02 Jul 2016, 13:51
އަހަރެން އިސްލާމްވި ގޮތުގެ ވާހަކަ އަކީ މަކަރުވެރި ރޭވުންތަކާ ގުޅިފައިވާ ވާހަކަ އެކެވެ. އަހަރެންވެސް ބައިވެރިވި ރޭވުންތަކެވެ. ނަމަވެސް މާތް ﷲ، އެ މަކަރުވެރި ރޭވުންތައް ބާތިލު ކުރެއްވި އެވެ.
އަހަރެންގެ ފުރާވަރު ދުވަސްވަރު އަހަރެން އަންހެނުންގެ ހައްގުތަކަށް ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރީމެވެ. އޭގެ ސަބަބުން އެމެރިކާ ސަރުކާރުގެ ބާރުގަދަ އޮފިޝަލުންތަކެއްގެ ސަމާލުކަން އަހަންނަށް ލިބުނެވެ. ނަމަވެސް އެއީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އާދައިގެ ޖަމްއިއްޔާއެއް ނޫނެވެ. އެ މީހުންނަކީ ސަރުކާރުން އެމީހުންނަށް ލިބިދޭ ބާރު ބޭނުންކޮށްގެން ވަރަށް ނުރައްކާތެރި މަސައްކަތެއް ކުރަމުން ދިޔަ ބައެކެވެ. އެއީ އިސްލާމް ދީން ނައްތާލުމުގެ މަސައްކަތެވެ.
އެ ޖަމިއިއްޔާގެ ބައިވެރިއަކު އަހަރެންނާ ބައްދަލު ކުރުމަށް ފަހު އަހަރެންގެ މަސައްކަތްތައް ފާހަގަ ކުރި އެވެ. އަދި މެދުއިރުމައްޗަށް އިސްކަން ދީގެން އިންޓަނޭޝަނަލް ރިލޭޝަންސް ކިޔަވައިފިނަމަ މިސްރުގައި ހުންނަ އެމެރިކަން އެމްބެސީން އަހަންނަށް ވަޒީފާއެއް ކަށަވަރު ކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ. އަހަރެންގެ މަސައްކަތަކަށް ވާނީ "އިސްލާމް ދީނުން ލިއްބައިނުދޭ އަންހެނުންގެ ހައްގުތަކުގެ ވާހަކަ މިސްރުގެ އަންހެނުންނަށް ކިޔާ ދިނުމެވެ." ނުވަތަ އިސްލާމް ދީނުން އަންހެނުންނަށް ފުރިހަމަ ހައްގުތައް ނުލިބޭ ކަމަށް މިސްރުގެ އަންހެނުންނަށް ވިސްނައި ދިނުމެވެ.
އަހަރެން ނިންމީ އެއީ ރަނގަޅު ވާހަކަ އެއް ކަމަށެވެ. އަދި އެމަގުސަދަށްޓަކައި ކޮލެޖުން ތައުލީމު ހާސިލު ކުރަން ފެށީމެވެ. ގުރުއާނާއި، ހަދީސާއި އިސްލާމް ދީނުގެ ތާރީހު ދަސްކުރަން އަހަރެން ފެށީމެވެ. އަދި ދީނީ ފޮތްތަކުގައިވާ ބަސްތައް، އަހަރެންގެ ބޭނުން ފުރިހަމަވާ ގޮތަށް ބަދަލު ކުރާނެ ގޮތްތައް ވިސްނައި، ދަސްކުރީމެވެ.
ނަމަވެސް، އިސްލާމް ދީން އުނގެނެމުން ދިޔަ ވަރަކަށް އަހަރެންނަށް ވިސްނެމުން ދިޔައީ އިސްލާމް ދީނުގެ ސައްހަ ކަމެވެ. އިސްލާމް ދީނާ ބެހޭ ހުރިހާ ކުށްހީއެއް ގުރުއާނާއި ހަދީޘުން ފިލުވައިދޭ ކަމެވެ. އެހެންކަމުން ހާވާޑް ޔުނިވާސިޓީން ދީނީ ތައުލީމު ހާސިލުކޮށްފައިވާ ޕްރޮފެސަރަކާ އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް، އޭނާގެ ވާހަކަތަކުން އަހަންނަށް ހަމައެކަނި އެނގިގެން ދިޔައީ ބައިބަލްއަކީ އެތައް ފަހަރަކު އިންސާނުން ބަދަލުކޮށްފައިވާ، އިތުބާރު ނުކުރެވޭ ފޮތެއް ކަމެވެ. އެހާ ހިސާބުން ނަސާރާ ދީން ދޫކޮށްލަން އަހަރެން ނިންމީމެވެ. ނަމަވެސް އިސްލާމް ދީން ގަބޫލު ކުރަން އަހަރެންނަށް ހިތްވަރު ދިނީ އޭގެ ތިން އަހަރު ފަހުން އަހަރެންނާ ބައްދަލުވި މުސްލިމެކެވެ.
އޭނާއާ ބައްދަލުވީ އިސްލާމް ދީނާ ބެހޭ ގޮތުން މައުލޫމާތު އެއް ކުރުމުގައި ތިން އަހަރުވީ ފަހުންނެވެ. އިސްލާމް ދީނާ ބެހޭ ގޮތުން އަހަންނަށް އުނގަންނައި ދިނުމުގައި އޭނާ އެތައް ވަގުތެއް ހޭދަ ކުރިއެވެ. އަދި އެމެރިކާއަށް އައި 20 މުސްލިމުންގެ ވަފުދަކާ އަހަރެންނާ ބައްދަލު ކުރުވި އެވެ.
އޭގެ ތެރެއިން ދުވަސްވީ ދަންނަ ބޭކަލަކާ އެކު އިސްލާމް ދީނާއި ނަސާރާ ދީނާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގައި އެއް ރެއެއްގެ ފަތިސް ވަންދެން އަހަރެން ހުރީމެވެ. އަހަރެމެންގެ ވާހަކަތައް ނިމުމުން އިސްލާމް ދީނަށް ވަންނަށް އޭނާ އަހަރެންނަށް ދައުވަތު ދިނެވެ. އަހަންނަށް އެކަންވީ ވަރަށް އާދަޔާ ހިލާފު ކަމަކަށެވެ. އަހަރެން ދީންތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދަމުން ދިޔަ އިރު ބައެއް މީހުން އަހަންނަށް ހަމައެކަނި ދީން ކިޔަވައި ދިނީ އެވެ. ނޫނީ ދީނާ ބެހޭ ގޮތުން ހަމައެކަނި މަޝްވަރާ ކުރީ އެވެ. އަދި ބައެއް ފަހަރު އެއްޗެހި ގޮވީ އެވެ. ނަމަވެސް، އެއްވެސް މީހަކު ދީން ގަބޫލު ކުރުމަށް ދައުވަތު ދީފައި ނުވެ އެވެ.
އެދައުވަތާއެކު ިސްލާމްވުމަށް އަހަރެންގެ ހިތުގެ އަޑީގައި ފޮރުވާފައި އޮތް ޝައުގު އުތުރި އަރައިގަތެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވީމެވެ.