ތަފާތު އެކި މައްސަލަތަކުގައި ހަ އަހަރަށް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި އަނެއްކާ ވެސް އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސ. ހިތަދޫ، ދަތުރުނާގޭ، އިބްރާހިމް ޖަމީލުގެ މައްޗަށް މިފަހަރު ކުރި ހުކުމުގައި ބުނެފައި ވަނީ މާލެއިން ގެއްލިގެން ހޯދަމުންދިޔަ ސައިކަލެއް އޭނާ ދުއްވަނިކޮށް އޮކްޓޯބަރު 18، 2010 ގައި ފެނިފައިވާ ކަމަށް ޖަމީލުގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ. ނަމަވެސް އޭނާއަށް އެ ސައިކަލު ލިބުނީ ކޮން ގޮތަކުންކަން ޖަމީލަށް ސާބިތުކޮށްދެވިފައިނުވާތީ ގާނޫނުލް އުގޫބަތުގެ 131 ވަނަ މާއްދާގެ ހ. ގެ ދަށުން އޭނާ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ ކުރިން މަސްތުވާތަކެތި ބޭނުން ކުރި މައްސަލައެއްގައި ހަ އަހަރު ދުވަހަށް ޖަލަށްލުމަށާއި ޣައިރު ގާނޫނީ އެއްވުމެއްގެ މައްސަލައިގައި ހަ މަސް ދުވަހަށް ޖަލަށްލުމަށާއި އަމުރަށް ނުކިޔަންމަންތެރިވި މައްސަލައެއްގައި ދެ މަސް ދުވަހަށް ޖަލަށްލުމަށް ޖަމީލުގެ މައްޗަށް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އަދި ވައްކަން ކުރި މައްސަލައެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ވެސް ޖަމީލުގެ މައްޗަށް ކުރިން ކޯޓުން ހުކުމްކޮށްފައިވެ އެވެ.