01 Jul 2016, 23:07
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އިންތިޒާމް ކުރަން ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އަށް ލިބިއްޖެ އެވެ.
އޭޝިއާ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެ އެވޯޑް ލޯންޗު ކޮށްފައިވަނީ ސްރީ ލަންކާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސަޓާ އަކީ އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކުން ގުޅިގެން ސަރަހައްދީ ފެންވަރުގައިދޭ ފުރަތަމަ އެވޯޑެވެ.
މިއަހަރު ބާއްވަން ހަމަޖެހިފައިވާ ސަޓާ އެވޯޑު ބާއްވާނީ ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެންނެވެ.
މީގެ އިތުރުން، ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އަދި އިންޑިއާ ކޮންފެޑެރޭޝަން އޮފް އެކްރެޑިޓެޓް ޓުއާ އޮޕަރޭޓާސް (ސަޓޯ) ބައިވެރިވެ އެވެ.
އެވޯޑް ލޯންޗު ކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސުގައި ސްރީ ލަންކާގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ޑރ. އަމީލާ ކަންކަނަމަންގް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ސިނާއަށް ފާގަހަކުރުމަށް ސަރަހައްދީ ފެންވަރުގައި ފެށުނު މުހިއްމު ކަމެއް ކަމަށެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު ކޮލަންބޯގައި ބާއްވަން ހަމަޖެހިފައިވާ ސަޓާ އެވޯޑުގައި 10 ސެގްމަންޓަކުން 39 ކެޓަގަރީ އަކުން އެވޯޑް ދޭނެ އެވެ.
އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ރާއްޖޭގެ ފޯކަލް ޕައިންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އެވެ.
މިހާތަނަށް ބޮޑެތި އިވެންޓްތަކެއް ކާމިޔާބު ކަމާއެކު ބާއްވާފައިވާ ހައިރައިޒް އިން ވަނީ އިންޑިއާ، ސްރީލަންކާގެ އިތުރުން މެލޭޝިއާ އަދި ދުބާއީ ތަފާތު އިވެންޓްތަކާއި އެވޯޑް ރަސްމިއްޔާތުތައް ބާއްވާފައެވެ.