ޅ. އޮޅުވެލިފުށި، އައްސަދު އާމިރު، 21، އަހުމަދިއްޔާ ސުކޫލުން އޭ ލެވެލް ނިންމާލީ ރަނގަޅު ނަތީޖާއަކާ އެކު އެވެ. އިތުރަށް ކިޔަވަން އޭނާ ބޭނުންވި އެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެކަން ވާން އޮތީ ވަޒީފާއަކަށް ދަމުންނެވެ. އެހެންކަމުން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށި އެވެ. ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ 40 އިދާރާ އިން ހުޅުވާލާފައިވާ ވަޒީފާތަކަށް އޭނާ ކުރިމަތިލި އެވެ. އިންޓަވިއުއަށް ގުޅީ ދެ ތަނަކުންނެވެ. މިއަދާ ހަމައަށް ވެސް އެއިން ތަނަކުން ވަޒީފާއެއް ނުލިބުނެވެ.

ވަޒިފާއެއް ނެތި މާޔޫސްވެފައިވާ އެ ޒުވާނާއަށް އިތުރު ހިތްދަތިކަމެއް ލިބިގެންދަނީ އޭނާއާ އެކު އުޅޭ ޒުވާނުންގެ ތެރެއިން އޭނާ ހާސިލްކުރިވަރަށް ތައުލީމް ހާސިލްނުކުރާ ބައެއް ޒުވާނުން، ކިޔަވައިގެންތިބޭ މީހުން ތިބެން ޖެހޭ މަގާމުތަކުގައި ތިބޭތަން ފެނުމެވެ. އެފަދަ ވަޒީފާތައް އެމީހުން ހޯދީ ފަސޭހަ ކަމާއެކު އެވެ. ފޯނުކޯލަކުންނެވެ.

"ބައެއް ރައްޓެހިން މި ވަޒީފާ ހޯދަނީ ސިޔާސީ މީހުންނާ ގުޅިގެން، އެހެން ވަޒީފާ ހޯދައިގެން އެބައުޅޭ، މަވެސް މިއުޅެނީ ދެން ސިޔާސީ މީހެއް ކައިރިއަށްދާން." އައްސަދު ބުންޏެވެ.

މީގެ ކުރިން އޭނާގެ މައިންބަފައިން އޭނާ އަށް އަބަދު ވެސްދޭ ނަސޭހަތަކީ ރަނގަޅު ވަޒީފާއެއް ހޯދުމަށް ރަނގަޅު ތައުލީމެއް ހާސިލްކުރަން ޖެހޭ ވާހަކަ އެވެ. ނަމަވެސް މިއަދު އޭނާ އަށް އެކަން ގަބޫލެއް ނުކުރެވެ އެވެ. ސަރުކާރުން ފެށިގެން ގޮސް އަމިއްލަ ގިނަ ތަންތަނުން ވެސް ވަޒީފާ ލިބެނީ ގާތްމީހާއަށް ނޫނީ ސިޔާސީ ބާރުއޮތް މީހާއަށެވެ.

ވަޒީފާގެ ފަހަތުގައި ސިޔާސީ ވެރިން

އެއީ އެންމެ ޒުވާނެއްގެ ހާލެއް ނޫނެވެ. އަހަރެއްގެ މައްޗަށް އެތައް ހާސް ކުދިންނެއް އޯ ލެވެލް އަދި އޭ ލެވެލް ހެދުމަށް ފަހު މިދަނީ ވަޒީފާ ހޯދަމުންނެވެ. ދިރިއުޅުމުގެ ހަރަދުބަރަދު ހުރި ގޮތުން ގިނަ ކުދިން ބޭނުން ވަނީ ވަޒީފާ އަށް ދަމުން ކިޔެވުމަށެވެ. ނަމަވެސް މިއަދު އުފެދިފައިމިވާ ޝަކުވާއަކީ ވަޒީފާ ހައްގު ފަރާތްތަކަށް އެވަޒީފާ ނުލިބޭ ކަމުގެ ޝަކުވާ އެވެ. ނުފޫޒު ގަދަ މީހާ މޮޅުވާ ވާހަކަ އެވެ.

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި އޭނާގެ ދާއިރާއަށް ނިސްބަތްވާ ގިނަ ޒުވާނުންނަށް އޭނާ ވަނީ ވަޒީފާ ހޯދައިދީފަ އެވެ. ބަނދަރާއި ދަތުރުފަތުރާއި ގުޅުން ހުރި އިދާރާތަކުން ވަޒީފާ ހޯދައިދީފައިވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

ވަޒީފާއެއް އިއުލާން ކުރާއިރު އެވަޒީފާ އަށް ނަގަން ޖެހޭ މީހުންގެ ލިސްޓެއް އެ ކުންފުނިތަކަށް ނޫނީ އެ އިދާރާއެއްގެ ވެރިންނަށް ފޮނުވުމަކީ ފަހުގެ ތާރީހެއްގައި ކޮންމެ ސަރުކާރެއްގައި ވެސް ކަންހިނގާގޮތެވެ. ސަލާމަތީ ބާރުތަކާއި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ވަޒީފާ ދޭއިރު ވެސް ގިނަ ފަހަރަށް އެކަން ހިނގަނީ އެގޮތަށެވެ. ވެރިންގެ ވާހަކަތަކުން އެކަން އެނގެ އެވެ.

"ވަޒީފާއެއް އިއުލާންކުރާއިރަށް އެމްޕީން [މަޖިލިސް މެމްބަރުން] ގުޅަންފަށާނެ، ވަޒީފާ ދޭންވީ މީހާ ބުނޭ، އެއީ ތެދެއް." ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުއްޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ހަމައެކަނި ސަރުކާރެއް ނޫނެވެ. އަމިއްލެ ކުންފުނިތަކަށް ބަލާއިރުވެސް އެބަޔެއްގެ ވަޒީފާ ހަމަދަނީ އެބަޔެއްގެ ފިކުރަށެވެ. ނޫނީ ފޯމް ފުރައިގެން އަންނަ ފަރާތަކަށެވެ. ރާއްޖޭގެ ބައެއް ޕާޓީތައް ހިންގަން މީހުން ވަންދަން ބޭނުންކުރާ ވަސީލަތަކަށް ޕާޓީ ފޯން މިވަނީ ހަދާފައެވެ.

އެގޮތަށް ވަޒީފާ ހޯދައި ދެނީ އެ ސިޔާސީ މީހަކު ބޭނުންވާ މަގާމަކަށް ހޮވައިދޭން މަސައްކަތް ކުރާ މީހުންނަށްދޭ ހަދިޔާއެއްގެ ގޮތުގަ އެވެ. ނޫނީ ޕާޓީއަށް އެމީހަކު ނޫނީ އިތުރު ބަޔަކާ އެކު ގުޅެން ޝަރުތުކޮށެވެ. ބައެއް ފަހަރު ވަޒީފާ ދިނުމަށްފަހު ވެސް މަޖުބޫރު ކުރުވައިގެން ސިޔާސީ ބޭނުންތަކަށް ބޭނުންކުރެ އެވެ.

އެފަދަ އެތައް މައްސަލައެއް ހުށަހެޅިފައި އެބަހުރި

ނުހައްގުން ވަޒީފާ ދިނުމުގެ 156 މައްސަލައެއް މިދިޔަ އަހަރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ އިރު މިއަހަރު ފުރަތަމަ ތިން މަސް ދުވަހު ވަނީ އެފަދަ 24 މައްސަލައެއް ހުށަހަޅައިފަ އެވެ. އެފަދަ މައްސަލަތައް ބަލައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރަން ފޮނުވާ ކަމަށް ވިދާޅުވި އެވެ.

އޭސީސީގެ އެޑިއުކޭޝަން އޮފިސަރު މުހައްމަދު ސަލީމް ވިދާޅުވީ، ރާއްޖޭގައި ނުހައްގުން ވަޒީފާ ދިނުމަށް ތަފާތު ގޮތްގޮތަށް ކަންކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިއުލާން ކުރުމަކާ ނުލައި ތަނުގެ ވެރިން ބޭނުން މީހުންނަށް ވަޒީފާ ދިނުމާއި ޝަތުރު ހަމަވެފައިވާ ފަރާތްތަކުން ކުރިމަތިލާފައިވަނިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ވަޒީފާ ދޭ ކަން ވެސް ފާހަގަކުރެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

ހަމަ އެއާއެކު ވެރިންނާ ގުޅުން އޮންނަ ފަރާތްތަކުން ވަޒީފާއަށް ކުރިމަތިލުމުން އެފަރާތްތައް ނެގުމަށް ޓަކައި އިންޓަވިއު ޕެނަލްގައި ބައިވެރިވެ ނުފޫޒު ފޯރުވާ ކަމަށް ވެސް ވިދާޅުވި އެވެ. ހަމައެއާ އެކު ވަކި ފަރާތެއް ވަޒީފާއަށް ހޮވުމަށް އެފަރާތަކަށް ބަލައި ޝަރުތުތައް ކަނޑައަޅާ ކަމަށާއި ހަމައެއާ އެކު ވަކި މީހަކު ހޮވެންދެން ވަޒީފާ އިއުލާން ކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ހަމައެހެންމެ ވަކި މީހަކަށް ވަޒީފާ ދިނުމަށް ޓަކައި މައުލޫމާތު އޮޅުވާލައިގެން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުން ވެސް، ސިޔާސީ ޕާޓީއަކަށް ވަނުމަށް ނޫނީ ސިޔާސީ ކަންކަމުގައި އުޅުމަށް މުވައްޒަފުންނަށް މަޖުބޫރެއް ނުކުރެވޭނެ އެވެ. ގާނޫނުގައި އެހައްގުތައް އޮތް ނަމަވެސް އެފަދަ މައްސަލައެއް ވެސް ހުށަނޭޅެން އޮންނަނީ މުއައްސަސާތައް ހިންގުތެރި ނޫންވީމަ އެވެ.

މިހެންވީމާ ދެންވާނީ ކިހިނެއް

ކޮންމެ ޒުވާނަކަށް ވެސް ވަޒީފާ ލިބެންޖެހެ އެވެ. ނަމަވެސް އެވަޒީފާއަކީ އެމީހެއްގެ ފެންވަރާއި ހާލަތާ ގުޅޭ ވަޒީފާއަކަށްވާން ވާނެ އެވެ. ގާބިލް ނޫން މީހުންނަށް ވަޒީފާ ދެވިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރުކުރާނީ ހަމަ ގައުމަށެވެ. އުފެއްދުންތެރިކަމަށް ހީނަރުކަން އައިސް ކޮރަޕްޝަން އިތުރުވާނެވެ. އިހުލާސްތެރިކަމަށް އިސްކަން ނުދީ އަމިއްލަ ފައިދާއަށް ނާޖާއިޒު ފައިދާ ހޯދަން ފަށައިފަ އެވެ. ނަތީޖާ ވަރަށް ވެސް ހިތިވާނެ އެވެ.

ސިޔާސީ މީހުން އަތްގަދަކޮށްފައިވާ މި ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލް ވެސް މިވަނީ ސިޔާސީ މުށުތެރެއެއްގަ އެވެ. ތައުލީމް ހާސިލްކުރުމަކުން އަދި އުފަލެއްނެތެވެ. ވަޒީފާއެއް ހޯދަން ބޭނުން ނަމަ މިޖެހެނީ ކޮންމެ ވެސް ޕާޓީއަކާ ގުޅޭށެވެ. ނޫނީ ސިޔާސީ މީހަކު ބުނާހާ ގޮތެއް ހަދާށެވެ. މިސަރުކާރުން 94،000 ވަޒީފާ އުފެއްދުމަކީ ވައުދަކަށްވާ އިރު ސިޔާސީ ފަރާތްތަކުގެ މުށުތެރޭން އެކަން ސަލާމަތްކުރަން ޖެހެ އެވެ.