ރަންވީރު ސިންގ އަދި ވާނީ ކަޕޫރު އެކުގައި ފެނިގެންދާ ރޮމޭންޓިން ކޮމެޑީ ފިލްމު، 'ބޭފިކްރޭ' ގެ ޝޫޓިންގ ނިންމާލައިފި އެވެ.

އެ ފިލްމަކީ ހަތް އަހަރަށް ފަހު އަދިއްތުޔަ ޗޯޕްރާ ޑައިރެކްޓު ކުރި ފުރަތަމަ ފިލްމެވެ. ނަމަވެސް ފާއިތުވި ހަތް އަހަރުގެ ތެރޭގައި އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ކޮށްފަ އެވެ.

އެ ފިލްމާ ގުޅޭގޮތުން އަދިއްތުޔަ ބުނެފައި ވަނީ އެއީ ކުރިން ކޮށްފައިވާ މަސައްކަތްތަކާ ވަރަށް ތަފާތު ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ވާހަކަ ވަރަށް ކަމުދާ ކަމަށް ވަނީ ބުނެފަ އެވެ.

ރަންވީރު އަދި ވާނީ ކަޕޫރު: ބޭފިކްރޭ އަކީ ދެމީހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމު --

'ބޭފިކްރޭ' ޝޫޓު ކޮށްފައި ވަނީ ޕެރިސްގަ އެވެ. އަންނަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ނިންމާލިކަން ހާމަކޮށް ފިލްމުގެ މުޅި ކްރޫ އަދި ކާސްޓު ހިމެނޭ ފޮޓޯ އެއް ވަނީ އާންމުކޮށްފަ އެވެ.

އެ ފޮޓޯ އިން ވަރަށް ހާއްސަ އިތުރު ކަމެއް ވެސް ވަނީ ފާހަގަވެފަ އެވެ. އެ ފޮޓޯ އިން އަދިއްތުޔަ އަދި އޭނާގެ އަނބިމީހާ އަދި ކާމިޔާބު އެކްޓަރެސް ރާނީ މުކަރުޖީ އެކުގައި ފެނެ އެވެ.

އެއީ 2014 ވަނަ އަހަރު ދެމީހުން ކައިވެނި ކުރި ފަހުން، ފޮޓޯ އަކުން އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ. އެއާއެކު އެ ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.