01 Jul 2016, 21:51
ބެއިޖިންގް (ޖުލައި 1) : އޭޝިޔާގެ ގައުމުތަކަށް އަސްކަރީގޮތުން އަތްގަދަ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އުފެދުނުތާ ނުވަދިހަ ފަސް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ޝިޖިންޕިން ވިދާޅުވީ ޗައިނާގެ ވިސްނުމަކީ އިގްތިސާދީ ވިސްނުމެއްކަމަށާ ޗައިނާ މަސައްކަތްކުރަނީ ކުރިއަރަމުން އަންނަ ގައުމުތަކަށް އިގްތިސާދީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވޭނެ ފުރްސަތު ހޯދައިދިނުމަށްޓަކައި އެގައުމުތަކުގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގައި އެހީތެރިވެދިނުމަށެވެ. ނަމަވެސް ބާރުގެ ބޭނުން ކުރުމާއި އަސްކަރީ ބިރުދެއްކުމަކީ ޗައިނާ ބަލައިގަންނާނެ ކަމެއްނޫންކަމަށާ އެފަދަ ބިރުތަކާ ދެކޮޅަށް ޗައިނާ ތެދުވާނެކަމަށް ރައީސް ޝިޖިންޕިން ވިދާޅުވިއެވެ.
ޗައިނާއަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް އެންމެ ގިނައިން ލޯންއެހީއާއި ހިލޭއެހީ ދޭ ގައުމެވެ. މީގެއިތުރުން އެފްރިކާގެ ގައުމުތަކުގެ ރޯމެޓީރިއަލް އެގައުމުތަކުގައި ޕްރޮސެސްކޮށް އޭގެ ސިނާއީ ފައިދާ ސީދާ އެގައުމުތަކަށް ލިބޭގޮތަށް ޗައިނާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޔޫރަޕާއި އެމެރިކާގެ ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ އެފްރިކާގެ ގައުމުތަކުގައިވާ އަގުބޮޑު ރޯމެޓީރައަލް ހެޔޮއަގެއްގައި ހުޅަނގަށް ގަނެ އެޕްރޮސެސްކޮށްގެން އެތަށް ގުނައެއް އަގުބޮޑުކޮށްގެން ބޮޑުފައިދާ ހާސިލްކުރުމުގެ މައްޗަށެވެ. ނަތީޖާއަކީ އެފްރިކާގެ ގައުމުތަކާއި އެނޫންވެސް ކުރިއަރަމުން އަންނަ ގައުމުތައް އިތުރަށް ފަގީރުވެ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އިތުރަށް މުއްސަނދިވުމެވެ.
މީގެއިތުރުން ކުރިއަރަމުން އަންނަ ގައުމުތަކަށް އެގައުމުތަކުގެ ރޯ މެޓީރިއަލް ޕްރޮސެސް ކުރުމުގެ ސިނާއީ އެއްވެސް ފުރްސަތެއް ނުދިނުމާއި އެގައުމުތަކުގެ ރައްޔިތުން މިފަދަ ކަންކަމުގެ އިލްމާއި ފަންނީ ތަމްރީނުން މަހްރޫމް ކުރުމަކީވެސް ހުޅަނގުގެ އިގްތިސާދީ ސިޔާސަތުގެ ބައެކެވެ. ނަމަވެސް ޗައިނާ އަމަލުކުރަމުން ގެންދަނީ އެފްރިކާގެ ގައުމުތަކުގެ ރޯމެޓީރިއަލް އެގައުމުތަކުގައި ޕްރޮސެސްކޮށް އޭގެ ސިނާއީ ފައިދާ ސީދާ އެގައުމުތަކަށް ލިބޭގޮތަށް އެގައުމުތަކުގެ ރައްޔިތުންނަށް މިފަދަ ކަންކަމުގެ އިލްމާއި ފަންނީ ތަމްރީނު ދިނުމުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)