01 Jul 2016, 23:58
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމަކާ ޚިލާފުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު އިއުތިރާފުވެވަޑައިގެންފި އެވެ.
ސަން ޓީވީގެ "ސިޔާސީ އޮއިވަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަސްއަދު މިރޭ ވިދާޅުވީ އޭނާ އަމަލުކުރެއްވިގޮތަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަމަލުކުރެއްވިނަމަ ފިޔަވަޅު އަޅަންނުޖެހޭނެ ކަމަށެވެ.
އައްސަދު ވިދާޅުވިގޮތުގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނިންމުމާ އޭނާ ޚިލާފުވީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމަށް ނެގި ވޯޓުގައެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ އުޒުރުވެރިވެވަޑައިގެންނެވި ކަމަށް އައްސަދު ވިދާޅުވި އެވެ.
އެކަން އެގޮތަށް ކުރީ ރައީސް އަބްދުﷲ ޔާމީންގެ ހުއްދައާ އެކު ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
"އަޅުގަނޑު އިންތިޚާބުގައި (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި) ހުންނެވީ ޕީޖީ މުހުތާޒުމެން ގޭގައި. އެމީހުންނާ އެކު ދޮޅުއަހަރުވަންދެން މަސައްކަތްކޮށްފަ އައިސްފަ، މުހުތާޒު ވަކިކުރާ ވޯޓުގައި ބައިވެރިވާން އަޅުގަނޑަށް އުޒުރުވެރިވެވުނީ. އަޅުގަނޑު ބޭނުމެއްނުވޭ އެ އާއިލާ އަށް އަނިޔާވެރި ނުވަތަ އަނިޔާއެއް ލިބެންވާ ވަގުތުގައި އެކަމަށް އެހީތެރިވާ މީހެއްގެ ގޮތުގައި އަޅުގަނޑު ވާކަށް،" އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ އެވޯޓުގައި އޭނާ ބައިވެރިނުވި ކަމަށް ވިޔަސް މުހުތާޒުގެ އިތުބާރުނެތް ކަމަށް ފާސްވާނެ ކަމަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާގެ ވޯޓާ ނުލައި އެކަން ކާމިޔާބު ނުވާނެނަމަ ވޯޓުގައި ބައިވެރިވާނެ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން އިއުލާންކުރުމެއް ނެތި 50 އަހަރަށް ކުއްޔަށްދޫކުރާގޮތަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނެގި ވޯޓުގައި ބައިވެރިވާން ބޭނުންފުޅުނުވާނަމަ ދިއްގަރު ދައިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ވެސް ކުރިން ރައީސް ޔާމީން އަރިހު ދަންނަވައި ހުއްދަ ހޯއްދެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާފައިނުވާތީ ފާރިސްއާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް އައްސަދު ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ދަރިކަލަކަށްވެފައި ފާރިސްގެ މައްސަލަ ނުބަލައިފިނަމަ އެކަން ވެގެންދާނީ ދެންތިބި މެމްބަރުންނަށްވެވޭ އިންސާފަކަށް ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
އެހެންވެއްޖެކަމަށް ވަންޏާ މިސާލަކަށް ބަލާއިރު ރައީސަށް ދަންނަވާލިނަމަ ބައްޕާފުޅުވެސް މިކަމާ ހިތްހަމަނުޖެހޭތީ ތިމަންނަ (ފާރިސް) މިއަދުގެ ވޯޓުން އުޒުރުވެރިވަމޭ ނުވަތަ މިންކަތައް ކުރަން ތިމަންނަ ޚިޔާލު ކުރަމޭ
ދާންދޫ ދާއިރާގެ މެމްބަރު އައްސަދު
ޕާޓީގެ ވިޕްލައިނާ ޚިލާފުވެގެން ފާރިސްއާ މެދު ފިޔަވަޅު އަޅަން ޕާލަމެންޓްރީ ގްރޫޕުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. އަދި އެ ސިޓީގެ ކޮޕީ ރައީސް މައުމޫނަށް ވަނީ ފޮނުވާފައެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ތުހުމަތުކުރައްވާގޮތުގައި ފާރިސްއާ މެދު ފިޔަވަޅު އަޅަން މައުމޫން ދެކޮޅު ހައްދަވަނީ ފާރިސްއަކީ ދަރިކަލަކަށްވެފައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމުގެ ގޮތުންނެވެ.
ޕާޓީގެ ތެރޭގައި ފެކްޝަން އުފެދިފައިވަނިކޮށް މައުމޫން ރޭ އާންމު ކުރެއްވި ބަޔާނުގައި ވިދާޅުވީ ޕާޓީގެ އެކިއެކި ގުނަވަންތަކާއި މެމްބަރުން ޕާޓީގެ ލީޑަޝިޕްގެ ޚިޔާލާ މަޝްވަރާއާ ޚިލާފަށް ކަންތައްތައް ކުރައްވަމުންދާއިރު އެފަދަ ފަރާތްތަކާ މެދު އިސްލާހީ ފިޔަވަޅު އެޅުމަށް ޕާޓީގެ ގުނަވަންތަން ވަނީ ނުކުޅެދިފައި ކަމަށެވެ.