އެމްޑީޕީންގެ މިރޭ ބާއްވާ "ވައުދުތައް މެކުހަށް" ޖަލްސާގައި ބައިވެރިވުމަށް އއ. ތޮއްޑޫ ދާއިރާއިން މީހުން މިއަދު ހަވީރު މާލެ އަތުވެއްޖެ އެވެ.

އެމްޑީޕީގެ ދިދަފަތިތަކުން ޒީނަތްތެރިކޮށްފައިވާ ފެރީއެއްގައި މިއަދު ހަވީރު ތޮއްޑޫ ދާއިރާއިން 100 އެއްހާ މީހުން މާލެ އައުމާއެކު، ރަސްމީ ފާލަމުން އެ މީހުންނަށް މަރުހަބާކީ މާލޭގެ މޭޔަރު ސަރަނގު އާދަމް މަނިކާއި މާލޭ ސިޓީގެ ކައުންސިލް މެންބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނެވެ. އަދި އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް ރަސްމީ ފާލަން ސަރަހައްދަށް އެއްވެ ތޮއްޑޫ ދާއިރާގެ މީހުންނަށް ހިތްވަރުދީ އަޑު އުފުލާފައިވެ އެވެ.
http://www.youtube.com/watch?v=lO8XwdbZsfk&feature=feedwll&list=WL

"ދޯނީގައި 100 އެންހާމީން މިއައީ. މިރޭ އަހަރުމެން ]އެމްޑީޕީގެ[ގެ ޖަލްސާގައި އަލީ ވަހީދު ގުޅޭނެ. އެހެންވެގެން އޭނައަށް ހިއްވަރުދޭންވެގެން މިއައީ،" ތޮއްޑޫ އިން މާލެ އައި އަންހެނަކު ބުންޏެވެ.

އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗްގައި ޕާޓީގެ ހާއްސަ ޖަލްސާއެއް ބާއްވަނީ "ވައުދުތައް މެކުހަށް" މި ނަމުގަ އެވެ. މިރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ އިސް ބޭފުޅުންތަކެއް އެމްޑީޕީއަށް ސޮއި ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

މިރޭގެ އެޕާޓީއާ ގުޅިވަޑައިގަންނަވާ ބޭފުޅުން، ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރު ދެ ބައިވުމާ ގުޅިގެން، ވެރިކަން ކުރާ އެމްޑިޕީގެ މެނިފެސްޓޯގައިވާ "ވައުދުތައް މެކުހަށް" ޖެހުމަށް ލިބުނު ބާރުތަކާއި، ކުރަންހުރި މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ތޮއްޑޫން ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައިވާއިރު ރައްޔިތުންގެ މަޖިލީޙުގެ ތޮއްޑޫ ދާއިރާގެ މެންބަރު، އަދި ޑީއާރްޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވަނީ ޑީއާރްޕީއާ ވަކިވެވަޑައިގެންފަ އެވެ. އެމްޑީޕީ އާއި އަލީ ވަހީދު ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އޭނާ މިރޭ އެމްޑީޕީއަށް ސޮއިކުރައްވާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.