02 Jul 2016, 11:06
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ބުރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ގޭބަންދަށް ބަދަލުކޮށްފި އެވެ.
އެ މައްސަލާގައި ގާސިމްގެ މައްޗަށް ދެ ދައުވާ އުފުލާފައިވެ އެވެ. އެއީ އެނގި ހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާ އެވެ.
ގާސިމްގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އިއްޔެ އިން ފެށިގެން އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެނެވެ. ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތް ސިއްރު ކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެ އެވެ.