ކުރިއަށް އޮތް ސީޒަނުގައި އިނގިރޭސި ކުލަބު މެންޗަސްޓާ ޔުނައިޓެޑަށް ކުޅެން އެއްބަސްވެފައިވާ ޒަލްޓަން އިބްރަހިމޮވިޗަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ކުޅުންތެރިއެއް ނޫން ކަމަށް އެކުލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

"އޭނާ [އިބަރަހިމޮވިޗު] އަށް ލިބިފައިވާ ކާމިޔާބީ އިން އެއީ ކިހާ ފެންވަރެއްގެ ކާކުކަން އެނގޭނެ. އެއީ ދުނިޔޭގެ އެންމެ މޮޅެތި ފޯވާޑުން ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އެހެން ކުޅުންތެރިންނާ އިބްރަހިމޮވިޗުއާ ހުރި ތަފާތަކީ އޭނާ އަކީ އަބަދުސް މަސަތްކަތުގެ ރޭޓް ވަރަށް ރަނގަޅު ކުޅުންތެރިއެއް،" ޔުނައިޓެޑްގެ ސައިޓަށް ދިން އިންޓަވިއު އެއްގައި މޮރީނިއޯ ބުންޏެވެ.

މީގެ ކުރިން އިނގިރޭސި ލީގް ނޫން ޔޫރަޕްގެ އެންމެ ވަރުގަދަ ހުރިހާ ލީގްތަކަކަށް ވެސް ކުޅެފައިވާ އިބްރަހިމޮވިޗު ކުރިއަށް އޮތް ސީޒަނުގައި ޕްރިމިއާ ލީގުން ފެނިގެންދާނެ އިރު މޮރީނިއޯ ބުނީ އޭނާ އަށް ފުރުސަތު ލިބިފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގަށް ކުޅުމުގެ ފުރުސަތު ކަމަށާއި މީގެ ކުރިން އޭނާ ކުޅުނު ހުރިހާ ލީގެއް ވެސް ކާމިޔާބް ކުރި ފަދައިން ޔުނައިޓެޑްއާ އެކުވެސް ލީގް ކާމިޔާބް ކުރާނެ ކަމަށެވެ.

ނިމިދިޔަ ސީޒަން ލީގްގެ ފަސް ވަނާގައި އޮވެ ނިންމާލި ޔުނައިޓެޑަށް ވަނީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގްއިން ވެސް ފުރުސަތު ގެއްލިފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމްގެ ކޯޗު ކަމުން ވެން ހާލް ވަކިކޮށް ހޯސޭ މޮރީނިއޯއާ ޓީމް ވަނީ ހަވާލުކޮށްފައެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ސްވިޑެން ކަޓާފައިވާ އިރު އިބްރަހިމޮވިޗު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވެސް އިއުލާން ކޮށްފައެވެ. 1999 ވަނަ އަހަރު ސްވިޑެން މަލްމޯ އިން ކެރިއަރު ފެށި އިބްރަހިމޮވިޗު ވަނީ އެ ކުލަބް ނޫން ދެން އޭނާ ކުޅުނު ކޮންމެ ކަލަބަކާއި އެކު ވެސް ލީގް ކާމިޔާބް ކޮށްފައެވެ. އެއީ ނެދަލޭންޑްގެ އެޖެކްސް އާއި އިޓަލީގެ ޔުއެންޓަސް އާއި އިންޓަރ މީލްން އާއި އޭސީ މިލާނުގެ އިތުރުން ބާސެލޯނާ އެވެ. އޭނާ އެންމެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވަނީ ޕީއެސްޖީ އާއި އެކުއެވެ.