އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ކެތްލެބުން އެންޖިއޯ ޕްލާސްޓީ އަދި އެންޖިއޯ ގްރަފީ ހަދަން ފަށައިފި އެވެ.

ރާއްޖޭގެ އަލަށް ފެށި އެ ޚިދުމަތުގެ ދަށުން އައިޖީއެމްއެޗްގައި މިއަދު ވަނީ ކްރިޓަކަލް ދެ ޕޭޝަންޓުންގެ އެންޖިއޯ ޕްލާސްޓީ ކާމިޔާބު ކަމާއެކު ހަދާފައެވެ. އަދި އެއް ޕޭޝަންޓަކު ވަނީ އިންޖިއޯ ގްރަފީ ހަދާފައެވެ. އިތުރު ޕޭޝަންޓެއްގެ އެންޖިއޯ ގްރަފީ މިއަދު ހަދާނެ އެވެ.

އެންޖިއޯ ޕްލާސްޓީއަކީ ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދުމުން ހުޅުވުމަށް ކުރާ ސާޖިކަލް ރިޕެއާ އެކެވެ. އެކަމަށް އޮޕަރޭޝަނުގެ ބަދަލުގައި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ކެތު ލެބުން ބޭނުންކުރާނީ ހަށިގަނޑުގެ ލޭ ނާރުގެ ތެރެއަށް ލައްވާ ކެތޭޓާ އެވެ.

އެންޖިއޯ ގްރަޕީ އަކީ ހިތަށާއި ހަށިގަނޑުގެ އެކި ގުނަވަންތަކާ ގުޅިފައިވާ ނާރުތަކުގެ ހާލަތު ދެނެގަތުމަށް ބޭނުންކުރާ މެޑިކަލް އިމޭޖިން އެއް ހަދަން ކިޔާ ނަމަކެވެ.

އައިޖީއެމްއެޗް އިން ބުނީ، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 15 ނުވަތަ 20 ބޭފުޅަކު ރާއްޖޭން ބޭރަށް އެންޖިއޯ ގްރާފީ ހެދުމަށް އާސަންދައިގެ ދަށުން ފޮނުވާ ކަމަށެވެ.

ނަމަވެސް އައިޖީއެމްއެޗްގެ ކެތު ލެބުން އެ ދެ ޚިދުމަތަށްދޭ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރުކުރާނެ އެވެ.

އައިޖީއެމްއެޗްގައި އެ ޚިދުމަތް ފެށުމަށްފަހު މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އައިޖީއެމްއެޗްގެ ތަޖުރިބާކާރު ކާޑިއޮލޮޖިސްޓް ޑރ. އަލީ ޝަފީގު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހިތުގެ ހުރިހާ އޮޕަރޭޝަނެއް ވެސް ކެތު ލެބުން ކުރެވޭނެ ކަމަށެވެ.

އައިޖީއެމްއެޗްގައި އެންޖިއޯޕްލާސްޓީއާއި އެންޖިއޮގްރަޕީގެ ޚިދުމަތް ފެށުމުގެ ގޮތުން މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ މުހައްމަދު އަފްރާހް

ޑރ. ޕްރަދާޕް ވިދާޅުވީ، ރާއްޖޭގެ އައިޖީއެމްއެޗްގައި ހުރި ކާޑިއެކް ސެންޓަރަކީ ހުރިހާ ގޮތަކަށް ބަލާނަމަ ވެސް ދުނިޔޭގެ ފެންވަރުގެ ސެންޓަރެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ކާޑިއެކް ސާޖަރީ ހަދަން ޕޭޝަންޓުން ލިބޭ ވަރަކަށް ބެލުމަށްފަހު މިހާރު ވެސް ކާޑިއެކް ސާޖަރީ ހަދަން ފަށަން ތައްޔާރު ކަމަށެވެ. ނަމަވެސް ކާޑިއެކް ސާޖަރީ އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ވަރަށް މަދުން ހަދަންޖެހޭ އެއްޗެއް ކަމަށް ޕްރަދާޕް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ އެކްޓިން މެޑިކަލް ޑައިރެކްޓަރު، ސީނިއާ ކޮންސަލްޓަންޓް ޑރ. އަލީ ލަތީފު ވިދާޅުވީ، ނެޝަނަލް ކާޑިއެކް ސެންޓަރުގައި ހިމެނޭ ނުވަ އެނދުގެ އައިސީޔޫގެ ޚިދުމަތް ވެސް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އައިޖީއެމްއެޗްގައި މިވަގުތު އިންޑިއާގެ މެޑް ޓްރީނާ ހޮސްޕިޓަލްގެ ކާޑިއޮލޮޖިސްޓަކާއި ދިވެހި ދެ ކާޑިއޮލޮޖިސްޓުން ޚިދުމަތް ދެއްވަމުން ގެންދަވާއިރު، ހިތުގެ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުމަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އުފެދުމުގައި ހިތުގައި ހުންނަ އެކި އެކި ލޯވަޅު އޮޕަރޭޝަނަކާ ނުލައި ޑިވައިސް އެއް ބޭނުންކޮށްގެން ބެއްދުމާއި ހިތުގެ ވިންދުގެ އެކި މައްސަލަތައް ދެނެގަނެ ކުޑަ ފެޅުމަކާއެކު ހިތައް ޕޭސްމޭކާއެއް ލެއްވުމުގެ ހިދުމަތް ވެސް އައިޖީއެމްއެޗްގެ ކެތު ލެބުން ލިބިގެންދާނެ އެވެ.