02 Jul 2016, 10:44
ޕޯޗްގީޒް ސުޕަރސްޓަރ ކްރިސްޓިއާނޯ ރޮނާޑޯގެ ފުޓްބޯޅައިގެ ކާމިޔާބީގެ ލިސްޓަކީ ހަމަ ގައިމުވެސް ކުރު ލިސްޓަކަަށް ނުވާނެއެވެ. ފީފާ ބެލަންޑޯ އެވޯޑް ތިން ފަހަރު ހޯދާފައިވާ އަދި މިހާރުވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެތަކެއް އެވޯޑްތަކެއް ހާސިލްކޮށް، އެތަކެއް ރެކޯޑްތަކެއް މުގުރާލައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.
އުމުރުން 16 އަހަރުގައި، ޕޯޗްގީޒްގެ ކްލަބް ސްޕޯޓިންގައި ފުޓްބޯޅަ ކެރިއަރު ފެށި މިހާރު 31 އަހަރުގެ ރޮނާލްޑޯ ވަނީ، އިނގިރޭސި ފުޓްބޯޅަ ޖަޔަންޓް މެންޗެސްޓަރ ޔުނައިޓެޑާ އޭނާ މިހާރު ކުޅެމުން އަންނަ ސްޕެއިންގެ ރެއާލް މެޑްރިޑްގެ އިތުރުން ގައުމީޓީމަށް ކުޅުނު މެޗުތަކުގައި 500އަށް ވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑާއެކު އެފްއޭކަޕް ޓްރޮފީއަކާއި، ޕްރިމިއަރ ލީގު ތިންފަހަރު، އަދި ޗެމްޕިއަންސް ލީގު ޓްރޮފީއަކާއި ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ހޯދިއެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު، އެ ކްލަބާއެކު ވެސް ރޮނާލްޑޯ ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ.

ސްޕެނިޝް ލީގު އެއްފަހަރު، ކޮޕަ ޑެލްރޭ ދެފަހަރު، ޗެމްޕިއަންސް ލީގު ދެފަހަރު، އަދި ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރިއެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްވެސް އޮތީ އޭނާއަށެވެ. 2013-14 ވަނަ ސީޒަންގައި ރޮނާލްޑޯ ވަނީ 17 ލަނޑު ޖަހައި ރެކޯޑް ހަދައިފައެވެ. ޖެހިޖެހިގެން ހަ ސީޒަނެއްގައި 50 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކުރި ހަމަ އެކަނި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯއެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ ރެކޯޑްވެސް އޮތީ ރޮނާލްޑޯއަށެވެ. އަދި އޭނާ ކުޅެމުން އަންނަ ރެއާލް މެޑްރިޑަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް ރޮނާލްޑޯއަށެވެ. އަދި މިނޫނަސް ބައިވަރު ރެކޯޑް ތަކެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ދައްތަ ކޭޓިއާ އެވެއިރޯ (ކ) -- ފޮޓޯ: ޑެއިލީމެއިލް
ހުރިހާ ކާމިޔާބީ ތަކަކާއެކު ވެސް ރޮނާލްޑޯއަށް އެއްކަމެއް ހާސިލް ނުކުރެވި އެބަ އޮތެވެ. އެއީ އޭނާގެ ފުޓްބޯޅަ ކެެރިއަރުގައި އޭނާ އެންމެ ބޭނުންވާ ކާމިޔާބީވެސް މެއެވެ.
"އަހަރެންގެ ހުވަފެން މިހާރު މިވަނީ ހަގީގަތަކަށްވުމާ ކައިރިވެފައި، ކޮންމެ ކަމެއް ހަމަ ކޮންމެ ވަގުތަކުވެސް ވެދާނެ. އަހަރެންގެ ހަޔާތުގައި ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް، މިހާރު ކުޅުން ހުއްޓައިލާން ޖެހުނަށް އަހަރެން ދާނީ ހިތްހަމަޖެހިގެން،" މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްސްގައި ޕެނަލްޓީ ޖަހައިގެން ޕޮލެންޓްޑް އަތުން މޮޅުވި މެޗަށްފަހު ރޮނާލްޑޯ ބުންޏެވެ.
"އެކަމަކު އަހަރެން އަބަދުވެސް ބުނާ، އަދި ފޮރުވަން ބޭނުން ނުވާ ކަމެއް އޮވޭ. އެއީ އަހަރެން ބޭނުން ޕޯޗްގަލް ގައުމީ ޓީމާއެކު މުބާރާތެއް ކާމިޔާބުކުރަން. މިހާރު މިދަނީ ރަނގަޅު މިސްރާބަށް."
ރޮނާލްޑޯގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ކުރަމުންދާ ދިގު އިންތިޒާރުގައި ދެން ގިރާކުރާން ޖެހޭ ހަރުފަތަކީ، ސެމީ ފައިނަލްގައި ގެރެތު ބޭލްސްގެ ވޭލްސް އަތުން މޮޅުވެ މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދުމެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްސްގައި ޕެނަލްޓީ ޖަހައިގެން ޕޮލެންޓްޑް އަތުން މޮޅުވި މެޗުގެ ތެރޭން -- ފޮޓޯ: ސްކައި ސްޕޯޓްސް
ޕޯޗްގީޒް ގައުމީ ޓީމާއެކު މުބާރާތެއް ކާމިޔާބުކުރުމަށް ރޮނާލްޑޯއަށް ލިބޭނޭ އެންމެ ރަނގަޅު ފުރުސަތަކަށް ހަމަ ގައިމުވެސް މިފަހަރުގެ ޔޫރޯ ވާނެއެވެ. އަދި މިއީ އޭނާގެ އެންމެ ފަހު ޔޫރޯއަށް ވެގެންދާނޭއިރު، މި މުބާރާތް ކާމިޔާބު ކުރެވޭފަދަ ރަނގަޅު ކުޅުންތެރީންތަކެއް ވެސް ޓީމުގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި އަރަމުން އަންނަ ޒުވާން ތަރި ރެނާޓޯ ސަންޗޭޒް ފަދަ ކުޅުންތެރީން ހިމެނެއެވެ. އަދި ނާނީ އާއި ރިކާޑޯ ކަރެސްމާ ފަދަ ތަޖްރިބާކާރު އެތައް ކުޅުންތެރީންނެއްވެސް ފާހަގަކޮށްލެވެއެވެ.
ރެނާޓޯ ސަންޗޭޒް އޭނާ ގައުމީ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ލަނޑު ޓީމުކުޅުންތެރީނާއެކު ފާހަގަކުރަނީ -- ފޮޓޯ: ސްކައި ސްޕޯޓްސް
ފުޓްބޯޅައިގައި ރޮނާލްޑޯއާ އެންމެ ވާދަވެރި ކުޅުންތެރިއަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއެވެ. މެސީއަށް ވެސް ނުލިބި ހުރި ކާމިޔާބުތަކުގެ އެންމެ ކުރީގައި އޮތީ ގައުމީ ޓީމާއެކު ކާމިޔާބެއް ނުހޯދުމެވެ. އާޖެންޓީނާ ނިސްބަތްވާ އެމެރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތް، ކޮޕަ އެމެރިކާގެ ފައިނަލްގައި ޗިލީއަތުން އާޖެންޓީނާ ބަލިވުމުން އެކަމުގެ ހިތްދަތި ކަމުގައި ކެތްނުކުރެވިގެން މެސީ ވަނީ ގައުމީ ޓީމަށް ދެން ނުކުޅޭނޭކަން އިއުލާނުކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރީން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) އަދި ލިއޮނަލް މެސީ (ކ) ---
މިފަހަރުގެ ޔޫރޯ ޕޯޗްގަލްއަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ، ދެން ރޮނާލްޑޯއަށް އެފަދަ ފުރުސަތެއް އެންމެ އަވަހަށް ލިބޭނީ ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައެވެ. އެހެން ނަމަވެސް، ޔޫރޯގައި ނާކާމިޔާބު ވެއްޖެ ނަމަ މެސީ ފަދައިން ރޮނާލްޑޯވެސް ގައުމީ ޓީމަށް ކުޅުން ހުއްޓައި ނުލާނެބާވައެވެ؟