ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަން ރައްޔިތުންނަށް ފުދިއްޖެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ ހޫނު ހަމަލާތަކެއް ރައީސް މައުމޫނަށް ދެއްވައިފި އެވެ.

ޝައިނީ އެގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސަރުކާރަށް ފާޑުވިދާޅުވެ ޕީޕީއެމް އިސްލާހް ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން ވިދާޅުވިތާ މާ ގިނައިރުތަކެއް ނުވެ އެވެ.

މައުމޫންގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާ ޝައިނީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސް ޔާމީންގެ ތިން އަހަރުގެ ތެރޭގައި ބޮޑެތި ތަރައްގީތަކެއް ގެނެސްދެއްވި ކަމަށާއި މިއީ އާ ލީޑާޝިޕަކަށް ފުރުސަތުދޭންވީ ވަގުތު ކަމަށެވެ.

ޝައިނީ އެގޮތަށް ވިދާޅުވެފައިވަނީ، ރައީސް މައުމޫން އާއި ރައީސް ޔާމީންއާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ވުންތަކެއް އުފެދި، ޕާޓީގެ ތެރެއިން އެބޭފުޅަކަށް ވަފާތެރި ބޭފުޅުންނާއެކު މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައެވެ.

ރޭ ބޭއްވި ކުއްލި ނިއުސް ކޮންފަރެންސެއްގައި މައުމޫން ވިދާޅުވީ ފަހަކަށް އައިސް ޕީޕީއެމްގެ ޑިމޮކްރެޓިކް ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށާއި ޕާޓީގެ ތަސައްވަރު ވެސް ވަނީ ރައްޔިތުންގެ މެދުގައި ކިލަނބުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އަންގަވާ އެންގުންތަކަށް އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކިޔަމަންނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ޕާޓީގެ އެކިއެކި ގުނަވަންތަކާއި މެމްބަރުން ޕާޓީގެ ލީޑަޝިޕްގެ ޚިޔާލާ މަޝްވަރާއާ ޚިލާފަށް ކަންތައްތައް ކުރައްވަމުންދާއިރު އެފަދަ ފަރާތްތަކާ މެދު އިސްލާހީ ފިޔަވަޅު އެޅުމަށް ޕާޓީގެ ގުނަވަންތަން ވަނީ ނުކުޅެދިފައި ކަމަށެވެ.