ޕެނަލްޓީގައި ޕޮލެންޑްގެ މައްޗަށް ކުރި ހޯދައި، ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޕޯޗުގަލް އިން ހޯދައިފި އެވެ.

ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ސެމީގެ ޖާގައެއް ޕޯޗުގަލް އިން ހޯދީ ކުއާޓާ ފައިނަލުގައި ޕޮލެންޑްގެ މައްޗަށް ޕެނަލްޓީގައި 5-3 އިން ކުރި ހޯދައިގެންނެވެ. ޕެނަލްޓީއަށް ގޮސްފައި ވަނީ އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު ވެސް 1-1 ލަނޑުން ދެ ޓީމު އެއްވަރުވެ، ނަތީޖާއެއް ނުނެރެވުމުންނެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް އާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީ އަށް ޕޯޗުގަލް ދަތުރުކުރީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ޕޮލެންޑް އަތުން މޮޅުވެގެން --- ފޮޓޯ: އޭޕީ

މެޗު ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ޕޮލެންޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ކަމިލް ގްރޮސިސްކީ ދިން ބޯޅައަކުން ޕޮލެންޑަށް ލީޑު ހޯދައިދިނީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އެވެ.

ޕޯޗުގަލް އިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރީ މެޗުގެ 33 ވަނަ މިނެޓުގައެވެ. ޕޮލެންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނާނި ދިން ބޯޅައަކުން ޕޯޗުގަލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ރެނަޓޯ ސަންޗޭޒް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕޮލެންޑުގެ ލެވަންޑޯސްކީ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނާނި ދިން ބޯޅައަކުން ޕޮލެންޑްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ރޮނާލްޑޯ އުފެއްދި ހަމަލާ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ލެވަންޑޯސްކީގެ ހަމަލާއެއް ފެނިގެންދިޔަ އެވެ. ލޫކަސް ޕިޒްޗެކް ނަގައިދިން ހުރަހަކުން ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ލެވަންޑޯސްކީ ބޮލުން އުފެއްދި ހަމަލާ އެއްވެސް އުނދަގޫކަމެއް ނެތި ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ ހޯދައިފަ އެވެ،

ޔޫރޯގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް އާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީ އަށް ޕޯޗުގަލް ދަތުރުކުރީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ޕޮލެންޑް އަތުން މޮޅުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ 68 ވަނަ މިނެޓުގައި ވެސް ޕޮލެންޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އާޓާ ޖެޑްރޭޗިކް ދިން ބޯޅައަކުން ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އާކާޑިއަސް މިލިކް އުފެއްދި ހަމަލާ ކީޕަރު ޕެޓްރީސިއޯ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕޮލެންޑްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ރޮނާލްޑޯ އުފެއްދި ހަމަލާ، ޖެޑްރޭޗިކް ގައިގައި ޖެހިފައި ވަނީ ބްލޮކްވެފަ އެވެ. ޖޮއާއޯ މުޓީނިއޯ ދިން ރީތި ބޯޅައަކުން ވެސް ރޮނާލްޑޯ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާ އަށް އެ ބޯޅައިގައި ލައްވާލެވިފައެއް ނުވެ އެވެ. މެޗުގެ ދެވަނަ ހާފު ނިމުނު އިރު 1-1 ލަނޑުން ދެ ޓީމުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ޖެހުނެވެ.

އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިނުވާ އިރު، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ފޮނުވާލަނީ: ސެމީ އަށް ޕޯޗުގަލް ދަތުރުކުރީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ޕޮލެންޑް އަތުން މޮޅުވެގެން --- ފޮޓޯ: އޭޕީ

ޕެނަލްޓީގައި ޕޯޗުގަލްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އިރު، އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ރޮނާލްޑޯ އާއި، ރެނަޓޯ ސަންޗޭޒް އާއި، މުޓީނިއޯ އާއި، ނާނި އަދި ރިކާޑޯ ކަރޭސްމާ އެވެ ޕޮލެންޑްގެ ލެވަންޑޯސްކީ އާއި، މިލިކް އާއި، ކަމީލް ގްލިކް ޕެނަލްޓީތައް ކާމިޔާބުކުރި އިރު، ޖޭކަބް ބްލާސްޖެކޯވްސްކީ ފޮނުވާލި ޕެނަލްޓީ ޕޯޗުގަލްގެ ކީޕަރު ޕެޓްރީސިއޯ ވަނީ މަތަކޮށްފަ އެވެ.

ސެމީގައި ޕޯޗުގަލް ނުކުންނަން ޖެހޭނީ ކުއާޓާ ފައިނަލުގައި މާދަމާ ރޭ 12:00ގައި ވޭލްސް އާއި ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.