21 May 2011, 00:03
ގިނަ ޕާޓީތައް ވާދަކުރާ ގޮތަށް 2013 ވަނަ އަހަރު ބާއްވާ ދެވަނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމުގެ އިޝާރާތެއް އެޕާޓީން މިރޭ ދީފި އެވެ.
ކަލާފާނު ސްކޫލްގައި މިރޭ ބޭއްވި އަދާލަތު ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝޭހު މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، 2013ގެ "ބޮޑު މަންޒަރުގެ ތެރެއަށް" އެ ޕާޓީން ފުރިހަމަ އަށް ވަންނަން ޖެހިފައިވާ ކަމަށެވެ.
"މެމްބަރުންގެ ކިބައިން އަޅުގަނޑު މިއެދެނީ ބޮޑު މަންޒަރުގެ ތެރެއަށް ވަދެގަންނަން. ކުރިއަށް އޮތް ތަނުގައި ޕާޓީ ވަރުގަދަކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ޝަހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، މުޅިން އާ ގޮތަކަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ގައުމުގެ ވެރިކަން ކުރެވޭނެ ފަލްސަފާތަކެއް ހުރިހާ ރޮނގަކުން ވެސް އެ ޕާޓީގައި އެބަހުރި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ، އަދާލަތު ޕާޓީން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމުން އެދެވޭ ނަތީޖާތަކެއް ވެސް ނެރެވިފައިވާ ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި ރަނގަޅު ޕަޓީއަކަށް އަދާލަތު ޕާޓީ ހެދުމަށް އިތުރު މެމްބަރުން އެ ޕާޓީއާ ގުޅުމަށް ވެސް ޑރ. މަޖީދު ގޮވައިލެއްވި އެވެ؛ "އަޅުގަނޑު މި ގޮވާލަނީ އަޅުގަނޑުމެންނާ ބައިވެރިވެގެން މި ޕާޓީ ހަރުދަނާކޮށް ކުރިއަށް އޮތް ތާނގައި އިތުރު ހިތްވަރަކައިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިތުރަށް ހަރަކާތްތެރިވުމަށްޓަކައި ތިއެންމެ ބޭފުޅުން އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވަން."
ސަރުކާރާއެކު ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން މިހާތަނަށް ވަކިނުވެ އޮތް އަދާލަތުގެ މެމްބަރުން މިރޭ ޖަލްސާގައި ވާހަކަދައްކަވަމުން ވަނީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމްޑީޕީއަށް މެމްބަރުން ވައްދަނީ ފައިސާ ދީގެން ކަމަށާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ވަނީ ފެއިލްވެފައި ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2008 ގެ ފުރަތަމަ ބުރުގައި އަދާލަތު ޕާޓީން ތާއީދުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައި އެޕާޓީ އޮތީ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ނަޝީދުގެ ފަހަތުގަ އެވެ.