02 Jul 2016, 15:36
އިސްތަންބޫލު (ޖުލައި 2): ތުރުކީގެ އިސްތަންބޫލުގެ އެއާޕޯޓަށް ޖާނުން ފިދާވެގެން ހަމަލާ ދީފައި ވަނީ ރަޝިއާ، އުޒްބަކިސްތާނު އަދި ކިރްގިސްތާނަށް ނިސްބަތްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ކަމަށް ތުރުކީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ތުރުކީ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެތިން މީހުން މީގެ މަހެއްހާ ދުވަސް ކުރިން ތުރުކީއަށް ގޮސްފައި ވަނީ ސީރިއާގެ ރައްގާއިން ބޮމާއި ގޮވާ ތަކެތި ހަރުކޮށްފައިވާ ވެސްޓް ހިފައިގެންނެވެ. އަދި އިސްތަންބޫލުގައި އެމީހުން ދިރިއުޅުނު އެޕާޓްމެންޓުން ހަމަލާ ދިން މީހުންގެ ތެރެއިން އެކެއްގެ ޕާސްޕޯޓު ފެނިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެހަމަލާ ދީފައި ވަނީ "އައިއެސްގެ ލީޑަރުންނާ އެއްކޮށް ވަރަށް ބޮޑަށް ރޭވުމަށް ފަހު" ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ހަމަލާ ދިން މީހުންނާ ބެހޭ އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން ފުލުހުން ދަނީ ހަމަލާ ދިން ކަމަށް ބެލެވޭ ތިން މީހުންގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ. އިސްތަންބޫލު އެއާޕޯޓުގައި ދަބަސް ހިފައިގެން ތިބި ތިން މީހަކު އެފޮޓޯއިން ފެނިގެންދެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ އިސްތަންބޫލުގެ އެއާޕޯޓަށް ދިން ހަމަލާގައި 44 މީހަކު މަރުވެ، 230ށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ. އެހަމަލާއާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު 22 މީހަކު ހައްޔަރު ކޮށްފަ އެވެ. (ސީއެންއެން)