ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އަމަލުކުރައްވަމުން ގެންދަވަނީ ޕާޓީގެ އެންގުންތަކާ ސީދާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިރޭ މީޑިއާއާ ބައްދަލުކުރައްވައި ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޕީޕީއެމްގެ އެތެރޭގެ ޑިސިޕްލިން ގެއްލިފައިވާ ކަމަށާއި ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމުގެ ރޫހު ޕާޓީގެ އެތެރޭގައި ކުޑަވަމުންދާ ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގެ 38 ވަނަ މާއްދާގެ (ށ) ގައި، ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތައް ވާންޖެހޭނީ ޕާޓީގެ މައިގަނޑު އުސޫލުތަކާ ސިޔާސަތުތަކާ އެއްގޮތް ނިންމުންތަކެއް ކަމުގައި ބަޔާން ކުރާ އިރު، ރައީސް މައުމޫން މިރޭ ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އަމަލު ކުރައްވަމުން ގެންދަވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އަންގަވާ ގޮތާ ޚިލާފަށް ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީގެ މެމްބަރުންނަށް ޓެކްސްޓް މެސެޖުގެ ޒަރިއްޔާއިން މައުމޫން އަންގަވާ ކަންކަން ވެސް މެމްބަރުން ނުކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ޕާޓީގެ މެމްބަރަކަށް ވެވޭނީ އަސާސީ ގަވައިދަށާއި ޕާޓީގެ އުސޫލުތަކާ ފިކުރަށް އެއްބަސްވާ މީހަކަށް ކަމަށް އަސާސީ ގަވައިދުގެ 14 ވަނަ މާއްދާގައި ބުނާ އިރު އެކަންކަމަށް އަމަލު ނުކުރާ މީހަކަށް ޕީޕީއެމްގެ މެމްބަރަކަށް ނުވެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"މިކަން މިހާ ސާފު އިބާރާތުން އަސާސީ ގަވައިދުގައި އޮތް އިރުވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮވެމެ، ޕާޓީގެ އަސާސުތަކާ މަގްސަދުތަކާ ފުށޫއަރާ ގޮތަށް ޕީޖީ ގްރޫޕުން އަމަލު ކުރުމަށް ވިޕްލައިން ކަނޑައެޅިގެން އެބަ ދޭ. މިފަދަ ނިންމުންތަކަކީ ސައްހަ ނިންމުންތަކަކަށް ނުވާނެ،" މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން (މ) ނިހާނާ ސަލާމް ކުރައްވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މައުމޫން ވިދާޅުވީ ރާއްޖޭގެ ފަޅުރަށްރަށާއި ބިމާއި ފަޅުތައް އާންމުކޮށް އިއުލާން ނުކޮށް ކުއްޔަށް ދޫކުރުމުގެ ބިލާއި މެދު އިއްޔެ ނޫން ކުރީ ދުވަހު މަޖިލީހުގައި ނެގި ވޯޓަކީ، ޕާޓީގެ އަސާސީ ގަވއިދާ ޚިލާފަށް އަދި ރައްޔިތުންނަށް ގެއްލުންހުރި ގޮތަކަށް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ކުރި އެތައް ކަންތައްތަކެއްގެ ތެރެއިން މިސާލެއް ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގެ 10 ވަނަ މާއްދާގައި ބުނަނީ ވަނަ މާއްދާގެ (މ) ގައި ވަނީ، ރާއްޖޭގެ ބިންތަކާއި ކަނޑުތަކާ އެތަންތަނާ ގުޅިފައިވާ އެންމެހައި ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ މުއްސަނދިކަން އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ލިބިދީ، ރައޔްިތުންނަށް ތަނަވަސްކަމާ ތިޔާގިކަން ގެނެސްދިނުމަކީ ޕާޓީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ދެއްވުމަށް އެދި ޕީޕީއެމް ކައުންސިލްގެ މެމްބަރުން ޕެޓިޝަނެއްގައި ސޮއިކޮށްފައިވާ އިރު މައުމޫން ވިދާޅުވީ، އޭގައި ސޮއިކުރެއްވި ބައެއް މެމްބަރުން އެކަން ކުރެއްވީ "އެނޫން ގޮތެއް ނެތިގެން" ކަމަށް ފަހުން އެމަނިކުފާނު އަރިހުގައި ދެންނެވި ކަމަށެވެ.

"އެ ޕެޓިޝަންގައި ސޮއިކުރެއްވި ކައުންސިލްގެ ބައެއް މެމްބަރުން އޭގައި ސޮއިކުރެއްވުމަށް ފަހު އަޅުގަނޑާ ގުޅުއްވާފައި ނުވަތަ ބައްދަލުކުރައްވާފައި، އެބޭފުޅުން ސޮއިކުރެއްވީ އެނޫން ގޮތެއް ނެތިގެން ކަމުގައި ވިދާޅުވެފައިވޭ. އަދި އެކަން ހިނގައިދިޔަ ގޮތް ވެސް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވި،" މައުމޫން ވިދާޅުވި އެވެ.

މައުމޫން އެހެން ވިދާޅުވިއިރު، އެމަނިކުފާނަށް ފާޅުގައި ތާއިދު ކުރައްވާ މަޖިލިސް މެމްބަރެއް ނެތެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން ގެންދަވަނީ ރައީސް ޔާމީނަށް ތާއިދު ކުރައްވާ ކަމަށް ފާޅުގައި ވިދާޅުވެ، ޕީޖީ ގްރޫޕުން ނިންމާ ނިންމުންތަކަށް ވޯޓު ދެއްވަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރެއްވުމަށް ޕާޓީގެ ޓިކެޓު އެމަނިކުފާނަށް ދެއްވަންޖެހޭނެ ކަމަށް ދަނީ ވަކާލާތު ކުރައްވަމުންނެވެ.