01 Jul 2016, 22:17
ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ އެ ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އިތުރުކޮށްފިއެވެ.
ނޭމާގެ ކޮންޓްރެކްޓް އިތުރުކުރިކަން ހާމަ ކުރަމުން ބާސާ އިން މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ 2021 ވަނަ އަހަރުގެ ކުރިން އޭނާ އެހެން ކުލަބަކުން ގަންނަން ބޭނުން ނަމަ 250 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެ ކަމަށެވެ.
ބްރެޒިލްގެ ސަންތޯސް އިން 2013 ވަނަ އަހަރު ބާސާއާ ގުޅުނު ނޭމާ ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އިތުރު ކުރި އިރު އެ ކުލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ މީގެ ކުރިން ވިދާޅުވީ، ބާސާ ދޫކޮށް ދާން ބޭނުންވާ ވާހަކަ ނޭމާ ބުނެފައި ނުވާ ކަމަށާއި ނޭމާ ހުންނާނީ ބާސާގައި ކަމަށެވެ.
"އަހަރެމެންނާއެކު ހުންނަން ނޭމާ ބޭނުންވޭ. ބާސާ ދޫކޮށެއް އޭނާއެއް ނުދާނެ. ނޭމާ އިތުރު ފަސް ސީޒަނެއްގައި ކްލަބުގައި މަޑުކުރާނެ. އެހެން ކްލަބުތަކުން އޭނާ އަށް ޝައުގުވެރި ވުމަކީ އާންމު ކަމެއް،" މަރިއާ ބާޓޮމެއޫ ވިދާޅުވި އެވެ.
ބާސާގައި ނޭމާ ކުޅުނު 70 މެޗުގެ ތެރޭގައި 46 ގޯލު ކާމިޔާބް ކުރި އިރު އޭނާ ވަނީ ދެ ފަހަރު ސްޕެނިސް ލަލީގާ އާއި ކޮޕާ ޑެލެރޭގެ އިތުރުން އެއް ފަހަރު ޗެމްޕިއަންސް ލީގް ވެސް ކާމިޔާބް ކޮށްފައެވެ.