޔަކު ކަޅު ތެޔޮ އެޅުމުން، އެ މައްސަލަ ހައްލުކޮށް އަލުން މޫދު އެރުމުގެ ހުއްދަ ދީފި އެވެ.

ރަސްފަންނު މޫދަށް ކަޅު ތެޔޮ އެޅުމުގެ ސަބަބުން އެ ސަރަހައްދުގެ މޫދަށް އެރުން މަނާކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ރަސްފަންނުގެ ފެންގަނޑުގެ ތަގައްޔަރުވުމުން އެ ތަނުގެ ފެންގަނޑުގެ ތަހުލީލުތައް ހެދީ ހެލްތް މިނިސްޓްރީ އިންނެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ހެލްތް މިނިސްޓްރީން ހެދި ލޮނުގަނޑުގެ ތަހުލީލުތަކުގެ ރިޕޯޓްތަކުން ރަސްފަންނުގެ ލޮނުގަނޑު މިހާރު ސާފުވެފައިވާ ދައްކާ ކަމަށެވެ. އެހެންކަމުން މިދިޔަ ހަފްތާ ތެރޭގައި އާއްމުންނަށް އަލުން މޫދަށް އެރުމުގެ ހުއްދަ ދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ރަސްފަންނު މޫދަށް ބަޔަކު ކަޅުތެޔޮ އަޅާފައި: އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ރަސްފަންނު މޫދަށް ކަޅު ތެޔޮ އެޅީ ރަސްފަންނުގެ ބޭރު ތޮށި ކައިރިއަށް ދޯންޏަކުން ކައިރިކޮށްލުމަށް ފަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ނަމަވެސް އެކަމުގެ ތަހުގީގުތައް ފުލުހުން ކުރިއަށްގެންދާތީވެ، އެކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

ރަސްފަންނާ ދިމާލުން މޫދުން ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް، އެ ސަރަހައްދު މޫދަށް ނަޖިސް ބޭރުވެގެން މިދިޔަ އޭޕްރިލް މަހު ވެސް ވަނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ބަންދުކޮށްފަ އެވެ. އެ މަައްސަލަ ހައްލުކޮށް އެ ސަރަހައްދު ހުޅުވީ 18 ދުވަސް ފަހުންނެވެ.