މައްކާ(ޖުލައި 2): މާތްވެގެންވާ މައްކާގެ ހަރަމްފުޅު ސަރަހައްދުގައި ހިނގި މީހުން ތޮއްޖެހި ފިތިބާރުވުމުގެ ޙާދިސާއެއްގައި އަށާރަ މީހުން ޒަޚަމްވެ އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ސައޫދީ މީޑިޔާ ބުނާގޮތުން ފިތިބާރުވުމުގެ މިޙާދިސާ ހިނގީ މައްކާގެ ހަރަމްފުޅު ސަރަހައްދުގެ ދާރުއްތަވްހީދު ހޮޓާ ހުންނަ ސަރަހައްދުގައެވެ. މިއީ އައްޝަބީކާ ގެ ނަމުން ނަންދީފައިވާ ސަރަހައްދެކެވެ. ފިތިބާރުވުމުގެ ސަބަބުން އަނިޔާލިބުނު މީހުންގެ ތެރޭގައި އުމުރާ ވެރިންނާއި ރޭގައި މަސްޖިދުލްހަރާމް އަށް އާދައިގެ މަތިން އަޅުކަންކުރަން ގޮސްތިބި މީހުންވެސް ހިމެނޭކަމަށްވެއެވެ.

ފިތިބާރުވުމުގެ ސަބަބުން ޒަޚަމްވި އަށާރަ މީހުންނަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ހާސްވެ ނޭވާލަން ދަތިވުމާއި ވެއްޓި ހަނޑިގަނޑުގެ އެކިތަންތަނަށް ލިބުނު ގެއްލުންތައް ހިމެނެއެވެ. މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ އެންމެންނަށްވެސް ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ. ރެއަކީ ރަމަޝާން މަހުގެ 27 ވިލޭރޭކަމުން ރޭގައި މައްކާގެ ހަރަމްފުޅުގެ ސަރަހައްދުވަނީ އެހެން ރޭތަކަށްވުރެވެސް ބޮޑަށް ތޮއްޖެހިފައެވެ. ރޭގައި ތިން މިލިޔަނަށްވުރެ ގިނަ މީހުން ގެފުޅާއި ގެފުޅުގެ ވަށައިގެންވާ ސަރަހައްދުގައި އަޅުކަންކުރުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް ސައޫދީ ރަސްމީ މީޑިޔާއިން ބުނެއެވެ.

ހަރަމްފުޅުގެ ސަރަހައްދު ތޮއްޖެހި ބާރުވެފާ

މިއަހަރުގެ ރަމަޝާން މަހުގެ 27 ވިލޭރޭގައި ހަރަމްފުޅުގެ ސަރަހައްދު އާދަޔާ ޚިލާފަށް ތޮއްޖެހި ފިތިބާރުވުމުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީ ސައޫދީ ސަރުކާރުންވަނީ ރޭ ގައި އަޅުކަންކުރުމަށް މައްކާގެ ޙަރަމްފުޅަށް ދިޔުމުގެ ބަދަލުގައި މައްކާގެ އެހެން މިސްކިތްތަކަށާއި މަދީނާއާއި އެނޫންވެސް އެހެން ރަށްރަށުގެ މިސްކިތްތަކަށް ދިޔުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ރަމަޟާން މަހުގެ ފަހުދިހާގައި އުމުރާއަށްދާ ސައޫދީ ރައްޔިތުންގެ އުމުރާ ގެ ކަންތައް އެހެން ދުވަސްވަރަކަށް ފަސްކުރުމަށް ސައޫދީ ސަރުކާރުން އިލްތިމާސްކޮށްފައިވެއެވެ. ނަމަވެސް ސައޫދީ އަރަބިޔާގެ އެކިކަންކޮޅުތަކުންވެސް އެތަށް ލައްކަބަޔަކު މައްކާގެ ހަރަމްފުޅަށް ރޭގައި ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ތޮއްޖެހި ފިތިބާރުވުމުގެ ނުރައްކާތެރި ހާދިސާތަކަކީ ހައްޖުގެ ދުވަސްވަރުގައި ވަރަށްގިނައިން ހިނގާ ކަމެކެވެ. މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ހިނގި ފިތިބާރުވުމުގެ ޙާދިސާއެއްގައި ހައްޖުވެރިންގެ އެތަށް ސަތޭކަ ބަޔަކު މަރުވެފައިވެއެވެ. އަދި ހަރަމްފުޅުގެ ސަރަހައްދަށް ކެރޭނެއް ވެއްޓުމުގެ ސަބަބުންވެސް އެތަށް ބަޔަކު މަރުވެފައިވެއެވެ. (ސައޫދީ މީޑިޔާ)