20 May 2011, 18:49
އިސްތަފާ އިބުރާހިމް މަނިކުގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓް އިތުރުކޮށްދީފި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި 15 ދުވަހު އިސްތަފާ ބަންދުކޮށްފައި ބަހައްޓަން މުއްދަތު ޖަހައިދިނީ ކޮން ކޯޓަކުން ކަމެއް ވެސް ފުލުހުން ނުބުންޏެވެ. ނަމަވެސް ސަންއަށް އެނގިފައިވާ ގޮތުގައި އިބްރާހިމް މަނިކުގެ ބަންދުގެ މުއްދަތު ޖަހައިދިނީ މާފުށީ ކޯޓުންނެވެ. އަދި އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ވެސް މާފުށީ ކޯޓުގައި ކަމަށް ވެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ގައިދީންތަކެއްގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުން ރޭ ފެށި ހާއްސަ އޮޕަރޭޝަނެއްގައި ކުރީ ޑިފެންސް މިނިސްޓްރީގައި އިސްކޮށް މަސައްކަތް ކުރެއްވެވި އިސްތަފާ އިބްރާހިމް މަނިކު ފުލުސް އޮފީހަށް ހާޒިރު ކުރީ ވެސް ރޭގަ އެވެ.
ސަރުކާރުގައި 44 އަހަރުވަންދެން ޑިފެންސް މިނިސްޓްރީގެ އެގެޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވެވި އިސްތަފާއަކީ ކުރިން ޖަލުތަކުގައި ގައިދީން ބެލެހެއްޓުމުގެ އިސް ދައުރެއް އަދާކުރެއްވެވި ބޭފުޅެކެވެ.
ޖަލުގައި އަނިޔާކުރުމަކީ ޖިނާއީ ކުށެއް ކަމަށްވާތީ އެކަން ކުރި އެންމެން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށް ރޭ އެމްއެންބީސީ ވަންގެ ހަބަރުގައި އިންސްޕެކްޓަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރު ކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން ބަޔަކު ފުލުސް އޮފީހަށް ހާޒިރު ކުރާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
"..އަޅުގަނޑުމެންނަށް އެންމެ މުހިންމުކޮށް މައުލޫމާތު ސާފުކުރުމަށްޓަކައި، ތަހުގީގު ހިންގުމަށްޓަކައި ބޭނުންވާ ފަރާތްތައް ހާޒިރުކޮށްގެން ތަހުގީގު ފެށޭނެ،" ނަވާޒް ވިދާޅުވި އެވެ.
ރޭ ހާއްސަ އޮޕަރޭޝަން ފެށުމުގެ އަމުރު ފުލުުހުންނަށް ގޮސްފައިވަނީ ރައީސް އޮފީސް ތެރެއިންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނުގެ ފަރާތުން ސެކިއުރިޓީ އެޑްވައިޒާ އަމީން ފައިސަލް ރޭ އެމްއެންބީސީގެ ހަބަރުގައި ދެއްވި ބަޔާނުން އެކަން ކަށަވަރުވެ އެވެ.
އަމީން ފައިސަލް ވިދާޅުވީ، މައުމޫން ސަރުކާރުގެ ދުވަސްވަރު ފުޅާ ދާއިރާއެއްގައި ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ބެލިބެލުމުން އެނގޭ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށާއި އެކަމުގައި ހާޒިރުކުރަން ޖެހޭ ކޮންމެ ފަރާތެއް ވެސް ހާޒިރުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންނަށް ކޮށްފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކެއް މިދިޔަ ހޯމަ ދުވަހު ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން އިސްތަފާ ހައްޔަރުކޮށް ސުވާލުކޮށްފައިވާއިރު، ކުރީގެ ސަރުކާރުން ގައިދީންތަކެއް ޖަލުގައި މަރާފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިކޮށް، ކުރީގެ ސަރުކާރުގައި ވީނުވީގޮތެއް ނޭނގި 100 އެއްހާ މީހުން ގެއްލިފައިވާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގުތައް ހިންގާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.