ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި ބެލްޖިއަމް ބަލިކޮށް، ވޭލްސް އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ޔޫރޯގައި އަލަށް ވާދަކުރަމުންދާ ވޭލްސް އިން ބެލްޖިއަމްގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައި 3-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ބޮޑު މުބާރާތެއްގެ ސެމީ އަށް ވޭލްސް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބެލްޖިއަމްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން ކައިރި ކައިރީގައި ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ އާއި ޔެނިކް ކަރަސްކޯ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ނައިންގޮލާން ކާމިޔާބުކުރި ލަނޑަށްފަހު، ބެލްޖިއަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ޔޫރޯގެ ކުއާޓާގައި 3-1 ލަނޑުން ބެލްޖިއަމް ބަލިކޮށް، ވޭލްސް އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

މެޗުގެ 13 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ކެޕްޓަން އެޑެން ހަޒާޑް ދިން ބޯޅައަކުން ބެލްޖިއަމް އަށް ލީޑު ހޯދައިދިނީ ރާޖާ ނައިގޮލާން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވޭލްސްގެ ގޯލާ 30 ޔާޑު ދުރުން އުފެއްދި ހަމަލާއަކުންނެވެ.

ބެލްޖިއަމުން ލީޑު ހޯދުމާއެކު ވޭލްސް އިން ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަކުރި އެވެ. ވޭލްސް އަށް ލިބުނު ކޯނަރަކުން އާރޮން ރަމްސީ ނަގައިދިން ހުރަހަކުން ވޭލްސް އަށް ނަތީޖާ ހަމަހަކޮށްދިނީ ކެޕްޓަން އޭޝްލީ ވިލިއަމްސް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާ އަކުންނެވެ.

އެ ލަނޑަށްފަހު ވެސް ވޭލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ވޭލްސްގެ ތަރި ގެރެތު ބޭލް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ބޭލް އުފެއްދި އެ ހަމަލާ ހުޝިޔާރުކަމާއެކު ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުވާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް އާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކޮށް، ވޭލްސް އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓު ތެރޭގައި ބެލްޖިއަމް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ބެލްޖިއަމްގެ ލުކާކޫ އާއި، ކެވިން ޑިބްރޭނާ އަދި ހަޒާޑް އަށް ލިބުނު ފުރުސަތުތަކުން އުފެއްދި ހަމަލާތައް ވޭލްސްގެ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ވޭލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ރަމްސީ ދިން ބޯޅައަކުން ވޭލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަލް ރޮބްސަން ކަނޫ އެވެ. އޭނާ އަށް ބޯޅަ ލިބުމާއެކު ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވަނީ ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ބެލްޖިއަމްގެ މާރުއާން ފެލާނީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޓޮބީ އަލްޑަވެރާލްޑް ނަގައިދިން ހުރަހަކުން ވޭލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ފެލާނީ ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް އާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކޮށް، ވޭލްސް އިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ވޭލްސް އިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރި އެވެ. ކްރިސް ގަންޓާ ނަގައިދިން ހުރަހަކުން ވޭލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ސޭމް ވޯކްސް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

ސެމީގައި އަންނަ ބުދަ ދުވަހުގެ ރޭ ވޭލްސް ނުކުންނަން ޖެހޭނީ ޕޯޗުގަލްއާ ދެކޮޅަށެވެ.