ފްރާންސްގެ މާސޭގެ ވެލެޑްރޯމް ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެ ރޭ ޕޯޗްގަލް އާއި ޕޮލެންޑް ކުޅުނު ޔޫރޯ 2016ގެ ކުއާޓަރ ފައިނަލް މެޗު ކުރިއަށް ދިޔަ ވަގުތު ދެޓީމުގެ ސަޕޯޓަރުން ސްޓޭޑިއަމްގައި ހަމަނުޖެހުން ހިންގާފައިވާތީ އެ ދެޓީމާ ދެކޮޅަށް ޑިސިޕްލިނަރީ މައްސަލަތަކެއް ޔުއެފާއިން ބަލަން ފަށައިފިއެވެ.

މެޗު ކުޅެމުން ދިޔަ ވަގުތު ދެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ކުޅިވަރާ ޚިލާފު ގިނަ ކަންތައްތަކެއް ހިނގި ނަމަވެސް، ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު، ޕޯޗްގަލް ވަނީ ޕެނަލްޓީ ޖަހައިގެން ޕޮލެންޑްގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ސެމީން ޖާގައެއް ކަަށަވަރުކޮށްފައެވެ.

މެޗުގެ އިތުރުވަގުތުގެ ކުޅުން ކުރިއަށް ދިޔަ ވަގުތު ޕޯޗްގަލްގެ ސަޕޯޓަރަކު ވަނީ ދަނޑުމައްޗަށް އަރައިފައެވެ. އަދި ދަނޑަށް އަރަން މަސައްކަތްކުރި ޕޮލެންޑް ސަޕޯޓަރަކު ފުލުހުން ހިފަހައްޓާފައި ވާއިރު، ދެޓީމުގެ ސަޕޯޓަރުން ވަނީ ދަނޑުގައި ހަވަޔާއި އަލިނަރުފަދަ ތަކެތި ބޭނުންކޮށްފައެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއިން މިހާރު ވަނީ، މި މެޗުގައި ހިނގައިދިޔަ ހާދިސާ ތަކާ ގުޅިގެން މި ދެޓީމަށްވެސް ޑިސިޕްލިނަރީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނޭކަން ކަށަވަރުކޮށްދީފައެވެ.

ޕޮލިޝް ފުޓްބޯލް ފެޑެރޭޝަން (ޕީޒެޑްޕީއެން) އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދަނޑުގައި ފަޔަރވޯކްސް ބޭނުންކުރުމާއި، ސަޕޯޓަރުން އެނޫންވެސް ކުޅިވަރުގެ ރޫޚާ ހިލާފު އަމަލުތައް ހިންގުން ހިމެނެއެވެ.

ޕޯޗްގީޒް ފުޓްބޯލް ފެޑެރޭޝަން (ޕީއެފްޕީ) އާ ދެކޮޅަށް ބަލަމުން އަންނީ، ފަޔަރވޯކްސް ގެންގުޅުމާއި، ދަނޑުމައްޗަށް އެޓީމުގެ ސަޕޯޓަރަކު އެރި މައްސަލައެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އޮސްޓްރީއާއާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުގައި އެޓީމުގެ ސަޕޯޓަރެއް ދަނޑަށް އެރި މައްސަލައެއްގައި ޔުއެފާއިން ވަނީ ޕޯޗްގަލާ ދެކޮޅަށް ފިޔަވަޅު ނާޅައި ދޫކޮށްލައިފައެވެ.

މި މައްސަލަތަކާ މެދު ޔުއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމެޓީން ގޮތެއް ނިންމާނީ މި ޖުލައި މަހު 21 ވަނަ ދުވަހުކަމަށް ރިޕޯޓްތައް ބުނެއެވެ.