02 Jul 2016, 15:05
ހެންވޭރުގައި ހުންނަ މަސްޖިދުލް ތަޤުވާގައި ހުރި މީހެއްގެ ކަންފަތުގައި ދަތްއަޅައި ކަންފަތުގެ ބައެއް ވަކިކޮށްލި މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ސ. ހިތަދޫ ސްޓޯބަރީގެ އާސިމް އިބްރާހީމް،24، ގެ މައްޗަށެވެ.
އުމުރުން 53 އަހަރުގެ ނ. ވެލިދޫ އަބްދު ﷲ ފާއިޒުގެ ކަންފަތުގައި ދަތްއަޅައި ކަންފަތުގެ ބައެއް ވަކިކޮށްލާފައި ވަނީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު މަސްޖިދުލް ތަޤުވާގައި އޭނާ ނަމާދަށް ހުއްޓައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާސިމް މިހާރުވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. އަދި އެންމެފަހުން ކޯޓުން އިތުރުކޮށްދިން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ އަށް ވަނަ ދުވަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފާއިޒުގެ ކަންފަތުގައި އޭނާ ދަތްއެޅީ ފޯނުދިނުމަށް ބުނުމުން ފާއިޒު ފޯނު ނުދިނުމުންނެވެ. އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ރާއްޖެއިން ބޭރުން ވެސް ފާއިޒު ވަނީ އޭނާގެ ކަންފަތަށް ފަރުވާ ހޯދާފަ އެވެ.
އެ ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
އާސިމަކީ ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.