އިތުރު ނުވަ އަތޮޅަކަށް އެމްޓީސީސީން މިއަދު ފެރީގެ ޚިދުމަތްދޭން ފަށައިފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއާ އެކު އެކުންފުނިން ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަދު ފެރީގެ ޚިދުމަތްދޭން ފަށާފައި ވަނީ ހއ. ހދ. ށ. ނ. ރ. ބ. ޅ. ގއ. އަދި ގދ. އަތޮޅަށް ކަމަށެވެ.

ޚިދުމަތް ތައާރަފްކުރުމާއެކު މިއަދު އެ ހުރިހާ އަތޮޅަކަށް ވެސް ފެރީގެ ޚިދުމަތްދީފައި ވަނީ ހިލޭ ކަމަށާއި އަގުނަގާނީ މާދަމާ އިން ފެށިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، އެ ނުވަ އަތޮޅަށް ފެރީގެ ޚިދުމަތްދޭން ފެށުމާއެކު ފ. ދ. އައްޑޫ ސިޓީ އަދި ޏ. ފުވައްމުލަށް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށަކަށް އެކުންފުނިން ފެރީގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ.

"އެހެންކަމުން 13 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް 168 ރަށަށް މިހާރު ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މިއަދު ފެރީގެ ޚިދުމަތްދޭން ފެށި އަތޮޅުތަކުގެ ދަތުރުގެ އަގަކީ ވެސް އަތޮޅުތެރޭގެ ދަތުރެއްނަމަ ޖީއެސްޓީއާ އެކު 22 ރުފިޔާ އާއި އަތޮޅުން ބޭރު ދަތުރެއްނަމަ ޖީއެސްޓީއާ އެކު 53 ރުފިޔާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ފެރީތަކެއް ތައާރަފްކުރުމާ އެކު ދެމެހެއްޓެނިވިގޮތެއްގައި އާންމު ފެރީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އެމްޓީސީސީން ފެރީގެ ޚިދުމަތް ނުދެނީ ފ. ދ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކަށެވެ. ނަމަވެސް އިތުރު ދެ ކުންފުންޏެއް މެދުވެރިކޮށް ސަރުކާރުން އަންނަނީ އެ އަތޮޅުތަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެގޮތުން ފ. އަދި ދ. އަތޮޅަށް ފެރީގެ ޚިދުމަތް ފޯރުކޮށްދެނީ ވާމިލިއަން ނަކަމަށް ކިޔާ ކުންފުންޏަކުންނެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.