01 Jul 2016, 11:42
ސްކޫލަށް ދިއުމަށްޓަކައި އުސް ފަރުބަދައަކަށް އަރާ ކުދިންތަކެއްގެ ވާހަކަ ވާނީ އަޑުއިވިފަ އެވެ. މިފަހަރު މިއީ ކިޔަވާ ކުދިންގެ ވާހަކައެއް ނޫނެވެ. ކިޔަވާ ކުދިންނާއި ސްކޫލެއްގެ ހައްގުގައި ޓީޗަރަކު ވަމުން ގެންދާ ގުރުބާނީއެއްގެ ވާހަކަ އެވެ.
ސުރޭޝް ބީ ޗަލާގެރީ އަކީ އިންޑިއާގެ ބައިރާޕުރާގެ ޕްރައިމަރީ ސްކޫލެއްގެ ތީޗަރެކެވެ. ސަރުކާރުން ހިންގާ އެ ސްކޫލަށް ދިއުމަށްޓަކައި އުސް ފަރުބަދައެއް ހުރަސްކޮށް، ކޮންމެ ދުވަހަކު ފައިމަގުގައި އަށް ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކުރާތާ މިހާރު ހަތް އަހަރާއި ނުވަ ވަސް ދުވަސް ވެއްޖެ އެވެ.
ބައިރަޕޫރާ އަވަށުގެ ފަރުބަދައެއްގެ މަތީގައި ހުންނަ އެ ސްކޫލަށް ސުރޭޝް ބަދަލުކުރި ިއިރު، ސްކޫލު ހުރީ ބަންދު ކުރާ ހިސާބަށް ގޮސްފަ އެވެ. ފަރުބަދަ މަތީގައި ބޮޑު ފައްޅިއެއް ހުންނާތީ، ފަރުބަދަ މަތީގައި ވަރަށް ގިނަ އާއިލާތައް ދިރިއުޅެ އެވެ. އެ ސްކޫލަށް ދަނީވެސް އެސަރަހައްދުގައި ދިރިއުޅޭ ކުދިންނެވެ. އެ ސްކޫލުގައި 60 އެއްހާ ކުދިން އަންނަނީ ތައުލީމު ހާސިލު ކުރަމުންނެވެ.
"ފުރަތަމަ ބަދަލު ކުރި އިރު ނޭނގެ ސްކޫލު ހުންނަނީ ކޮންތާކު ކަމެއް. ހަމައެކަނި އެނގެނީ ފައްޅިއެއް ކައިރީގައި ކަން ހުންނަނީ. ފުރަތަމަ ދުވަހު ބަހުން ފައިބައިގެން ސްކޫލު ހުރިތަނާ ބެހޭ ގޮތުން ބައެއް މީހުން ކައިރީ ސުވާލު ކޮށްލީމަ އެނގުނީ ފަރުބަދަ މަތީގައިކަން ހުންނަނީ،" ސުރޭޝް ބުންޏެވެ.
ސްކޫލަށް ދިއުމަށް އެ ދުވަހު ފެށި ދަތުރު އަދިވެސް ކުރިއަށް ދަނީ އެވެ. ކޮންމެ ދުވަހަކު އެ ފަރުބަދަ އަށް އަރައި ފައިބަ އެވެ. ބައެއް ދުވަސް ދުވަހު ކުދިންގެ އިންޓަވަލް އާއި ފޮތްތައް ހިފައިގެންނެވެ.
ފައި މަގުގައި އުޅޭތާ އަށް ވަރަކަށް އަހަރު ވެފައި ވަނިކޮށް، ސުރޭޝް އަށް ސައިކަލެއް ދީފައި ވަނީ ދާދި މިދާކަށް ދުވަހު އެވެ. 60 ކުދިން ތައުލީމު ހާސިލު ކުރާ އެ ސްކޫލުގައި ކިޔަވައިދެނީ ތިން ޓީޗަރުންނެވެ.
ސުރޭޝް އަކީ ޓީޗަރެއްގެ އިތުރުން، އެ ސްކޫލުގެ ހެޑްމާސްޓަރު، ފޮޅާ ސާކުކުރާ މީހާ އަދި ޕްލަމްބަރު ވެސްމެ އެވެ. އެ ސްކޫލު މިއަދުވެސް ކުރިއަށް ދަނީ ސުރޭޝްގެ މަސައްކަތުންނެވެ.
"ކުދިންގެ އަދަދު މަދު ނުވެ ސްކޫލު ކުރިއަށް ގެންދިއުން އެއީ އަހަރެންގެ ޒިންމާއެއް،" ސުރޭޝް ބުންޏެވެ.