އަހަރެންނަކީ ނަޞާރާ އާއިލާއަކަށް އުފަންވި މީހެކެވެ. ނުކުޅެދޭ މީހެއް ކަމުން އަބަދު އިންނަށް ޖެހެނީ ގޮނޑީގަ އެވެ. އަހަރެންގެ ހާލަތުގެ ސަބަބުން، ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރުމަށް ނަޞާރާއިންގެ ފައްޅިއަށް އަހަރެން ގެންދެ އެވެ. ނަމަވެސް އެއީ އަހަރެން ނިސްބަތްވާ ތަން ނޫން ކަމުގެ އިހުސާސް އަބަދުވެސް ކުރެވެ އެވެ.

ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެންޏެއް ކޮށް، އަހަންނަށް ހަތަރު ކުދިން ލިބުނެވެ. ނަމަވެސް އެއަށްފަހު އަހަންނަށް ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. ފިރިމީހާ އަހަރެން ވަރި ކުރީ އެވެ. އަހަންނަކީ ބަލި މީހެއް ކަމުން، ކުދިން ބެލުމުގެ ކުޅަދާނަ ކަމެއް އަހަރެންގެ ކިބައިގައި ނެތެވެ. އެހެންކަމުން ހަގަށް ތިބި ދެ ކުދިން ގެންދިޔައީ ފިރިމީހާ އެވެ. ދޮށީ ދެކުދިން އަމިއްލަ ދިރިއުޅުމެއް ފަށަން، ގެއިން ނުކުމެގެން ދިޔައީ އެވެ.

ނިކަމެތި ހާލުގައި، އެހީވާނެ ފިރިއެއް ދަރިއެއް ނެތި އަހަރެން އެކަނިވީ އެވެ. އެންމެ ފަހުން އަހަރެންގެ އެކަނިވެރިކަމާ މާޔޫސްކަން ފިލުވައިދޭނެ ބައިވެރިއަކަށްވީ އޮންލައިން ވެބްސައިޓެކެވެ. އެ ވެބްސައިޓު މެދުވެރިކޮށް އަހަންނަށް މުސްލިމަކާ ދިމާވި އެވެ.

އަހަންނަށް އިސްލާމްދީން ތައާރަފުކޮށްދިނީ އޭނާ އެވެ. އެކަމަކު އިސްލާމްދީނަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ސަބަބުންނެއް ނޫނެވެ. ކީރިތި ގުރުއާނުގައިވާ ވާހަކަތަކުގެ ސަބަބުންނެވެ.

އޭނާ އާ ދިމާވިތާ ދެތިން ހަފްތާ ތެރޭގައި، ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވިއްޖެ އެވެ. އަދި އިސްލާމްދީނަށްޓަކައި އަހަރެންގެ ހިތުގައި ހާއްސަ ލޯތްބެއް އުފެދުނެވެ.

އަހަންނަކީ ނުހިނގޭ މީހެއް ކަމުން، އިސްލާމްދީނާ ގުޅޭ ފޮތްތައް ގެނެސްދެނީ އޭނާ އެވެ. އަދި ގުރުއާން ސީޑީ އެއްވެސް ގެނެސްދިނެވެ. މިހާރުވެސް އަހަރެން ކޮންމެ ދުވަހަކު ގުރުއާން އަޑުއަހައިގެން އަޑުދަށުން ކިޔަވަމެވެ.

އިސްލާމްދީނުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަ ހަގީގީ ލޯތްބަކީ ކޮބައިކަމާ، އެ ލޯބީގެ މަތިވެރިކަން ވިސްނުނެވެ. ގުރުއާނުގައި އެ ގުޅުމުގެ މާތްކަމުގެ ވާހަކަ ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވެ އެވެ.

އަނބިންގެ މާތް ކަމާއި، އެކަކު އަނެކަކަށް ކުރަން ޖެހޭ އިހުތިރާމުގެ ވާހަކަ ބަޔާންކޮށްދީފައި ވާގޮތުގެ ސަބަބުން، އަހަރެންގެ ލޮލުން ކަރުނަ އައެވެ. އަހަރެން އިސްލާމްދީން ގަބޫލު ކުރި އެންމެ މުހިންމު ސަބަބަކީ އެއީ އެވެ.

ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި އަހަރެން އިސްލާމް ދީން ގަބޫލު ކުރީމެވެ. އެއަށްވުރެ އުފާވެރި ދުވަހެއް އަހަރެންގެ ހަޔާތުގައިވެސް ނާދެ އެވެ. އިސްލާމް ވުމަށްފަހު ދެ މީހުން ކައިވެނި ކުރީމެވެ. އޭނާ އަކީ އުމުރުގެ ގޮތުން އަހަންނަށް ވުރެ ހަގު މީހެކެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ.

މިހާރު އަހަރެންގެ ހަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައި، އެހީއާއި ވާގިވެރިކަމަށް އެދެނީ ﷲގެ ކިބައިންނެވެ. ކިތަންމެ ދަތި އުނދަގޫ ކަމެއް ދިމާވި ނަމަވެސް އަހަރެން ކެތް ކުރަމެވެ. ކެތް ކުރުމުގެ ކުޅަދާނަކަން މިންވަރުކޮށްދެއްވީ ﷲ އެވެ.

އިސްލާމްދީނުގެ ހުރިހާ ކަމެއް އަދި އަހަންނަކަށް ނޭނގެ އެވެ. ނަމަވެސް އަހަރެން ދަސްކުރާނަމެވެ. އިސްލާމްދީނަކީ ސައްހަ ދީނެވެ. ފުރިހަމަ ދީނެވެ. އިންސާނުންގެ ހަޔާތް ހެޔޮގޮތުގައި ވޭތު ކުރުމަށް އޮތް "ގައިޑެކެވެ."

އިސްލާމްވެ ބުރުގާ އެޅުމުގެ ސަބަބުން އެތައް ބައެއްގެ ނުރުހުމާއި ފާޑު ކިޔުން އަހަންނަށް އަމާޒުވެ އެވެ. އެއްވެސް ފަރުވާލެއް ނެތެވެ. އަހަރެން މި ހުރީ ހައްގުގެ މަގުގައި ސާބިތުވެ އެވެ. މުސްލިމަކަށް ވެވުނީތީ އަހަރެން ފަހުރުވެރިވަމެވެ.