އަންނަ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރުމުގެ ބޭނުމުގައި، މެޑަމް ފާތުމަތު އިބްރާހިމް އިސްކޮށް ހުންނަވައިގެން ހިންގަމުން އަންނަ ރައީސް ޔާމީންގެ ކެމްޕޭނު އޮފީހަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފި އެވެ.

މިރޭ ކުއްލިގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމް ހިންގަނީ ޕާޓީގެ އޮފީހުންތޯ ނުވަތަ "އެހެން އޮފީހަކުން" ތޯ އާންމު މެމްބަރުން ސުވާލު އުފައްދަމުންދާ ކަމަށެވެ.

ޕާޓީގެ އޮފީހުން ކުރަން ޖެހޭ އެތައް މަސައްކަތެއް "އެހެން އޮފީހަކުން" ކުރާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

"ޕާޓީ ހިންގަނީ ޕާޓީގެ އޮފީހުންތޯ ނުވަތަ އެހެން އޮފީހަކުންތޯ، މި ސުވާލު ވަރަށް ގިނަ ގޮފިތަކުންނާއި އާންމު މެމްބަރުން އަޅުގަނޑާ ކުރައްވަމުން ގެންދަވާ. ޕާޓީއަށް ސޮއިކުރައްވާ މެމްބަރުންގެ ފޯމުތައް ބަލައިގަނެ، ގޮފިތައް ހަަދައި އަދި ގޮފިތަކަށް އެންގުން އަންގަައި އެހެން އޮފީހެއް ހުރިކަމުގެ ޝަކުވާ އަޅުގަނޑާ ހަމައަށް އަންނަމުން ދޭ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އެގޮތަށް ފޮނުވާ ފޯމުތަކާ ލިޔުންތައް ޕާޓީގެ އޮފީހަށް ލިބެމުން ނުދާތީ މެމްބަރުންނާ ގޮފިތައް ރަޖިސްޓްރީ ކުރެވެމުން ނުދާކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން ޕީޕީއެމް އިސްލާހުކޮށް، ޕާޓީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އިސްލާހީ ޕްރޮގްރާމެއް ފެށުމަށް މައުމޫން ވަނީ ނިންމަވައިފަ އެވެ.

ރައީސް މައުމޫން އާއި ރައީސް ޔާމީންގެ ދެކަނބަލުން: ރައީސް ޔާމީންގެ ކެމްޕޭނު އޮފީހަށް މައުމޫން ވަނީ ފާޑުވިދާޅުވެފައި -- ސަން ފޮޓޯ

އެގޮތުން ޕާޓީގެ މިހާރުގެ ހާލަތު ދެނެގަނެ، ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދު ހޯދައި، ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބާތޯ ދެނެގަނެ، ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބަލާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީ ހިންގާ ފަރާތަކީ އަދި ޕާޓީގެ ނަމުގައި ގޮފިތަކަށާއި އާންމު މެމްބަރުންނަށް އެކިއެކި އެންގުންތައް އަންގާ ފަރާތްތަކަކީ ހަމައެކަނި ޕާޓީގެ މައި އޮފީސް ކަމުގައި ހެދުން،މައުމޫން އަބްދުލް ގައްޔޫމް

މައުމޫން އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު، ފަހަކަށް އައިސް ޕީޕީއެމްގެ ނަމުގައި ހަރަކާތްތައް ހިންގަމުން އަންނަނީ ރައީސް ޔާމީންގެ ކެމްޕޭނު އޮފީހުންނެވެ. އެ އޮފީހުން އެންމެ ބޮޑަށް ކުރިއަށް ގެންދާ ހަރަކާތަކީ ރައީސް ޔާމީންގެ ކެމްޕޭނަށް ލީޑަރުން ތައްޔާރު ކުރުމަށް ކުރިއަށް ގެންދާ މަހާސިންތާތަކެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި މަހާސިންތާގެ ބުރުތައް ކުރިއަށް ގެންގޮސްފައި ވާއިރު، އެއިން އެއްވެސް މަހާސިންތާ އެއްގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެންފަ އެއް ނުވެ އެވެ.