ޚަލީލު ސިޓީ (ޖުލައި 1) : އިސްރާއީލުން ފަލަސްތީނުގެ ދެމީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ. މިދެމީހުންގެ ތެރެއިން އެކަކީ ފިރިހެނެކެވެ. އަނެކަކީ އަންހެނެކެވެ.

މިދެމީހުންގެ ގަޔަށްވެސް އިސްރާއީލު ސިފައިން ބަޑިޖެހީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ހަރުކަށި ޔަހޫދީންނަށް ވަޅިން ޙަމަލާދިނުމުގެ ތުހުމަތުގައެވެ. ވަކިވަކިން ހިނގި މިދެޙާދިސާގެ ތެރެއިން ފުރަތަމަ ޙާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ ޚަލީލު ސަހަރުގެ ކައިރީގައިވާ ޔަހޫދީ އަވަށެއްގައެވެ.

އެއަވަށަކީ އިސްރާއީލު ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޣައިރު ގާނޫނީގޮތުން އިސްރާއީލު ބިނާކޮށްފައިވާ އަވަށެކެވެ. އެއަވަށުގައި ދިރިއުޅެނީ އެމެރިކާއާއި ޔޫރަޕުން އިސްރާއީލަށް ހިޖްކޮށްގެން އުޅޭ ހަރުކަށި ޔަހޫދީންނެވެ. އެއަވަށުގައި އިސްރާއީލުން ބަޑިޖަހައި ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާނާއަކީ އެއަވަށުގެ ގެއަކަށްވަދެ އެމެރިކާގެ ޔަހޫދީ އާއިލާއަކަށް ވަޅިން ހަމަލާދިން މީހެއްކަމަށާ އެޙަމަލާގައި އެޔަހޫދީ އާއިލާގެ އަންހެންކުއްޖަކު މަރުވި ކަމަށް އިސްރާއީލުގެ ސިފައިން ބުނެއެވެ.

ދެވަނަ ޙާދިސާގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލީ ފަލަސްތީނުގެ ޒުވާން އަންހެނެކެވެ. އޭނާގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލީ ޚަލީލު ސިޓީގެ ދެކުނުގައިވާ އަވަށެއްގައެވެ. ފަލަސްތީނުގެ މިއަންހެންމީހާގެ ގަޔަށް ޔަހޫދީ ސިފައިން ބަޑިޖެހީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އިސްރާއީލުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންގެ މީހަކަށް ވަޅިން ހަމަލާދޭން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށްފައެވެ. ޚަބަރުތައް ބުނާގޮތުން އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ މިއަންހެންމީހާގެ ބޮލަށެވެ.

ބަޑިޖެހުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ އަންހެންމީހާ ވަނީ ޝަހީދުވެފައެވެ. އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ޒުވާނުން ހިންގަމުން ގެންދާ މިނިވަންކަމުގެ ހަރަކާތްތަކުގައި ފާއިތުވި އަށެއްކަ މަސްތެރޭގައި އިސްރާއީލުން ފަލަސްތީނުގެ 200 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައިވާއިރު މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުންނެވެ. އަދި އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ދިން ހަމަލާތަކުގައި އިސްރާއީލުގެ 33 މީހުން މަރުވެފައިވެއެވެ. (އަލްޖަޒީރާ)