Maumoon hehdhevee ithurufulhu, PG group in asaasee gavaaidhaa hilaafeh nuvey: Nihaan
Maumoon hehdhevee ithurufulhu, PG group in asaasee gavaaidhaa hilaafeh nuvey: Nihaan

Last Updated:
9 year 5 month ago

މައުމޫން ހެއްދެވީ އިތުރުފުޅު، ޕީޖީ ގްރޫޕުން އަސާސީ ގަވާއިދާ ޚިލާފެއް ނުވޭ: ނިހާން

    ބުލޮގު ޚުލާސާ

    ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބާއްވާ ނިއުސް ކޮންފަރެންސްގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    19:08އަހުމަދު ސާއިލް އަލީ

    ރައީސް މައުމޫން ކުރެއްވި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާނުކޮށް ދެއްކެވި ވާހަކަފުޅުތަކެއް ނޫން ކަމަށް ވިދާޅުވެ ރައީސް މައުމޫންއަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

    ޕީޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެޕާލަމެންޓްރީ ގުރޫޕުން އަދި އޭނާވެސް ރައީސް މައުމޫނާއި ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަމަށާއި އަމަލު ކުރަމުންދަނީ ގަވައިދާއެއްގޮތަށް ކަމަށެވެ.

    ރައީސް މައުމޫން ފޮނުއްވަވާ ހުރިހާ މެސެޖަކާއި ސިޓީއަކާއި އެންގެވުމެއް ހުރިހާ މެމްބަރުންނަށް އަންގަވަމުން ގެންދަވާ ކަމަށާއި އޭނާ އަމަލުކުރަނީ ގަވައިދުގައިވާގޮތުގެ މަތިން ކަމަށެވެ.

    "ޑިމޮކުރަސީއަކީ މެޖޯރިޓި ވަކިގޮތަކަށް ނިންމުމުން އަޅުގަނޑުމެން ގަބޫލްކުރާ އުސޫލްތަކަކާއި އެއްގޮތަށް ދީއްލާލުންކަމުގައިވާތީ ޕާލަމެންޓްރީ ނިންމާނިންމުމަކަށް ހަމައެކަނި އަޅުގަނޑަށްވެސް ދެވެނީ އެއްވޯޓް، އެވެސް ވޯޓެއް އެއްވަރުވެއްޖެ ހާލަތެއްގައި." ނިހާނު ވިދާޅުވިއެވެ. "މިއީ ލިޔެވިފައިވާގޮތް މިއީކީ އަޅުގަނޑު އަމިއްލައަށް ތިބޭފުޅުންނަށް ދައްނަވާ ދެއްވި ވާހަކަތަކެއް ނޫން، ޕާޓީގެ އަސާސީ ގަވައިދުގައި މިއޮތީ މިހެން، އަޅުގަނޑުމެން ޕާލަމެންޓްރީ ގުރޫޕުގެ ގަވައިދުގައި މިވަނީ މިހެން، ޕާޓީގެ މެނިފެސްޓޯއާއެކީ ވަޑައިގެން ސަރުކާރަށް އެހީތެރިކަން ދިނުން ނޫން އެހެންގޮތެއް އަޅުގަނޑުމެން އަމިއްލެއަށް ހަދަހަދައިގެން ކުރިއަށްގެންސްފައެއް ނެތް."

    ނިހާން ވިދާޅުވ ޕާޓީގެ ކަންކަން ނިންމާނީ ވަކި ފަރުދެއްގެ ސަހުޝެއްގެ ގޮތަށް ނޫން ކަމަށެވެ. އެޕާޓީގެ ޕާލަމެންޓްރީ މެމްބަރުގެ ތެރެއިން އެއް މެމްބަރަކު ފިޔަވާ އެހެން މެމްބަރުން ޔަގީކަން ދޭގޮތުގައި މިސަރުކާރަށް އެއްބާރުލުން ދިނުމުގައި ކުރިއަށްދާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

    ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން އަމަލުކުރައްވަމުން ގެންދަވަނީ ޕާޓީގެ އެންގުންތަކާ ސީދާ ޚިލާފަށް ކަމަށެވެ. ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އަމަލު ކުރައްވަމުން ގެންދަވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އަންގަވާ ގޮތާ ޚިލާފަށް ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީގެ މެމްބަރުންނަށް ޓެކްސްޓް މެސެޖުގެ ޒަރިއްޔާއިން މައުމޫން އަންގަވާ ކަންކަން ވެސް މެމްބަރުން ނުކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ.

    ޕާޓީގެ މެމްބަރަކަށް ވެވޭނީ އަސާސީ ގަވައިދަށާއި ޕާޓީގެ އުސޫލުތަކާ ފިކުރަށް އެއްބަސްވާ މީހަކަށް ކަމަށް އަސާސީ ގަވައިދުގެ 14 ވަނަ މާއްދާގައި ބުނާ އިރު އެކަންކަމަށް އަމަލު ނުކުރާ މީހަކަށް ޕީޕީއެމްގެ މެމްބަރަކަށް ނުވެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

    މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ރައީސް މައުމޫންއަށް ގެއްލުން ލިބޭނޭ އެއްވެސް ކަމެއް އެ ޕާޓީތެރޭން އަދި ޕާލަމެންޓްރީ ގްރޫޕްތެރޭންވެސް ނުކުރާނޭ ކަމަށެވެ.

    17:47

    ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން ނިންމާލައިފި.

    17:42

    ޕާޓީގެ ވިޕްލައިނާ ޚިލާފުވުމުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުމަށް ވާނީ، ޕީޖީ ގްރޫޕުން އެކުލަވައިލި ކުޑަ ކޮމިޓީއަކުން ފާސްކޮށްފައި. އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އަމަލުކުރި ގޮތްވެސް ދިރާސާކޮށް އެ ދެ މެންބަރުންނާ މެދު ވަކި ގޮތެއް ނިންމުމަށް ނުވަތަ ޕާޓީން ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅާނަން.

    17:35

    ޕީޕީއެމްގެ ރައީސަށް ގެއްލުން ލިބޭނޭ އެއްވެސް ކަމެއް، މި ޕާޓީތެރޭން އަދި ޕާލަމެންޓްރީ ގްރޫޕްތެރޭންވެސް ނުކުރާނޭ ކަމުގެ ޔަގީންކަން ޕާޓީގެ އާންމު މެންބަރުންނަށް އަރުވަން. އެފަދަ ވާހަކަތަކެއް ފެތުރުމުން އެކަމާ އުފާކުރާނޭ ބަޔަކު ތިބޭނެ، އެއީ އިދިކޮޅު ފަރާތްތައް. އެކަމަކު އެ ބޭފުޅުން އެ ދެކޭގޮތަށް މި ޕާޓީތެރެ ބައިބައިވެގެނެއް ނުދާނެ.

    17:32

    އިއްޔެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރެވުނީ، މަޖިލީހުގެ ޖަލްސާއެއްގެ އެޖެންޑާއާ ބެހޭގޮތުން، އެއް ގޮތަކަށް ވެސް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެންނާކަަށް ނުވަތަ ޕާޓީގެ ރައީސް މަގާމުން ދުރުކުރާކަށް އެ ޖަލްސާގައި މަޝްވަރާ ކުރެވިފައެއް ނުވޭ. މީޑިއާ ތަކުގައި އެ ވާހަކަތައް ފަތުރާފައިވަނީ ރަނގަޅަކަށް ނޫން.

    17:24

    ޓޫރިޒަމް ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކަކީ، ކުރީން އެ ގާނޫނުގައި ހުރި ލޫޕްހޯލްތައް ބޭނުުންކޮށްގެން އޭގެ ނާޒާއިޒު ފައިދާ ނަގާފައިވާތީ، އެގޮތަށް އެކަންކަން ނުކުރެވޭނޭ ގޮތަށް ފަރުމާކޮށްފައިވާ އިސްލާހުތަކެއް.

    17:16

    ޖުމުލަގޮތެއްގައި ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހު ފަރުމާކުރެވިފައިވާ ގޮތުން، ޓްރާންސްޕޭރަންސީ ހާމަވެ، މިކަމާ ގުޅުންހުރި ފަރާތްތައް ޒިންމާދާރުކުރެވޭނެ ގޮތަށް އޮތް ފުރިހަމަ ބިލެއް މިއީ. އަދި ރަށްތައް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތައް ނުހިންގޭނޭ ގޮތަށް ކަމާ ގުޅޭ ދާއިރާތަކުން ދުރާލައި ފިޔަވަޅު އެޅޭނޭ ގޮތަށް އެކުލަވާލެވިފައިވާ ބިލެއް މިއީ.

    17:14ކެލާ ދާއިރާގެ މެމްބަރު

    ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ އެއްވެސް ވައްކަމެއް ކޮށްގެން ނޫން

    17:13

    އިދިކޮޅު ފަރާތްތަކުން ރައީސް މައުމޫނަށް ހެޔޮއެދިގެން ނުކުންނަވާ ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ތުހުމަތު ކުރައްވައިފި

    17:11

    ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ކުރީގެ ރައީސް ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ފާޑު ވިދާޅުވެއްޖެ

    17:10

    ކައުންސިލްގެ ރުހުމަކާނުލައި ރައީސް މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީސް ސައްޙައެއް ނުވާނެ

    17:09ކެލާ ދާއިރާގެ މެމްބަރު

    ރައީސް މައުމޫނާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ނުކުރަން

    17:08

    ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕާލަމެންޓްރީ ގްރޫޕާ އެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ޕަލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރައީސް މައުމޫނަށް ގޮވާލައްވައިފި

    17:02ޕީޕީއެމްގެ ނައިބު ރައީސް

    މިއަދުގެ ސަރުކާރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާ ވަނީ ގުޅިފައި

    17:01ޕީޕީއެމްގެ ނައިބު ރައީސް

    ޕީޕީއެމް އަށް ގެއްލުންވާނެ އެއްވެސް ކަމެއް ޕާލަމެންޓްރީ ގްރޫޕުން ނުކުރާނެ

    17:00ޕީޕީއެމްގެ ނައިބު ރައީސް

    ފުންނާބު އުސް ނޫސްވެރިއަކާ ބައްދަލުކުރައްވައި އުމަރު ނަސީރު ވިދާޅުވެފައި ވަނީ ތިމަންނާ މިކުރަނީ މައުމޫން އެކްޓިވޭޓް ކުރުމުގެ މަސައްކަތޭ

    16:59ޕީޕީއެމްގެ ނައިބު ރައީސް

    ޕާޓީގެ މުޝްތަޝާރަށް ވެސް އޮންނަންވާނެ އެމަނިކުފާނު ބޭނުންވާ ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު

    16:59

    ޕާޓީ އޮފީހުން ކުރާ ސިޔާސީ މަސައްކަތް ކުރަން ހުރަހެއް ނެތް.

    16:58

    ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަޝްވަރާ މަޖިލީހުގައި ހިމެނުމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެކަމަށް ފާޑުވިދާޅުވެއްޖެ

    16:57

    މައުމޫން އެކުލަވާލި މަޝްވަރާ މަޖިލީހުގައި ހިމެނެނީ އެކި އެކި ސަބަބުތަކާ ހެދި ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ބޭފުޅުން

    16:57

    ޕާޓީގެ މަޝްވަރާ މަޖިލީސް އައްޔަން ކުރެވޭނީ ޕާޓީގެ ކައުންސިލްގެ ލަފާގެ މަތިން. ޕާޓީގެ ކައުންސިލަށް އެ މައްސަލަ ހުށަހެޅި ރުހުން ލިބިފައެއް ނެތް

    16:56

    ޕީޕީއެމް މިވަގުތު މިވަނީ ހުއްޓިފައި. އަޅުގަނޑުމެންގެ ޕާޓީގެ ގުނަންތައް މިވަނީ ހުއްޓުވާލާފައި. ޕާލަމެންޓްރީ ގްރޫޕާ ގުޅޭގޮތުން ޕާޓީގެ ރައީސް ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަފުޅުތަކެއް ނޫން. އަދި އެފަދަ ވާހަކަފުޅުތަކެއް ދެއްކެވީތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަކުރަން.

    16:56

    ފޮތެއްގައި ލިޔެފައި އޮންނަ ބާރެއް އެބޭފުޅަކު ބޭނުންގޮތަކަށް ބޭނުންނުކުރެވޭނެ

    16:55

    އިދިކޮޅު ފަރާތްތަކަށް ޕާޓީ ބަދުނާމުކުރުމަށް ހިތްވަރުލިބޭގޮތަށް މައުމޫން ދެއްކެވި ވާހަކަތައް ކުށްވެރިކުރަން

    16:54

    ރައީސް މައުމޫން ރޭ ދެއްވި ބަޔާން ޕީޕީއެމްގެ ނަމުގައި ނުދެއްވޭނެ

    16:53

    ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންނަނީ އަމިއްލަ ހައިސިއްޔަތުން ބަސް ވިދާޅުވަމުން

    16:52

    މީގެ ކުރީން އެކުލަވާލާފައިވާ ފަޅުރައްތަކާ ބެހޭ ގާނޫނު ރަނގަޅުވެފައި، މިހާރު މި ގެނެވުނު އިސްލާހު ގޯސްވާންޖެހޭ އެއްވެސް ކަމެއްނެތް. މިއީ ގާނޫނުތަކާ ފުށުނާރާގޮތަށް ވަރަށް ރަނގަޅަށް އެކުލަވާލާފައިވާ އިސްލާހެއް. އެހެންކަމުން މިފަދަ ވަރަށް ސާފުކޮށް އޮތް ކަމަކާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، ވާހަކަ ދެއްކުމަތީ ގައުމުގައި ފިތުނަ އުފައްދަން މަސައްކަތްކުރުން. މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާން ޖެހޭ ކަމެއް.

    16:48

    ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހު ގާނޫނު އަސާސީއާ ޚިލާފުވާނެ އެއްވެސް ގޮތެއް ނޯންނާނެ

    16:46

    ޓޫރިޒަމްގެ ބޭނުންތަކަށް ބިޑްކުރުމަކާ ނުލައި، 2005 ވަނަ އަހަރުން ފެށިގެން އަންނަނީ ރައްތައް ދޫކުރަމުން. އޭގެ ތެރޭގައި އެމްޓީޑީސީ އުފައްދައި އެ ކުންފުންޏަށް ދޫކުރި ރައްތަކާއި، އަދި 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމްދާއިރާ ތަރައްގީކުރުމަށް ވަނީ ބިޑްކުރުމަކާ ނުލައި ރަށްތައް ދޫކޮށްފައި.

    16:46

    މި ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މުހިންމު މަފްހޫމްތަކަށް ރިއާޔަތްކޮށް މެމްބަރުން ފާސްކޮށްފައިވާ ހިންގާ ގަވާއިދުގެ ދަށުން. ފާއިތުވި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ޕީޕީއެމް ސަރުކާރަށް މަޖިލީހުން އެއްވެސް ގޮންޖެހުމެއް ކުރިމަތނުވެ އޮމާންކަމާއެކު ލިބިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތައް އަލަށް ފެށި ހެޔޮ ބަދަލުތައް ބަލާލި ކޮންމެ ދިމާލަކުން ވެސް އަންނަނީ ފެންނަމުން

    16:43

    ބިޑު ކުރުމަކާ ނުލައި 2005 ވަނަ އަހަރުން ފެށިގެން ރަށްތައް ދޫކުރަމުން އައިސްފައިވޭ

    16:42

    ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަކީ ފެށިގަތީއްސުރެ ޕާޓީއާއި ޚާއްސަކޮށް ޕާޓީން ކާމިޔާބުކޮށްފައިވާ ރިޔާސީ ވެރިކަމުގެ ބާރު ދިފާއުކޮށް ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ސަރުކާރަށް ކޮންމެހެން ބޭނުންވާ ގާނޫނީ އިސްލާހުތަކާއި ގާނޫނުތައް ވުޖޫދުކޮށް ބޭނުންތެރި އެތައް މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން މަތިކުރެވިފައިވާ އެއްގުނަވަނެއް

    16:42

    މިފަދަ ގާނޫނެއް ނެތި، އެއާޕޯޓް ތަރައްގީކުރުމާއި، އަދި މިނޫންވެސް ބޮޑެތި މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތައް ދެއްކުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ. މިއީ ކުރިން ނުކޮށްއޮތް އާކަމެއްނޫން. މިކަމުގައި އިދިކޮޅުފަރާތްތަކުން ޕާޓީއަށް ހުރަސްތައް ކުރިމަތި ކުރާފަދައިން ޕީޕީއެމްގެ ތެރޭން އެފަދަ ފިއްތުންތަކެއް ކުރިމަތި ކުރުވުމަކީ އެދެވިގެންވާ ކަމެއް ނޫން. މިކަމުގައި ޕާޓީގެ ކައުންސިލް ޒިންމާދާރުވާން ޖެހޭނެ.

    16:41

    އެންމެ މެމްބަރެއް ފިޔަވައި އެހެން މެމްބަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި

    16:40

    މިހާރު ތައްޔާރުކުރެވިފައިވާ ބިލަކީ، އޭސީސީއާއި ފުލުހުންނާއި އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުންވެސް ކުރިއަށް ގެންދާ ކަންތައްތަކާ ގުޅިގެން މަޝްވަރާކުރެވި، ޓޫރިޒަމް ދާއިރާ އެންމެ ފުރިހަމަގޮތުގައި ހަރުދަނާ ކުރެވޭނޭ ގޮތުގައި އެކުލަވާލެވިފައިވާ ބިލެއް.

    16:37

    މިހާރު މަޖިލީހުން ފާސްކޮށްފައިވާ، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް، މިހާރު ފަށާފައިވާ އިގްތިޞާދީ ބިޔަ މަޝްރޫއުތައް ކާމިޔާބުކުރުމަށް ވަރަށް މުހިއްމު ބިލެއް. މިއީ ވޭތުވެ ދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ތައްޔާރުކުރެވިފައިވާ ބިލެއް.

    16:32

    ޕީޕީއެމްގެ ރައީސް ތުހުމަތުކުރެއްވި ފަދައިން، ޕާޓީގެ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަނީ އަޅުގަނޑުމެންނަށް ފެންނަހާ ގޮތަކަށް ނޫން، އެކަމަކު ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް.

    16:30

    ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވާ ކަމަށް ރައީސް މައުމޫން ވިދާޅުވިޔަސް އެއީ އިތުރުފުޅެއް

    16:26

    ޕާލަމެންޓްރީ ގްރޫޕުން ނުސީދާކޮށް ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއްދީފި

    16:24

    ޕާލަމެންޓްރީ ގްރޫޕު ހިނގަމުންދަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ މުހިންމު މަފްހޫމްތަކަށް ރިއާޔަތްކޮށްގެން

    16:23

    ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނޫސް ބަޔާނެއް އިއްވަން ނިންމައިފި

    16:21

    ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވެސް ނިއުސް ކޮންފަރެންގައި ބައިވެރިވެވަޑައިގަންނަވާ

    16:16

    ޕާލަމެންޓްރީ ގްރޫޕްގެ ނިއުސް ކޮންފަރެންސްގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ބައިވެރިވެވަޑައެއް ނުގަންނަވާ

    16:13

    ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބާއްވާ ނިއުސް ކޮންފަރެންސް އޮންނާނީ މުލީއާގޭގައި. މި ނިއުސް ކޮންފަރެންސްގައި ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވާ

    16:08

    މި ނިއުސް ކޮންފަރެންސްގެ ފުރިހަމަ ލައިވް ކަވަރޭޖް ސަން އޮންލައިނުން ގެނެސްދޭނެ

    16:07

    ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ބާއްވާ ނިއުސް ކޮންފަރެންސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެށޭނެ