ޖެހެންފެށި ބާރު ވަޔާއެކު، އަހިގަސްތަކުގައި ތިބި ކޮވެލިތައް އުދުއްސައިގަތުމަށްފަހު ވައި ފައްސާކޮށްލީ ކީއްވެހެއްޔެވެ؟ ރުއް ރުކުގައި ހާލި ހަދައިގެން އުޅުނު ކާޅުތައް އެކަމުގައި ބައިވެރިވީ ކީއްވެހެއްޔެވެ؟ ބަނބުކެޔޮ ގަސްތަކުން، ތަނޑި ރަތްވެފައިވާ ޅަކެޔޮތައް ބިމަށް ފައިބާން ފެށީ ކީއްވެހެއްޔެވެ؟ ބިންމަތީގައި ތަންއަޅައިގެން ތިބި ހިކިފަތްތައް ވަޔާ އެއްކޮޅަށް ފުރޮޅިގަތީ ކީއްވެހެއްޔެވެ؟ ހިރަފުސް ވެލިބިމެއްގައި މިއިން އެއްވެސް ކަމެއް އެނގޭވަރެއް ނުވިއެވެ. ފުސްގަނޑު ރޯޅިއާއިއެކު ހިރަފުހާއި، ހިމުން ވެލިން މުޅި މާޙައުލު ކިލަނބު ވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވެހިގެންފާނެ ހެންނެވެ. ވާރެޔާ ތެމޭހިތުން ޅަފުރައިގެ ކުދިން ހުސްގަޔަށް ހަދާލައިގެން ނިކުމެ މަގުގެ ކޮޅުކޮޅުމައްޗަށް ދުވާތަން ފެނެއެވެ. ސަލީމާއަށް އެކުދިންނާ ހަމައަށް ދެވޭގޮތެއް ނުވިއެވެ. އޭނާއަށް ޖެހުނީ ކައިރި ގެއެއްގެ އަސްކަނިދަށަށް ވަދެ ނިވާވާށެވެ. ވެހެން ފެށި ވާރެއިން ހިޔާ ވުމަށެވެ. ކުރިން ވާރޭ ނުވެހޭ ދުވަސްދުވަހު ގޭ ގިފިލި ވަޅުން ފެންކުޅި ކުޅުނު ސަލީމާ، މިއަދު ވާރެޔާ ތެމޭކަށް ބޭނުމެއް ނޫނެވެ. މިއަދު އޭނާ ހުރީ ވެހޭ ވާރެއަށް ބަލާށެވެ. ވާރޭތެރެއިން ފެންނަ ވައިރޯޅީގެ ފޭދުން، ޚިޔާލު އޭނާގެ މާޒީ ގެނުވިއެވެ.

" އެއީ މީގެ 9 އަހަރު ކުރިއެވެ. ވާރެޔާ ތެމިފޯވެގެން ހުރެ އަހަރެން ގެއަށް ދިޔައީ މަދަރުސާއަށްދާ ގަޑި ކައިރި ވާތީއެވެ. ކިޔެވުމުގެ މާބޮޑު ޝައުޤުވެރިކަމެއް ނެތްނަމަވެސް އެއްފުރާ އެހެން ކުދިން މަދަރުސާއަށް ދާތީ އަހަރެންވެސް މަދަރުސާއަށް ދަމެވެ. ވާރޭ ކުޅެން އުޅެފައި އެދުވަހު ވެސް ގެއަށްދިޔައީ މަދަރުސާއަށް ދާށެވެ. އަހަރެން ގެއަށް ވަންއިރު އަށިމަތީގައި ނުދަންނަ މީހަކު ދަބަހެއް ކައިރިލައިގެން އިނެވެ. މަންމައާއި ބައްޕަ އޭނާގާތު ހެވިދިލިފައި ތިއްބެވެ.

" ދަރިފުޅާ ސަލީމާ! މާހިރަށް ފަނިތައްޓެއް ގެނެސް ދީބަލަ" އަހަރެން ފެނުމާއެކު މަންމަ ބުނެލިއެވެ.

ފަނިތައްޓެއް ގެންގޮސްދޭން އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ބައްޕަ ގޭގައި ހުރި ވަގުތަކަށް ވާތީ އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އަހަރެން ފަނި ތަށި ދިއްކޮށްލީ މަންމަގެ އަތަށެވެ. ނަމަވެސް މަންމަ ލޮލުގެ އިޝާރާތުން، ފަނިތަށި މާހިރަށް ދިނުމަށް އެންގިއެވެ. ފަނިތަށި ދީފައި އަހަރެން އެތަނުން ދާން ހިނގައިގަތުމުން މަންމަ ބުނީ ތަށި ހިފައިގެން ދާން މަޑުކުރުމަށެވެ. އެކަމާ ނުރުހުންވެ، މޫނު ފުސްކޮށްގެން އެތާ މަޑުކުރީމެވެ. އެވަގުތު މާހިރާ ބެހޭ އެތައް ކަމެއް މަންމައާއި ބައްޕަގެ ވާހަކައިން އަހަންނަށް އެނގުނެވެ. އޭނާ އަކީ ޤާނޫނީ ކުށެއްގައި އަހަރެމެންގެ ރަށަށް ފޮނުވާލެވުނު މީހެކެވެ. އޭނާ ހުންނާނީ އަހަރެމެންގެ ގޭގައެވެ.

ޤާނޫނީ ކުށްވެރިންނަށް އަހަރެންގެ ހިތުގައި ދެވިފައިވާ ނަފުރަތެއްގެ ސަބަބުން އޭނާ ގޭގައި ބަހައްޓަން ހަމަޖެއްސީތީ ބައްޕަދެކެވެސް ރުޅި އާދެވުނެވެ. ނަމަވެސް މަންމައާއި ބައްޕަގެ ވާހަކައާއި ޙަރަކާތުން ދޭހަވަނީ އޭނާ އަހަރެމެންގެ ގޭގައި ހުރުމަކީ އެމީހުންނަށް ލިބޭ ފަޚުރެއްކަމެވެ. މާހިރު އަހަރެމެން ގޭގައި ހުރުމަކީ އަހަރެން ރުހޭކަމެއް ނޫނެވެ. ނަމަވެސް ގެއަކީ މަންމައާއި ބައްޕަގެ ގެއެވެ. ގޭގައި ހިނގާނީ މަންމައާއި ބައްޕަގެ ބަހެވެ. އަހަންނަށް ޖެހޭނީ އެމީހުންގެ ކިޔަމަންތެރިކަމުގައި އުޅޭށެވެ.

މާހިރު އައުމާއެކު މަންމައާއި ބައްޕަގެ ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ބައްޕަ ދީނީ އަޅުކަންތަކަށް ދެމުންއައި އިސްކަން ކުޑަވެގެން ދިޔައެވެ. ބައްޕަ ގިނަ ވަގުތު ހޭދަކުރަނީ މާހިރާއެކުގައެވެ. ރާޒުވާ ކުޅެން ނުވަތަ ފަރުމަސްވެރިކަމު ދިއުމުގައެވެ. ކުރިން، މަންމަ އަވައްޓެރިންނާ ބާއްވަމުން ދިޔަ ގާތްގުޅުން ހީނަރުވިއެވެ. މަންމަގެ ކަމަކީ ފާޑުފާޑުގެ މީރު ކެއުން ހަދައިގެން މާހިރަށް ކާންދިނުމެވެ. އަހަރެންތޯއެވެ! މާހިރުގެ އަންނައުނު ދޮވެ އިސްތިރިކުރުން ހަވާލުވީ އަހަންނާއެވެ. މާހިރުގެ ކާތަށިމަތި ބެލެހެއްޓުން ހަވާލުކުރީ އަހަންނާއެވެ. މާހިރުގެ އެނދުތަންމަތި އެޅުން ޖެހުނީ އަހަންނާއެވެ.

މަންމަމެން މާހިރަށް އަދާކުރާ ޚިދުމަތްތަކުން ބައެއް އަހަންނާ ހަވާލުކުރީ ކީއްވެގެންކަން އަހަންނަށް އެނގުނީ، އަހަރެން ސުކޫލަށް ދިއުން ހުއްޓާލަން މަންމަ ބުނި ދުވަހުއެވެ. ކިޔެވުމުގެ މާބޮޑު ޝައުޤު ވެރިކަމެއް ނެތްނަމަވެސް އެއްފުރާ އެހެން ކުދިންނާ މައްލަވަކޮށް ސަކަޖަހާ ހިތްވެއެވެ. އެކުދިންނާއެކު މޫދަށްއެރި ވާރެޔާ ތެމޭހިތްވެއެވެ. އެކަން ކުރެވޭނީ މަދަރުސާއަށް ދިއުމުންނެވެ. އެހެންކަމުން މަދަރުސާއަށް ދާން ބޭނުންވާ ވާހަކަ ބައްޕަގާތު ބުނީމެވެ. އެކަމުން އަލިމަގެއް ލިބިދާނެކަމަށް ހީކޮށެވެ. ނަމަވެސް ބައްޕަގެ ޖަވާބަކީ، ނިންމުމަކީ މަންމަގެވެސް ނިންމުމެވެ. ބައްޕަ ބުނުއްވީ އަންހެން ކުދިން އެހާމައްޗަށް ނުކިޔެވިޔަސް ރަނގަޅުވާނެ ކަމަށެވެ. މަދަރުސާއަށް ދިއުމަށްވުރެ ގެވެހި ދިރިއުޅުމެއް ދަސްކުރުން އަންހެންކުދިންނަށް މާ ރަނގަޅުވާނެކަމަށް ބައްޕަ ބުނުއްވިއެވެ.

މަންމައާއި ބައްޕަގެ އެދުމަކީ އަހަރެން މާހިރާ ކައިވެނި ކުރުމެވެ. އެކަންކުރަން މަންމަ އެންގިއެވެ. އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. މާހިރަކީ ޤާނޫނީ ކުށްވެރިއެއް ކަމުގައި ހަނދާންކޮށްދިނީމެވެ. އެފަދަ ކުށްވެރިން ދުވަހަކުވެސް ރަނގަޅު ނުވާނެކަމަށް ބުނީމެވެ. ނަމަވެސް އަހަރެންގެ ބުނުމަށް މަންމަ އިންކާރު ކުރަމުން ދިޔައެވެ. އޭނާއަކީ ކިޔަވައިގެން ހުރި މީހެއްކަމަށް ބުނަމުންނެވެ. އޭނާއަކީ މާލޭ މީހެއްކަމަށް ބުނަމުންނެވެ. އޭނާއަކީ މުއްސަނދި މީހެއްކަމަށް ބުނަމުންނެވެ.

އަހަރެން އަދި މީހަކާ އިންނަވަރެއް ނުވެއެވެ. އަހަރެން އަދި މޫދަށް ދާން ބޭނުމެވެ. ވާރެޔޭ ތެމޭހިތްވެއެވެ. ރުއްފާތަކުން ގަސްތައް މަތިން އުދުހޭން ބޭނުމެވެ. އުނބުލި ވެހެލިތަކާއި ކެކުރި ވެޔޮތަކުން ތިޔާގިވެފައިވާ ގަސްތަކައް އެރުމުގެ ހުނަރު އަހަރެންގެ ކިބަޔަކުން ނުކެނޑެއެވެ. އެހެންނަމަވެސް އަހަންނަށް ޖެހުނީ ބައްޕަގެ އަމުރު މައުރޫފަށް ތަބާވާށެވެ.

މާގިނަ ދުވަހެއްނުވެ ހިތުގެ ގުޅުމެއްނެތް، ގުޅުމަކުން އަހަންނާ މާހިރުގެ ކައިވެނި ކުރެވުނެވެ. މަންމަމެން ބޭނުން ވެގެންނެވެ. މާހިރުގެ މުއްސަނދިކަމުން އެމީހުންގެ ދިރިއުޅުން ތަނަވަސް ކޮށްލުމަށެވެ. މާލޭ ބޭފުޅެއްގެ ދަނބިދަރިކަމުން އެމީހުން ޤަދަރުވެރި ބަޔަކަށް ވާށެވެ.

ކައިވެންޏަށްފަހު އެއްފުރާ އެހެންކުދިންނާ އަހަރެންގެ ގުޅުން ކެނޑުނެވެ. ވާރެޔާތެމި ނުވަތަ މޫދަށް އެރި މަޖާކުރަން ދާކަށް ނުކެރުނެވެ. އެހިސާބުން އަހަރެން ހުންނަން ޖެހުނީ ގޭގައެވެ. ކުރާނެ ކަމެއްނެތިފައެވެ. ކައިވެންޏެއް ކުރެވުނު ނަމަވެސް އަހަންނާ މާހިރުގެ އެއްވެސް ގުޅުމެއް ނެތެވެ. އަހަރެން ކުރަމުންއައީ ކުރިންވެސް ކުރަމުންއައި ކަންތަކެވެ. މާހިރުގެ އަންނައުނު ދޮވެ އިސްތިރި ކުރުމެވެ. އޭނާގެ ކާތަށިމަތި ބެލެހެއްޓުމެވެ. އޭނާގެ އެނދުތަންމަތި އެޅުމެވެ. އެވަރު އޭނާއަށް ވެސް ރަނގަޅުތޯއްޗެކެވެ. އޭނާ ވެސް އިތުރު ކަމެއް ބޭނުންވެގެނެއް ނޫޅެއެވެ. ދޭތެރެ ދޭތެރެއިން އަހަރެންގެ ހާލު އަހާލާނެއެވެ. ބައެއް ފަހަރު ހީލާނެއެވެ. އަހަރެންގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާކަށް އޭނާ ނޫޅެއެވެ. އެހެންކަމުން މަންމަ ބުނިފަދައިން އޭނާއަކީ ރަނގަޅު މީހެއްކަމުގައި އަހަންނަށް ހީވާންފެށިއެވެ.

މާހިރާމެދު ރުހުމުގެ ނަޒަރަކުން ބެލޭތާ ދުވަސްކޮޅެއް ވީފަހުން މާހިރުގެ ބައެއް ކަންކަން އަހަންނަށް ކަމުދާންފެށިއެވެ. އަހަރެން ފެނުމުން އޭނާ ހީލާގޮތެވެ. އޭނާގެ އެހުންނަ މާލޭ ގޮތްގަނޑެވެ. އެހެންކަމުން އޭނާ އަހަރެންގެ ހާލު އަހާލާ މިންވަރު އަހަންނަށް މަދުވާން ފެށިއެވެ. އެންމެފަހުން އޭނާއާއި ވާހަކަ ދައްކާ މިންވަރު އިތުރު ކުރެވޭތޯ އަހަރެން ބަލަން ފެށީމެވެ. އަހަރެންގެ ޝައުޤުވެރިކަން އޭނާއަށް އެނގުނީ ކަންނޭނގެއެވެ. އަހަރެން އޭނާގެ އަނތްބަކަށް ވާން ބޭނުންވުމުން، އޭނާ އެއީ އަހަރެންގެ ފިރިމީހާކަމުގައި ވިއެވެ.

ކައިވެންޏަށް އަހަރު ވީތަނާ އަހަރެން މޭނުބައިކޮށް ހޮޑުލަވާގޮތްވާން ފެށިއެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ. މި ޚަބަރު މާހިރަށް ދިނީމެވެ. އެއީ ދަރިފުޅުގެ ބައްޕަކަމުގައި ވާތީއެވެ. ނަމަވެސް އެކަން މާބޮޑުކަމަކަށް މާހިރު ނުހެދިއެވެ. "އެހެންހެއްޔެ" އަކުން ފުއްދާލީއެވެ. އެއީ އޭނާގެ ގޮތެވެ. އެއްވެސް ކަމެއްގައި އޭނާއަކީ ތެޅިފޮޅޭ މީހެއްނޫނެވެ. އަހަންނާ ނީނދެވިގެންނެއް ވެސް މާހިރެއް ނޫޅެއެވެ. އަހަރެންގެ ކިބައިން ފިރިމީހާގެ ޙައްޤު ހޯދާކަށް ވެސް އޭނާ ކެއްމަދުވެގެނެއް ނޫޅެއެވެ. އަހަރެން މާހިރާ ނުދެވިގެން ތެޅިބޭލީ މަންމައާއި ބައްޕައެވެ.

އަހެރެން ބަނޑުބޮޑު ވާހަކަ މަންމަގާތު ބުނީމެވެ. އެއީ މަންމަގެ ފުރަތަމަ މާމަ ދަރިފުޅު ކަމުގައި ވާތީއެވެ. މާމަ ދަރިއަކު ލިބޭތީ މަންމަ އުފާވާނެކަމަށް ދެކިގެނެވެ. ނަމަވެސް އަހަރެންގެ އެ އުފަލަށް މަންމަ ކުރީ ނަފުރަތެވެ. އެއީ މާހިރުގެ ފަރާތުން ލިބޭނެކަމަށް އުންމީދު ކުރި "އެތިވަރު" ނުލިބޭތީކަމުގައި ވެދާނެއެވެ. މަންމަގެ ހިތުގައި އުފެދެމުންދިޔަ ރުޅިވެރިކަން ބަންޑުން ކޮށްލީ އެދުވަހުއެވެ. މާހިރުގެ އަތުން އެއްޗެއް ނުލިބޭ ވާހަކައާއި އޭނާ، އަތުންފައިން މަސައްކަތް ނުކުރާވާހަކަ އެދުވަހު ގޮވާލިއެވެ. އަދި ގެއަށް ކާނެ އަނގައެއް އިތުރުވެގެން ނުވާނެ ކަމަށް ބުންޏެވެ. މަންމަގެ މި ނިންމުމަކީ އަހަރެން ބޭނުންވާ ގޮތެއްނޫނެވެ. އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ.

މަންމަގެ ރުޅިވެރިކަން އެނގުމުން އެގޭގައި ހުންނާކަށް މާހިރު ބޭނުމެއް ނުވިއެވެ. އޭނާ ނިންމީ އަހަރެމެންގެއިން ނިކުންނާށެވެ. އެހެން ގެއަކަށް ބަދަލުވާށެވެ. މާހިރުގެ މި ނިންމުމަށް އަހަރެން ވެސް އެއްބަސްވީމެވެ. ދަރިފުޅުގެ ޙައްޤުގައެވެ. އަހަންނާމެދު މާހިރުގެ މާބޮޑު އަޅާލުމެއް ނެތް ނަމަވެސް އޭނާ އަހަންނަކަށް އަނިޔާވެރި ވެފައެއް ވެސް ނެތެވެ. އަހަރެންގެ ނުރުހުމުގައި އަހަރެންލައްވާ އެއްވެސް ކަމެއް ކުރުވާފައެއް ނެތެވެ. އޭނާގެ އެ، ފަރުވާކުޑަ ގޮތްގަނޑު ދަރިއަކު ލިބުމުން ރަނގަޅުވެދާނެކަމަށް ދެކިގެން މާހިރާއިއެކު އަހަރެން ވެސް އުފަންގެއިން ނިކުމެ އުފަން ރަށުގައި "ގަނޑަތެޅޭން" ނިންމީމެވެ.

މާހިރާއެކު އަހަރެން ބަދަލުވީ ދުރުތާ ތިމާގަމީހެއްގެ ގެއަށެވެ. އެއީ ގެއެއް ހެއްޔެވެ؟ ބާވެ އާބާތުރަ ނުފިލުވާހުރި ވީރާނާ ބިނާއެކެވެ. އެގޭގައި އުޅެނީ ދެބައި އުމުރުގެ މަތިން ދުވަސްތައް ގުނަމުންދާ އެކަނިވެރި ދައިތައެކެވެ. ސިއްތިއެވެ. މާލޭ ބޭފުޅެއްގެ ނޯކިރީކަމުގައި އޭނާގެ ކުއްޖަކު ހުރެއެވެ. އެސޮރު ފޮނުވާ އެތިކޮޅުން ސިއްތި ކައިބޮއި ހަދައެވެ. އަހަރެމެން އެ ގެއަށް ބަދަލުވުމުން ސިއްތި ވެސް އުފާވިއެވެ.

ސިއްތިގެ ގޭގައި އަހަރެމެން އުޅެންފެށީ އުފަލުންނެވެ. ރަށުގައި މަސައްކަތްކުރާ ރާނާ ގުރޫޕަކާ ގުޅިގެން މާހިރު މަސައްކަތުދާން ފެށިއެވެ. މާހިރު އަންނަން ވާއިރަށް އަހަރެން ކައްކަމެވެ. ކާންހަދައިގެން ފިރިމީހާގެ އިންތިޒާރުގައި އިންނަމެވެ. އެހެންކަމުން ވަކިގެދޮރުވެ، އަމިއްލަ ދިރިއުޅުމެއް އުޅެން ފެށުނުކަމުގެ އިހުސާސް އަހަންނަށް ކުރެވެން ފެށިއެވެ. އެގޮތުގައި ދުވަސްކޮޅެއް ހޭދަވީތަނާ ކުށްވެރިންނަށް ސަރުކާރުން ދެއްވި އަފުއާމެއްގައި މާހިރު މިނިވަންވިއެވެ. އެކަމާ މާހިރު ވަރަށް އުފާވިއެވެ. މާހިރުގެ އެ އުފަލުގާ އަހަރެން ވެސް ބައިވެރިވާން ބޭނުންވިއެވެ. ނަމަވެސް މާހިރުގެ އުފަލުގައި ބައިވެރިވީ އަހަރެންގެ ހަށިގަނޑެވެ. އަހަރެންގެ ހިތް ބައިވެރިއެއް ނުވިއެވެ.

މާހިރު ބޭނުންވީ މާލެދާށެވެ. އަހަންނާ ވަކިންނެވެ. އަހަރެންގެ ބަނޑުގައިވާ އޭނާގެ ދަރިފުޅާވެސް ވަކިންނެވެ. އަހަރެން އެކަނިކޮށްލާފައި ނުދިއުމަށް މާހިރު ގާތު ބުނަން ބޭނުންވިއެވެ. ނަމަވެސް އެވާހަކަ ބުނުމުގެ ފުރުޞަތު މާހިރު އަހަންނަކަށް ނުދިނެވެ. މާލޭގައި އޭނާގެ ކަންކަން ހަމައަކަށް އަޅުވާލާފައި އަހަރެން ބަލާ އަންނާނެ ކަމަށް ބުނަމުންނެވެ. މާހިރު ބުނިގޮތުން މާހިރު މާލެދަނީ ދަތުރުވަރެއްގައި މާލެދާ "ފަސްކުޅަނދު މަދު" މީހެއް ފަދައިންނެވެ. ލަސްތަކެއް ނުވެ ވިހެއުމަށް ބޭނުންވާ ސާމާނު ހިފައިގެން އެނބުރި އަންނާނެ ކަމަށް ބުނަމުން މާހިރު މާލެ ފުރިއެވެ.

އެހިސާބުން އަހަރެން އެކަނި ވެރިވީއެވެ. މާހިރު ރަށުގައިނެތް ކޮންމެ ސިކުންތެއް، އަހަންނަށް ވަނީ އެތައް ވަގުތަކަށެވެ. ކޮންމެ ދުވަހެއް ހޭދަވަނީ މާހިރުގެ ހަނދާނުގައެވެ. އޭނާ އެނބުރި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެމުއްދަތުގައި މާހިރުގެ ޚަބަރެއްނުވާތީ އަހަރެން ކަންބޮޑުވާން ފެށިއެވެ. ދުވަސްފުރެމުންދާ އަހަރެންގެ ބަނޑަށް ބުރަ ބޮޑުވަމުންދެއެވެ. ދަރިފުޅުގެ ކޮންމެ ތޮޅިލުމަކަށް ފިރުމާލެވެނީ ލޯބިންނެވެ. އެންމެފަހުން، މުދިން ގޯތީ އާދަނު މާލެދިޔަ ދޯނިން އޭނައާއި ހަވާލުކޮށް މާހިރަށް ސިޓީއެއް ފޮނުވީމެވެ. އަދި ސިއްތިގާތު އަހައިގެން ވިހެއުމަށް ކޮންމެހެން ބޭނުންވާނެ އެއްޗެތީގެ ލިސްޓެއް ފޮނުވީމެވެ.

ސިޓީގައި ލިޔެލީމެވެ. " މާހިރު! ދުވަސް ފުރިއްޖެ. ދަރިފުޅު ބުނަނީ ބައްޕަ އަންނަން ދެން އޮންނާނީ މަންމަގެ ބަނޑުގައޭ! ދަރިފުޅަށްޓަކައި އަވަހާ އާދޭ"

މީގެ އިތުރުން މާހިރުއާއި އެކު އުމުރުގެބާކީ ދުވަސްތައް ވޭތުކުރަން ބޭނުންވާ ވާހަކަ ސިޓީގައި ލިޔުނީމެވެ. އެވާހަކަ ލިޔުނީ ލޯބިންނެއް ނޫނެވެ. އެވާހަކަ ލިޔުނީ އަހަރެންގެ އެކަނިވެރި ޙަޔާތުގައި މާހިރުގެ އެހީތެރިކަން ބޭނުންވާތީއެވެ. ދަރިފުޅަށް ބައްޕަ ހޯދާ ދިނުމުގެ ބޭނުމުގައެވެ.

ސިޓީ ފޮނުވި ދޯނިން ސިޓީގެ ޖަވާބު ލިބުނެވެ. އަދި އަހަރެން ފޮނުވި ލިސްޓުގައި ހުރި ތަކެތި ފޮނުވިއެވެ. މާހިރުގެ ޖަވާބުވީ އަހަރެންގެ ޙަޔާތް ބަރުބާދުކޮށްލި ޖަވާބަކަށެވެ. ޖަވާބުގައި މާހިރު ފޮނުވާފައި އޮތީ ވަރީގެ ސެޓްފިކެޓެވެ. އަހަރެން ގާތު ބުނެވެސް ނުލައި އަހަރެން ދޫކޮށްލީއެވެ. ދުނިޔެއަށް އަހަރެން އެކަނިވެރި ކޮށްލީއެވެ. ޙަޔާތުގެ އެކަނިވެރި ދަތުރުގައި ފުރަތަމަ ފަހަރަށް އަހަރެން ވަރުބަލިވިއެވެ. ރޮވުނެވެ. ގިސްލެވުނެވެ.

އަހަރެންގެ ޙާލަށް، އަހަރެން އުޅުނުގޭ ސިއްތި ޙަމްދަރުދީ ވިއެވެ. ހިތްވަރު ކުރުމަށް ނަސޭޙަތްތެރި ވިއެވެ. އަހަންނަށް ހިތްވަރު ކުރެވުނެވެ. ހިތްވަރު ކޮށްކޮށް ވަރުބަލިވީއެވެ. އެ ވަރުބަލިކަން ވީ ވޭންވަރަކަށެވެ. ވޭން ދިޔައީ ގަދަވަމުންނެވެ. އެވަގުތު އަހަރެންގެ ޙާލަތު ސިއްތި ދެނެގަތެވެ. ކައިރި އަވައްޓެރިއަކު ގެނެސް އަހަރެން ހަވާލު ކުރުމަށްފަހު ރަށުގެ ފޫޅުމާމަ ހޯދުމުގެ ދަތުރަށް ސިއްތި ނިކުތެވެ.

އިސާހިތަކު ފޫޅުމާމަ ގެނެސްފިއެވެ. ސިއްތިގެ ހިތްހެޔޮކަމުގައި ފޮނިކާޖާއާއި ދުފާމަލާފަތް ތައްޔާރުކޮށްލިއެވެ. ހިސާބުގަނޑު އަންހެން ވެރިން އެއްވެ ގޭތެރެ ތިޔާގިވިއެވެ. ހީވަނީ ބޮޑުމަގު ކުނިކަހަން ދެ އަވަށުގެ ރައްޔިތުން އެއްވެގެން އުޅޭހެންނެވެ. އަހަރެން ބާއްވާފައި އޮތީ ގޭގެ އެތެރޭ ބައިގައެވެ. ފޫޅުމާމަ އަހަރެން ވިއްސުމުގެ މަސައްކަތް ކުރަމުންދާއިރު ގޭތެރޭގައި އަންހެންވެރިން ދައްކާވާހަކަ ސާފުކޮށް އަހަންނަށް އަޑުއިވެއެވެ. އަހަރެންގެ ވިހެއުން ލަސްވެގެން އެމީހުން ވާހަކަ ދެއްކިއެވެ.

"ސަލީމާ އަދިވެސް ވިހާކަށް ނޫޅޭތަ؟" މީހަކު ބުނެލި އަޑު އިވުނެވެ.

އަނެކަކު ބުނާ އަޑުއިވުނީ ވިހެއުމަކީ އިރުވަރުންވާ ކަންކަން ކަމުގައެވެ. އަހަރެންގެ ވިހެއުމަކީ ކުށުވެރި ކަމެއްކަމުގައި ބަސްވިކޭ އަންހެނަކު ބުންޏެވެ. އޭނާގެ މި ބުނުމަށް ތާއީދުކޮށް، ފަންޑިތަވެރިއަކު ގެންނަން އެހެން އަންހެނަކު ލަފާދިނެވެ. އެމީހުން ދައްކާ ބައެއް ވާހަކަ އަޑުއިވިފައި އަހަރެން ގާތަށް ހިނިވެސް އާދެއެވެ.

އެންމެ ފަހުން ގިނަބަޔަކު ތާއީދު ކުރީ ފަންޑިތައެއް ހަދާލުމަށެވެ. ނަމަވެސް އެކަމާ ދެކޮޅު މީހުން ބުނަމުން ދިޔައީ ވަގުތު ޖެހުމުން ވިހާނެ ކަމަށެވެ. މިސާލަކަށް އެމީހުން ދެއްކީ ހެނދުނުއްސުރެ އުޑުމަތި ބަނަކުރި ވިލާތަކުން ފެން ނައިސް، ވަގުތު ނުޖެހޭތީ އެތައް އިރެން ވަންދެން އޮތްވާހަކައެވެ. މިފަދަ ހާލެއްގައި އުޅެނިކޮށް އުދަރސް ކަޅުކޮށްލި ވިލާތަކުން، ފުރާޅުމައްޗަށް ވެހިގަތް ވާރެޔާއެކު ފަންޑިތަ ވެރިއެއްގެ ކިޔެވެލި ފެން އަހަރެންގެ މޫނަށް ބުރަން ފެށިއެވެ. އެ ފެނުގެ ފިނިކަމުން ލިބުނު ލުޔާއެކު ދަރިފުޅުގެ ރުއިމުގެ އަޑު އިވުނެވެ."

ސަލީމާ އޭނާއަށް ލިބުނު ދަރިފުޅަށް ބަލާލިއެވެ. ނޫނެކެވެ. ދަރިފުޅު ރޮނީއެއް ނޫނެވެ. މެދުމިޔާ ދެ ދަތް ވެއްޓިފައިވާ އޭނާގެ 6 އަހަރުގެ ދަރިފުޅު ހެނީއެވެ. ވެހެމުންދިޔަ ވާރޭ ތެރޭ ފުރާޅުމަތިން ފޫދިގެން އަންނަ ވާރޭފެން ސަލީމާ ގަޔަށް ވިއްސަނީއެވެ. ސަލީމާގެ މޫނުގައި އެވަނީ ފަންޑިތަވެރިއެއްގެ ކިޔެވެލި ފެނެއް ނޫނެވެ. އަސްކަނި ފެނުން އޭނާގެ ދަރިފުޅު ވިއްސަމުންދާ ވާރޭފެނެވެ. އޭނާއަށް ލިބުނު ފެނުގެ ފިނިކަމަކީ ވިހެމުގެ ވޭން ކެނޑިގެން ލިބުނު ފިނިކަމެއް ނޫނެވެ. އެއީ މީގެ 9 އަހަރު ކުރިން ލިބެމުންދިޔަ ވާރޭ ފެނުގެ ފިނިކަމެވެ. އޭނާގެ ޅައިރުގެ ފިނިކަމެވެ. ވާރެޔާ ނުތެމެން އަޒުމު ކަނޑައަޅައިގެން ހުރި ސަލީމާ އެންމެފަހުން، ވާރޭފެނުން ތެމި ފޯވެފައިވާ އޭނާގެ ދަރިފުޅު ގަޔާލާ ބައްދާލިއެވެ. ދަރިފުޅުގެ ތެއްކަމުން އޭނާ ތެމުނަސް ހެޔޮކަމަށް ނިންމައިގެނެވެ. އޭނާގެ ޅައުމުރުގައި ގެއްލިގެން ދިޔަ ވާރެޔާ ތެމުމުގެ އުފާ، މުޅި އުމުރަށް އެދަރިފުޅަށް ހޯދާ ދިނުމުގެ ނިޔަތުގައެވެ. އޭނާގެ ޙަޔާތަށް ކުރިމަތިވި ޖުންޖުލައި އޭނާގެ ދަރިފުޅުގެ ޙަޔާތަށް ކުރިމަތިވިޔަ ނުދޭން އަޒުމު ކަނޑައަޅައިގެންނެވެ.